ހިންދީ ސިނަމާއަށް މިހާރު ވަނީ އެ ގައުމުގެ ސިޔާސީ މައިދާނުގައި ހިނގާ ކަންތައްތަކުގެ އަސަރު ވަރަށް ބޮޑަށް ކޮށްފަ އެވެ. މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ޑައިރެކްޓަރު މެގްނާ ގުލްޒާރުގެ "ޗަޕާކް" އަށް ވެސް ގެއްލުން ވަމުން ދަނީ ސިޔާސީ ސަބަބުތަކަކާ ހެދި އެވެ.
ފިލްމު ބެލި އެންމެން ވެސް އަދި ކްރިޓިކްސް ވެސް ބުނެފައިވަނީ ފިލްމު އާދަޔާޚިލާފަށް މޮޅުވެފައި އަސަރުގަދަ ކަމަށެވެ. ނަމަވެސް ހަފުތާ ބަންދު ނިމުނުއިރު މި ފިލްމަށް ލިބިފައިވަނީ އެންމެ 17 ކްރޯޑު ރުޕީސް އެވެ. މިއީ ފިލްމީ ވިޔަފާރީގެ ތަޖުރިބާކާރުން ވެސް ލަފާ ކުރި އަދަދަށް ވުރެ މާ މަދު އަދަދެކެވެ.
ޓްރޭޑް އެނަލިސްޓުން ލަފާ ކޮށްފައިވަނީ ހަފުތާ ބަންދު ނިމޭއިރު 30-32 ކްރޯޑު ރުޕީސް މި ފިލްމަށް ލިބޭނެ ކަމަށެވެ. ބައެއް އެނަލިސްޓުން ފަހުން ބުނެފައިވަނީ "ޗަޕާކް" އަށް މިހާ ބޮޑު ގެއްލުމެއް ލިބުނީ ދިއްލީގެ ޖަވާހިރުލާލް ނެހްރޫ ޔުނިވަސިޓީ (ޖޭއެންޔޫ) ގައި ކުރަމުންދިޔަ މުޒާހަރާއެއްގައި ދީޕިކާ ބައިވެރިވުމުގެ ސަބަބުން ކަމަށެވެ.
މިވަރުގެ ބޮޑު ގެއްލުމަކާ ފިލްމަށް ކުރިމަތިވެދާނެ ކަމަށް ޚުޑް ދީޕިކާ ވެސް ނުވިސްނާ ކަމަށް ޔަގީން ކުރެވެ އެވެ. އެހެން ނޫންނަމަ ފިލްމު ރިލިޒްވާން ދެތިން ދުވަހަށް ވެފައި އޮއްވާ މިފަދަ ތަނަކަށް ދާކަށް ނުކެރުނީހެވެ.
ޚާއްސަކޮށް "ޗަޕާކް" އާއެކު ތަމަޅަ ސްޕަސްޓާ ރަޖްނީކާންތުގެ ފިލްމަކާއި އަޖޭ ދޭވްގަންގެ "ތަންހާޖީ" ރިލީޒް ކުރާއިރު އެންމެ ބޮޑަށް އަސަރު ކުރާނީ "ޗަޕާކް"ގެ ވިޔަފާރިއަށް ކަން އެނގި ހުރެ މި ފިލްމު ސިޔާސީ ކުރުމުގެ ފުރުސަތު ދިނުމަކީ ދީޕިކާ އަށް ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށް ބޮޑެތި ސިނަމާތަކުގެ ތަޖުރިބާކާރުން ވެސް ވަނީ ބުނެފަ އެވެ. ޚާއްސަކޮށް ދީޕިކާގެ މާކެޓިން ޓީމަށް އެމީހުން ވަރަށް ބޮޑަށް ފާޑުކިއެވެ. މިއީ މާކެޓިން ޓީމުން އެޅި ވަރަށް ބޮޑު ޅަ އެއްޗެއްގެ ގޮތުގައި އެމީހުން ސިފަ ކުރެ އެވެ.
ޖޭއެންޔޫއަށް ގޮސް މުޒާހަރާ ކުރާ މީހުންނާ ބައިވެރިވާން ދީޕިކާ އަށް ލަފާ ދިނީ އޭނާގެ މާކެޓިން ޓީމުން ކަމަށް ވެއެވެ. ނަމަވެސް މިކަން ވީ ފިލްމާ ދެކޮޅަށް ބަޔަކު ތެދުވުމަށް މެދުވެރިވީ ކަމަކަށެވެ. ފިލްމު ބޮއިކޮޓްކުރަން އެތައް ބަޔަކު ގޮވައި ބޮޑު ހާޖާނުގަނޑެއް ހިނގަން މެދުވެރިވި ސަބަބަކަށެވެ.
ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް "ޗަޕާކް" އަށް މާ އެދެވޭ ވިޔަފާރިއެއް ކުރެވިދާނެކަމާ މެދު މިހާރު ޝައްކެވެ.
މި ފިލްމުގައި ދައްކަނީ ކައިވެނިކުރަން އެދުނު މީހަކަށް ނޫނެކޭ ބުނުމުން އެމީހާ ރުޅިއައިސްގެން އަންހެންކުއްޖެއްގެ ގަޔަށް އެސިޑް ޖެހުމުގެ ސަބަބުން އޭނާގެ ރީތިކަން ގެއްލި އުފަން ޖެހުނު ވޭނާއި ކެކުޅުމެވެ. އަދި އިންސާފު ހޯދަން އޭނާ ކުރި ބުރަ މަސައްކަތެވެ. މިއީ ލަކްޝްމީ އަގަރްވާލް ނަމަކަށް ކިޔާ މީހެއްގެ ހަޔާތުގެ ސަފުހާ ތަކެކެވެ. މި ފިލްމުގައި މި މުހިއްމު ރޯލު ކުޅުނީ ދީޕިކާ ޕަދުކޯން އެވެ.
މި ފިލްމުގައި ދީޕިކާ ކުޅެފައިވާ ރޯލަށް ގިނަ އެވޯޑްތަކެއް މިއަހަރު އޭނާ ގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ހެދުނު އެންމެ ގޯހަކުން ފިލްމަށް ބޮޑު ލަނޑެއް ލިބުނީ އެވެ.