ދިޝާ ޕަޓްނީ

ދިޝާ ހަމައެކަނި ރީތީއެއް ނޫން ހުނަރުވެސް އެބަހުރި: މޯހިތު

ދިޝާ ޕަޓްނީގެ އާ ފިލްމު "މަލަންގް" ގެ ފުރަތަމަ ޓްރެއިލާ ރިލިޒް ކުރުމާ ގުޅިގެން މިހާރު އެންމެން ވެސް ދައްކަނީ އެ ޓްރެއިލާގައި ދިޝާ ރީތި ކަމުގެ ވާހަކަ އެވެ. "މަލަންގް" ގައި ދިޝާ ފެންނަނީ ވަރަށް އާދަޔާޚިލާފު ރީތި ސިފައަކަށެވެ. އަދި އޭނާގެ ހަށިގަނޑުގެ ރީތިކަން ވެސް ވަރަށް ގިނަ ބަޔަކު ފާހަގަ ކުރި އެވެ.

"މަލަންގް"ގެ ޑައިރެކްޓަރު މޯހިތު ސޫރީ ވެސް ވަނީ ދިޝާއަށް ތައުރީފުކޮށް ވާހަކަ ދައްކާފަ އެވެ. ދާދިފަހުން އިންޑިޔާގެ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި މޯހިތު ބުނީ އެންމެންނަށް ވެސް ހީވަނީ ދިޝާއަކީ ހަށިގަނޑާއި ސިފަ ވަރަށް ރީތި އަންހެންކުއްޖެއް ކަމަށެވެ. ނަމަވެސް އޭނާގެ ރީތި ކަމަށް ވުރެ ވެސް ދިޝާގެ ވިސްނުން ތޫނު ކަމާއި ކުޅަދާނަކަން އަދި އެކްޓިން ހުނަރު ހުރިކަމަށް މޯހިތު ބުންޏެވެ.

"އަހަރެންގެ ފިލްމުގެ ކެރެކްޓާއާ ދިޝާގެ ސިފަ ވަރަށް ގުޅޭ. ދިޝާގެ ރޯލަށް ލިބެމުންދާ ތަރުހީބުން ވެސް އެކަން ވަރަށް ރަނގަޅަށް ޔަގީންވޭ. އަހަންނަށް ޔަގީން ފިލްމު ބަލާފަ ބެލުންތެރިންނަށް ވެސް ދިޝާގެ ކެރެކްޓާ ވަރަށް ކަމުދާނެ،" ޑައިރެކްޓަރު ބުންޏެވެ.

ދިޝާ ފިލްމު ކުޅެން ފެށިތާ މާ ގިނަ ދުވަސް ނުވިޔަސް އޭނާގެ ފޭނުންގެ އަދަދު އެތައް މިލިއަނަކަށް އަރަ އެވެ. ފިލްމު ކުޅެން ފެށުމުގެ ކުރިން ގިނަ ބަޔަކު ދިޝާ ދަންނަނީ ޓައިގާ ޝްރޮފްގެ ލޯބިވެރިޔާގެ ގޮތުގަ އެވެ. ނަމަވެސް ފިލްމު ކުޅެން ފެށުމާއެކު އޭނާއަކީ ބޮލީވުޑްގެ އެންމެ ރީތި އެއް ބަތަލާގެ ގޮތުގައި މީހުން ވަނީ ބަލައިގެންފަ އެވެ.

ދިޝާއަކީ މިހާރު ވަރަށް މަޝްހޫރު ގިނަ އިންޓަނޭޝަނަލް ބްރޭންޑްތަކެއްގެ ވެސް މޫނެވެ. މިއީވެސް ދިޝާގެ ރީތިކަން މުޅި ދުނިޔެ ވެސް ބަލައިގެންފިކަމުގެ ހެއްކެކެވެ.

ދިޝާގެ ފުރަތަމަ ފިލްމަކީ ސުޝާންތު ސިންގް ރާޖްޕޫތާއެކު އޭނާ ކުޅުނު "އެމްއެސް ދޯނީ" އެވެ. އޭގެ ފަހުން ސަލްމާން ޚާންގެ "ބާރަތު" ގައި ވެސް ދިޝާ ބައިވެރިވި އެވެ. އަދި ސަލްމާންގެ "ރާދޭ" ގެ ލީޑް ރޯލު ވެސް ދިޝާ އަށް ވަނީ ލިބިފަ އެވެ.

"މަލަންގް"ގައި ދިޝާ އާއެކު ލީޑް ރޯލު ކުޅެނީ އަދިތުޔާ ރޯއި ކަޕޫރެވެ. މިއީ "އާޝިގީ 2" އަށް ފަހު ޑައިރެކްޓަރު މޯހިތު ސޫރީ އާއި އަދިތުޔާ ގުޅިގެން އުފައްދާ ފުރަތަމަ ފިލްމެވެ.