ހަބަރު

މައުލޫމާތު ހިއްސާކުރަން ހައުސިންއާ އެންސްޕާ ސޮއެކޮށްފި

މައުލޫމާތު ހިއްސާ ކުރުމުގެ ނޮން -ޑިސްކްލޯސާ އެގްރިމެންޓެއްގައި ހައުސިން މިނިސްޓްރީ އާއި އެންސްޕާ އާއި ދެމެދު ސޮއިކޮށްފި އެވެ.

ހައުސިން މިނިސްޓްރީން ބުނީ، އެ އެއްބަސްވުމަކީ އެންސްޕާ މެދުވެރިކޮށް ދައުލަތުގެ މާލީ އެހީ ލިބޭ ފަރާތްތަކުގެ މައުލޫމާތު ހައުސިން މިނިސްޓްރީގެ "މަގޭ ހިޔާވެހި" އޮންލައިން ޕޯޓަލްގެ ބޭނުމަށް ލިބޭނެ ގޮތް ހެދުމަށްޓަކައި ވެވޭ ނޮން -ޑިސްކްލޯސާ އެގްރިމެންޓެެއް ކަމަށެވެ. އެ އެއްބަސުވުމުގެ ދަށުން ފޯރުކޮށްދޭ މައުލޫމާތު ދެވޭ ބޭނުން ފިޔަވައި އެހެން ކަމަކަށް ބޭނުން ނުކުރުމާއި، އެ މައުލޫމާތުގެ ސިއްރުކަން ހިފަހައްޓައި އިތުރު ފަރާތަކާއި އެ މައުލޫމާތު ހިއްސާ ނުކުރުން ހިމެނެ އެވެ.

އެއެއްބަސްވުމުގެ ދަށުން އެކަނިވެރި މައިންގެ މައުލޫމާތާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މައުލޫމާތާއި ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނާއި، އެކުދިން ބަލަހައްޓާ ފަރާތްތަކުގެ މައުލޫމާތާއި އަދި ކާބޯތަކެތި ގަތުމަށް މާލީ އެހީ ދެވޭ ފަރާތްތަކުގެ މައުލޫމާތު ޕޯޓަލްއަށް ކަނޑައެޅިފައިވާ ހާއްސަ އިލެކްޓްރޯނިކް ނިޒާމެއް މެދުވެރިކޮށް ފޯރުކޮށް ދެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.