ހަބަރު

ރުތުބާގެ މޭކަޕް ޝޯ އެއް ދިރާގު ޓީވީއަށް

ދިރާގުޓީވީއަށް މޭކަޕްއާޓިސްޓް ރުތުބާގެ މޭކަޕް ޝޯ އެއް ފަށަން ސޮއި ކޮށްފި އެވެ.

ރުތްބާ އަކީ ރާއްޖޭގައި މޭކަޕް އާޓިސްޓެއްގެ ގޮތުގައި އަހަރުތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ ފަރާތެކެވެ. ރުތްބާގެ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތެއް ފެނެގިންދިއައީ 2019 ވަނަ އަހަރު "ވައިޓް ފަޔަރ" ގެ ނަމުގައި މޫސުމަށް އަންނަ ބަދަލާ ބެހޭގޮތުންނާއި ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ދައްކުވައިދޭން ފޮޓޯގްރާފަރު "ޑަބަލް ޑޮޓް" ބޭއްވި އެކްސިބިޝަނުގަ އެވެ. މީގެ އިތުރުން، ދިވެހި ފިލްމު "ބަވަތި"ގައި ރުތުބާ ކުރި މޭކަޕްތައްވެސް ފާހަގަކޮށްލެވެ އެވެ.

"މޭކަޕް ބައި ރުތުބާ" ވާނީ މި ފަދަ ގޮތަކަށް ދިވެހި ޓީވީ ޕްލެޓްފޯމެއްގައި ނެރޭ ފުރަތަމަ ޝޯ އަށެވެ. މި ސީރީޒް ދިރާގުޓީވީގެ ވީޑިއޯ އޮން ޑިމާންޑް ލައިބްރަރީ އިން މިއަހަރު ތެރޭގައި އާންމުންނަށް ފެންނާނެ ކަމަށް ދިރާގުން ބުނެ އެވެ.

ރުތުބާ ބުނީ ދިރާގުޓީވީ އިން ދިވެހި ފަންނުވެރިން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތް ބަލައިގަންނަ ކަމަށާއި އެއީ އޭނާ އަށް ލިބިފައިހުރި ހުނަރާއި ތަޖުރިބާ އާންމުންނަށް ދަސްކޮއްދިނުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.

ދިރާގުން މަސައްކަތް ކުރަނީ ދިރާގު ޓީވީ އިން ހަބަރާއި މުނިފުހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމަޔަށް ފަސޭހަ ކަމާއި ހެޔޮ އަގުގައި ފޯރުކޮށްދިނުމެވެ. ދިރާގު ޓީވީ މިހާރު ރާއްޖޭގެ އާބާދީގެ 74% އަށް ފޯރުކޮށްދެ އެވެ.