ބާސެލޯނާ

ސެޓިއެން ޔަގީންކަން ދިނީ އެންމެ ކަމަކަށް

ބާސެލޯނާގެ ކުޅުން ރަނގަޅުވާނެ ކަމުގެ ގެރެންޓީ މިހާރު ވެސް އޭނާއަށް ދޭން ކެރޭނެ ކަމަށް އެ ޓީމުގެ އާ ކޯޗް ކީކޭ ސެޓިއެން ބުނެފި އެވެ.

އެރުނެސްޓޯ ވަލްވެރުޑޭ ވަކި ކުރުމަށް ފަހު ބާސާގެ ކޯޗްކަން އޭނާ އާ ހަވާލު ކުރުމަށް ފަހު އެ ކުލަބުން ބޭއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ސެޓިއެން ބުނީ، މާ ދިގު ސީވީއެއް އޭނާގެ ނެތް ނަމަވެސް ބާސާއިން އޭނާ އާ ހަމައަށް އައުމުން އުފާވާ ކަމަށެވެ.

"އިއްޔެ [ހޯމަ ދުވަހު] އަހަރެން ހުރީ އަހަރެންގެ އުފަން ޓައުންގައި ގެރި ގާފިލާއެއްގެ ފަހަތުން ހިންގަން، މިއަދު [އަންގާރަ ދުވަހު] އަހަރެން މިހުރީ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިން ހިމެނޭ ޓީމަށް ކޯޗް ކޮށްދޭން،" ކުރިން ރެއާލް ބެޓިސްއަށް ކޯޗް ކޮށްދިން ސެޓިއެން ބުންޏެވެ. "މި ހުށަހެޅުން ގަބޫލު ކުރަން އަހަންނަށް ފަސް މިނެޓް ވެސް ހޭދަ ނުވޭ."

އޭނާ ބުނީ، އޭނާގެ އަތުގައި އޮތީ އޭނާ ގަބޫލުކޮށް ލޯބިވާ ފިލޯސަފީ ކަމަށެވެ. އެހެން ނަމަވެސް އެވަރުން ބާސާއަށް ފުދޭނެތޯ ނޫންތޯ ބުނެދޭން ނޭނގޭ ކަމަށެވެ.

"އަހަރެން ޓީމާ ހަވާލުވާއިރު އަހަންނަށް އެއް ކަމަކަށް ޔަގީން ދެވިދާނެ، އެއީ އަހަރެން ޔަގީންކަން ދެން ޓީމުގެ ކުޅުން ރަނގަޅު ވާނެ ކަމަށް." ސެޓިއެން ބުންޏެވެ.

ސެޓިއެން ވަނީ، ވަލްވެރުޑޭ ކުރި މަސައްކަތައް ޝުކުރު އަދާ ކޮށްފަ އެވެ. އޭނާ ބުނީ ވަލްވެރުޑޭ ކޮށްފައިވާ މަސައްކަތުން އޭނާއަށް ވެސް ފައިދާ ކުރާނެ ކަންކަން ހުންނާނެ ކަމަށާއި އެހެންވެ އޭނާ ވަލްވެރުޑޭ އާ ވެސް ވާހަކަ ދައްކާފައި ވާނެ ކަމަށެވެ.