ދުނިޔެ

ބަޣުދާދުގެ އެމެރިކާގެ ބޭސްއަށް ރޮކެޓް ހަމަލާތަކެއް

އިރާގްގެ ވެރިރަށް ބަގްދާދުގެ އުތުރުގައި ހުންނަ އެމެރިކާގެ ވައިގެ އަސްކަރީ ބޭސްއަކަށް ރޮކެޓް ހަމަލާތަކެއް ދީފި އެވެ.

އިރާގްގެ އަސްކަރިއްޔާއިން ބުނީ، "ކަޗޫޝާ ރޮކެޓް" ގެ ހަމަލާތަކެއް އެމެރިކާގެ އަސްކަރިއްޔާގެ ޓާޖީ ކޭމްޕަށް ރޭ އަމާޒުވެފައިވާ ކަމަށެވެ. އެހެންނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. ބަގްދާދުގެ އުުތުރުގައި ބޭސްވެފައިވާ އެމެރިކާގެ އަސްކަރީ ބޭސް އަކީ "އިސްލާމިކް ސްޓޭޓް" ގެ ނަމުގައި ހަނގުރާމަ ކުރާ ޖަމާއަތާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ތިބޭ ފޯސް އެކެވެ.

މި ރޮކެޓް ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެ އެވެ. އަމާޒުވީ ކިތައް ރޮކެޓް ކަމެއްވެސް އިރާގްގެ އަސްކަރިއްޔާއިން ބުނެފައެއް ނުވެ އެވެ.

އިރާގްގެ އަސްކަރިއްޔާއިން އާދިއްތަ ދުވަހު ބުނެފައި ވަނީ، ބަގްދާދުގެ އުތުރު ސަރަހައްދާ 80 ކިލޯމީޓަރު ދުރުގައި ހުންނަ ބަލަދު އެއާބޭސްގެ ސިފައިން ދިރިއުޅޭ ގެތަކަށް ދިން ހަމަލާގައި ހަތަރު މީހުން ޒަހަމް ވެފައިވާ ކަމަށެވެ. އެދުވަހުގެ ހަމަލާގައި އަށް ރޮކެޓް އަމާޒުވެފައިވާ ކަމަށް އިރާގްގެ އަސްކަރިއްޔާއިން ބުންޏެވެ.

ބަގްދާދުގެ ސަރަހައްދުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ރޮކެޓް ހަމަލާތަކެއް މި އަމާޒުވީ، މިދިޔަ ހަފުތާގައި އިރާނުން، އިރާގްގެ އަންބާރު ޕްރޮވިންސްގެ އައިނުލް އަސަދުގެ ހުންނަ އެމެރިކާގެ އަސްކަރީ ބޭސްއަށް ރޮކެޓް ހަމަލާތަކެއް ދިން ފަހުންނެވެ.

އިރާނާއި އިރާގްގެ ސަރަހައްދުގެ މަސްރަހް ހޫނު ވެފައި ވަނީ، މި މަހުގެ ތިން ވަނަ ދުވަހު އެމެރިކާއިން އިން އިރާންގެ އެންމެ އިސް އަސްކަރީ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހަރާކޮށްލުމުންނެވެ. އެމެރިކާގެ އަސްކަރިއްޔާއިން ސުލައިމާނީ އަވަހާރަ ކޮށްލީ އިރާގްގެ ވެރިރަށް ގަބުދާދުގެ އެއާޕޯޓް ސަރަހައްދުން އޭނާ ހުންނެވި ކާރަށް ދިން ޑްރޯން ހަމަލާއެއްގަ އެވެ.