ބާސެލޯނާ

ދުނިޔޭގެ އެންމެ މުއްސަނދި ކުލަބަކަށް ބާސާ

ރެއާލް މެޑްރިޑް ފަހަތަށް ޖައްސާލުމަށް ފަހު ދުނިޔޭގެ އެންމެ މުއްސަދި ކުލަބުތަކުގެ ކުރިއަށް ވާދަވެރި އެފްސީ ބާސެލޯނާ އަރައިފި އެވެ.

ޑެލޮއިޓް ފުޓްބޯލް މަނީ ލީގްގެ ދިރާސާއިން ދައްކާ ގޮތުގައި ދުނިޔޭގެ އެންމެ މުއްސަނދި ކުލަބުތަކުގެ އެއްވަނަ އަށް ބާސާ އެރީ މިދިޔަ އަހަރު 935.9 މިލިއަން ޑޮލަރު (14.359 ބިލިއަން ރުފިޔާ) ގެ ރެކޯޑް ފައިދާއެއް ހޯދައިގެންނެވެ. މިއީ ބާސާއިން ދުނިޔޭގެ ފުޓްބޯލް މަނީ ލީގްގެ އެންމެ ކުރިއަށް އެރި ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރު އެއް ވަނައަށް ގައި އޮތް ރެއާލް މެޑްރިޑް ވަނީ ދެ ވަނައަށް ވެއްޓިފަ އެވެ. އާންމުދަނީގެ ގޮތުގައި އެ ކުލަބަށް މިދިޔަ ސީޒަންގައި ލިބިފައި ވަނީ، 842.9 މިލިއަން ޑޮލަރެވެ. ރެއާލް މެޑްރިޑް އަތުން މީގެ ކުރިން އެއްވަނަ މަގާމު އަތުލަނީ މެންޗެސްޓާ ޔުނައިޓެޑެވެ.

ޖެހިޖެހިގެން 11 އަހަރު ވަންދެން ދުނިޔޭގެ އެންމެ މުއްސަނދި ކުލަބުގެ ގޮތުގައި އޮތް ރެއާލް މެޑްރިޑް އަތުން ޔުނައިޓެޑް ވަނީ، 2017 އަދި 2018 ގައި އެންމެ މުއްސަދި ކުލަބުގެ މަގާމު އަތުލާފަ އެވެ. އެއަށްފަހު އަނެއްކާ ވެސް ރެއާލުން ވަނީ މިދިޔަ އަހަރު އެއް ވަނަ މަގާމު ހޯދާފަ އެވެ.

މިދިޔަ އަހަރު ތިން ވަނަ ލިބުނު މެންޗެސްޓާ ޔުނައިޓެޑް މި އަހަރުވެސް އޮތީ ތިން ވަނައިގަ އެވެ. އެ ކުލަބަށް ފައިދާގެ ގޮތުގައި މިދިޔަ އަހަރު ލިބުނީ 792 މިލިއަން ޔޫރޯ އެވެ. އަންނަ އަހަރު ޔުނައިޓެޑްގެ މައްޗަށް އެހެން ކުލަބުތަކުން ކުރި ހޯދުމުގެ ފުރުސަތު ބޮޑު ކަމަށް ޑެލޮއިޓް ފުޓްބޯލްއިން އަންދާޒާ ކުރެ އެވެ.

މި އަންނަ އަހަރުވެސް އެއް ވަނައިގައި ބާސެލޯނާ ހިފަހައްޓާލާނެ ކަމަށް ޑެލޮއިޓުން ލަފާ ކުރެ އެވެ. އަދި ފައިދާގެ ގޮތުގައި އެއް ބިލިއަން ޑޮލަރު ފައިދާއެއް ހޯދާ ފުރުތަމަ ކުލަބަށް ބާސެލޯނާ ވާނެ ކަމަށްވެސް އަންދާޒާ ކުރެ އެވެ.

ޑެލޮއިޓު ފުޓްބޯލް މަނީ ލީގް ގަދަ 10

  • އެފްސީ ބާސެލޯނާ - 935.9 މިލިއަން ޑޮލަރު
  • ރެއާލް މެޑްރިޑް - 842.9 މިލިއަން ޑޮލަރު
  • މެންޗެސްޓާ ޔުނައިޓަޑް - 792 މިލިއަން ޑޮލަރު
  • ބަޔާން މިޔުނިކް - 734.8 މިލިއަން ޑޮލަރު
  • ޕީއެސްޖީ - 707.8 މިލިއަން ޑޮލަރު
  • މެނެޗެސްޓާ ސިޓީ - 679.7 މިލިއަން ޑޮލަރު
  • ލިވަޕޫލް 673.1 މިލިއަން ޑޮލަރު
  • ޓޮޓެންހަމް ހޮޓްސްޕާސް - 580 މިލިއަން ޑޮލަރު
  • ޗެލްސީ - 571.1 މިލިއަން ޑޮލަރު
  • ޔުވެންޓަސް - 511.7 މިލިއަން ޑޮލަރު