ރަޝިޔާ

ރަޝިއާގެ ބޮޑުވަޒީރާއި ކެބިނެޓް އިސްތިއުފާ ދީފި

މޮސްކޯ (ޖެނުއަރީ 15) - ގާނޫނު އަސާސީއަށް ބަދަލު ގެންނަން، ރައީސް ވުލެޑިމީރު ޕުޓިން ހުށަހެޅުއްވުމުން، ބޮޑު ވަޒީރު ޑިމިޓްރީ މެޑްވެޑޭވް އާއި އޭނާގެ ސަރުކާރު އިސްތިއުފާ ދީފި އެވެ.

ގާނޫނު އަސާސީއަށް ޕުޓިން ހުށަހަޅުއްވަނީ ބޮޑު ވަޒީރާއި ސަރުކާރު އެކުލަވާލުމަށް އަމާލު ކުރާ އުސޫލަށް ބަދަލު ގެނައުމަށެވެ. މިހާރު ރަޝިއާގެ ބޮޑު ވަޒީރާއި ކެބިނެޓް އައްޔަން ކުރަނީ ރައީސް އެވެ. މިހާރު ޕުޓިން ހުށަހަޅުއްވަނީ، ބޮޑު ވަޒީރާއި ކެބިނެޓް އައްޔަން ކުރަން ގާނޫނު ހަދާ މަޖިލީހުގެ ބާރެއްގެ ގޮތުގައި ބޭއްވުމަށެވެ.

"މިބަދަލުގެ ސަބަބުން މަޖިލީހާއި މަޖިލީހުގައި ތަމްސީލު ކުރާ ޕާޓީ ތަކުގެ ދައުރު ފުޅާވާނެ،" މަޖިލީހުގެ ގިނަ މެންބަރުން ހާޒިރުވެވަޑައިގެން ތިއްބެވި ޖަލްސާގައި ގައުމާ މުހާތަބު ކުރައްވަމުން ޕުޓިން ވިދާޅުވި އެވެ. "އަދި މަޖިލީހުގެ ދައުރު ބޮޑުވެ، ވަޒީރުންނަށް އިތުރު މިނިވަންކަން ލިބިގެންދާނެ."

ގައުމާ މުހާތަބު ކުރައްވަމުން ޕުޓިން ވިދާޅުވީ، ރަޝިއާގެ ސެކިއުރިޓީ ކައުންސިލްގެ ޑެޕިޔުޓީ ޗެއާމަންގެ މަގާމު އުފެއްދެވުމަށް ގަސްތު ކުރައްވާ ކަމަށާއި އެ މަގާމު މެޑްވެޑޭވްއަށް ހުށަހަޅުއްވާނެ ކަމަށެވެ. ރަޝިއާގެ ކަންކަމުގައި ބަސްކިއުމުގެ ވަރުގަދަ ބާރެއް އޮންނަ އެ ކައުންސިލްގެ ޗެއާމަންއަކީ ޕުޓިން އެވެ.

ޕުޓިން ވިދާޅުވީ އާ ބަދަލު ތަންފީޒު ކުރުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ހުށަހަޅުއްވާނެ ކަމަށެވެ. އޭނާ ވަނީ މަގާމުތަކަށް އާ ވަޒީރުން ހަމަޖައްސަވަންދެން ވަޒީރުން މަގާމުތަކުގައި ތިއްބެވުމަށް އެދި ވަޑައިގެންފަ އެވެ.

މެޑްވެޑޭވް އާއި އޭނާގެ ކެބިނެޓް އިސްތިއުފާ ދިނީ، ޕުޓިންގެ ތަގްރީރު ދެއްވިތާ ގަޑިއެއްހާއިރު ފަހުންނެވެ. "މިހާލަތުގައި އަހަރެން ދެކެނީ ރަޝިއާގެ ސަރުކާރު އިސްތިއުފާ ދިނުމަކީ އެންމެ ރަނގަޅު ކަމެއްހެން." މެޑްވެޑޭވް ވިދާޅުވި އެވެ.

ރަޝިއާގެ ބޮޑު ވަޒީރު ކަމަށް މެޑްވެޑޭވް ވަޑައިގެންނެވީ 2012 ވަނަ އަހަރު އެވެ. އޭގެ ކުރިން ހަތަރު އަހަރުވަންދެން އޭނާ ވަނީ ރައީސް ކަމުގެ މަގާމު އަދާ ކުރައްވާފަ އެވެ. އެއީ ރައީސް ކަމުގައި ހުންނަވައި ޕުޓިން ބޮޑުވަޒީރު ކަމާ ހަވާލުވުމުންނެވެ. މެޑްވެޑޭވް އަކީ ވެރިކަން ކުރާ
ޔުނައިޓެޑް ރަޝިއާ ޕާޓީގެ ލީޑަރެވެ.