ވިޔަފާރި

ގައުމީ ޝިޕިން ލައިން އުފެއްދުމުގެ މަސައްކަތް މި އަހަރު ފަށަނީ

Jan 15, 2020
3

ގައުމީ ޝިޕިން ލައިން އުފެއްދުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފި އެވެ.

އެސްޓީއޯއަށް 55 އަހަރު ފުރުމުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ ރާއްޖޭގެ އިމްޕޯޓުގެ ބޮޑު ބައެއް އެތެރެ ކުރަނީ ކަނޑު މަގުން ކަމަށާ، އެހެންކަމުން ގައުމީ ޝިޕިން ލައިނެއް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ގައުމީ ޝިޕިނެއް އުފެއްދުމުގެ ސަބަބުން ވިޔަފާރިވެރިންގެ ޖީބަށް ލުއިވެ، މުދަލުގެ އަގު ހެޔޮ ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މި އަހަރު ތެރޭގައި ގައުމީ ޝިޕިން ލައިނެއް އުފެއްދުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. ނަމަވެސް އެ މަސައްކަތުގެ އިތުރު ތަފުސީއެއް އަމްރު ނުދެއްވަ އެވެ.

ގައުމީ ޝިޕިން ކުންފުންޏެއް އުފެއްދުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އެސްޓީއޯ އިން މިދިޔަ އަހަރު ބޭއްވި، އަހަރީ އާއްމު ޖަލްސާގައި އިއުލާނުކޮށްފައިވެ އެވެ.

ގައުމީ ޝިޕިން ކުންފުންޏެއް އުފެއްދުމަކީ 2020 ގެ ތަސައްވުރުގައި ވެސް ހިމަނާފައި އޮތް ކަމެކެވެ. ނަމަވެސް 2020 އާ ހަމަ އަށް ވެސް ގައުމީ ޝިޕިން ކުންފުންޏެއް ރާއްޖޭގައި އުފެދިފައެއް ނުވެ އެވެ.

ރާއްޖެއަކީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގެ ދުވަސްވަރު ވަރުގަދަ ޝިޕިން ކުންފުންޏެއް އޮތް ގައުމެވެ.