އޭޝިއާގެ ބައެއް ލީގްތަކުގައި ކުރިން ކުޅެފައިވާ ސާބިއާގެ ޑިފެންޑަރެއް ކަމަށްވާ ޕީޓާ ޕްލަނިޗް މާޒިޔާ އަށް ގެނެސްފި އެވެ.
ލުބުނާން އާއި އިންޑޮނޭޝިއާގެ ޓޮޕް ލީގްގައި ކުޅެފައިވާ ޕްލަނިޗް މާޒިޔާއިން ގެނައީ އޭއެފްސީ ކަޕަށް އެ ޓީމު ވަރުގަދަ ކުރުމުގެ ގޮތުންނެވެ. ޕްލަނިޗް އަކީ މާޒިޔާއިން ގެނައި ދެ ވަނަ ޑިފެންޑަރެވެ. އަފްގާނިސްތާންގެ ގައުމީ ޓީމުގެ ޑިފެންޑަރު ޝަރީފް މުހައްމަދު ވަނީ ކުރިން މާޒިޔާއަށް ސޮއި ކޮށްފަ އެވެ. އިއްޔަ ފޯކައިދުއާ ދެކޮޅަށް ކުޅުނު މެޗަކީ މާޒިޔާގައި އޭނާ ކުޅުނު ފުރަތަމަ މެޗެވެ.
ޕްލަނިޗް އާއެކު މާޒިޔާގެ ބިދޭސީ ކުޅުންތެރިންގެ ޖާގަތައް މިހާރު ވަނީ ހަމަ ވެފަ އެވެ. އަފްގާނިސްތާންގެ ގައުމީ ޓީމުގެ ކީޕަރު އޮވައިސް އަޒީޒީ އާއި ކެރީބިއަން ސަރހައްދުގެ ކުޑަ ގައުމެއް ކަމަށްވާ ސެއިންޓް ވިންސެންޓްގެ ގައުމީ ޓީމުގެ ފޯވަޑް ކޯނޭލިއަސް ސްޓްވާޓް (ކޯނޭ) ދަނީ ސީޒަން ފެށުނީންސުރެ މާޒިޔާގައި ކުޅެމުންނެވެ.
ޖެނުއަރީ ޓްރާންސްފާ ޕީރިއަޑްގައި މާޒިޔާއިން ވަނީ ޓީސީގެ ގައުމީ ޓީމުގެ މިޑްފީލްޑާ އިބްރާހިމް އައިސަމް (ޓޯނީ) އާއި ޑިފެންޑަރު މުހައްމަދު ސާމިރު ލައްވައި ސޮއި ކުރުވާފަ އެވެ.
މާޒިޔާއިން ޓީމު ވަރުގަދަ ކުރަނީ އޭއެފްސީ ކަޕް ކޮލިފިކޭޝަނަށް ތައްޔާރު ވުމަށެވެ. އޭއެފްސީ ކަޕްގެ ދަތުރު މާޒިޔާ ފަށަން ޖެހޭނީ ޕްރިލިމިނަރީގެ ދެ ވަނަ ބުރުންނެވެ. އެ ބުރުގައި މާޒިޔާއިން ނުކުންނާނީ ބަންގުލަދޭޝްގެ ޑާކާ އަބަހާނީ އާ ދެކޮޅަށެވެ. މާޒިޔާއިން ވަނީ 2017 ވަނަ އަހަރު އޭއެފްސީ ކަޕްގައި ޑާކާ އަބާހަނީ ބަލި ކޮށްފަ އެވެ.
އަބާހަނީ އާ ދެކޮޅަށް ކުޅޭ ފުރަތަމަ ލެގް މެޗު އޮންނާނީ ޑާކާގަ އެވެ. އެ މެޗު ކުޅޭނީ އަންނަ މަހު ފަސް ވަނަ ދުވަހު އެވެ. ދެ ވަނަ ލެގް މެޗު މާލޭގައި އޮންނާނީ އަންނަ މަހު 12 ވަނަ ދުވަހު އެވެ. ޕްރިލިމިނަރީ ދެ ވަނަ ބުރުން މޮޅުވާ ޓީމެއް ވާދަ ކުރަނީ ޕްލޭ އޮފް ބުރުގަ އެވެ.