ހަބަރު

ރައީސް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި މީހާއަށް ޖޫރިމަނާއެއް

2017 ވަނަ އަހަރުގެ ތޭރޭގައި ރައީސް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި މީހާ 10،800 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

ކުރިމިނަލް ކޯޓުން ހއ. ދިއްދޫ، ހަވީރީ ފިނި، އަހުމަދު ސިރާޖްގެ މައްޗަށް އިއްވާފައިވާ ހުކުމުގައި ބުނެފައިވަނީ 2017 ވަނަ އަހަރުގެ 19 މާރިޗުގެ މެންދުރުގެ ވަގުތެއްގައި ރައީސް އޮފީހުގެ އަމީރު އަހުމަދު މަގާވީ ފަރާތުގެ ބިއްލޫރިގަނޑުގައި ޕޭމަންޓް ގަލަކުން ޖަހައި، ތަޅާލާފައިވާ ކަމަށެވެ. އޭނާގެ މައްޗަށް އެ މައްސަލައިގައި ދައުލަތުން ކޮށްފައިވަނީ މުދަލަށް ގެއްލުން ދިނުމުގެ ދައުވާ އެވެ.

ކުރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، އެމައްސަލައިގައި ކޯޓުން ބޭއްވި އިބްތިދާއީ އަޑުއެހުމުގައި، އެ ދައުވާއަކީ ސައްޙަ ދައުވާއެއްކަމަށާއި، އެ ކުުށަށް އިއުތިރާފުވެ، އެކަން ކުރެވުނީތީ މާފަށް އެދިފައިވާ ކަމަށާއި، އަދި އެފަދަ ކުށެއް ދެން އޭނާގެ ފަރާތުން ނުވާނެ ކަމުގެ ޔަގީންކަން ކޯޓުގައި ދީފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ހާދިސާގައި ގެއްލުންވެފައިވާ ތަނަށް ބަދަލެއްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކާނެ ކަމަށާއި، އަވަސް ނިޔާގެ މައްސަލައިގެ މަޖިލީހުގައިވެސް އޭނާ އެ ކުށަށް އިއުތިރާފުވެފައިވާ ކަމަށް އެ ހުކުމުގައި ވަނީ ބުނެފަ އެވެ.

އެހުކުމުގައި އިތުރަށް ބުނެފައިވަނީ، ސިރާޖުގެ މައްޗަށް މީގެކުރިން ޖިނާއީ ކުށެއް ސާބިތުވެފައި ނުވާތީއާއި އިބްތިދާއީ މަރުހަލާގައި ކުށަށް އިއުތިރާފުވެފައި ވާތީ، އަދި ލުއި އަދަބެއް ދެވެން އޮތް ނަމަ ލުއި އަދަބެއް ކަނޑައެޅުމަކީ އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ޝަރީއަތަށް ފެންނަ ކަމަށެވެ.

އެހެން ކަމުން، އޭނާގެ މައްޗަށް ކަނޑައެޅޭ އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމް ޖޫރިމަނާއަށް ބަދަލުކުރުމުން ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދަކީ 10،800 ރުފިޔާކަމަށާއި، އެ ފައިސާ ދެމަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކާ ހަލާސްކުރުމަށް އެ ހުކުމުގައި ވަނީ އަންގާފަ އެވެ.