ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތަރައްގީ ކުރާ އާ ސީޕްލޭން ޓާމިނަލް، ވަރަށް އަވަހަށް ޓީއެމްއޭ އާއި ހަވާލުކުރާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަން އެގޮތަށް ކޮށްފިނަމަ ރައްޔިތުންގެ މަޖިލީހުން އެ މައްސަލަ ބަލާ ފިޔަވަޅު އަޅާނެ ކަމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އެއާޕޯޓުގައި އާ ސީޕްލޭން ޓާމިނަލް އެޅުމުގެ މަސައްކަތަކީ އެމްއޭސީއެލް އިން 848 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއު ނިމުމަށް ފަހު އެމްއޭސީއެލް އިން ޓާމިނަލް ހިންގައިގެން ސަރުކާރަށް ބޮޑު ފައިދާއެއް ވާން އޮތް ނަމަވެސް ސީޕްލޭން ޓާމިނަލް ހިންގަން ޓީއެމްއޭއަށް ދިނުމަށް އެ ކުންފުނިން މަޝްވަރާކޮށްފައިވެ އެވެ.
އެ މައްސަލަ ހޫނުވެފައި ވަނިކޮށް، ޔައުގޫބް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްއޭސީއެލްއިން ސީޕްލޭން ޓާމިނަލް ވަރަށް އަވަހަށް ޓީއެމްއޭ އާއި ހަވާލުކުރާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ދައުލަތައް ގެއްލުންވާ ގޮތަށް އެތަން ޓީއެމްއޭއާއި ހަވާލުކޮށްފިނަމަ އެ ބަޔަކު ޖަވާބުދާރީ ކުރުވަން ފަސް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މާލިއްޔަތު ކޮމެޓީއިން އެ މައްސަލަ ބަލާ އެ ބަޔަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ދެއްވި އެވެ.
އާ ސީޕްލޭން ޓާމިނަލް އާއި ވީވީއައިޕީ އިމާރާތް ހިންގާ ބަލަހައްޓާނީ އެމްއޭސީއެލް އިން ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. ނަމަވެސް އެކި އެކި ސީޕްލޭން އޮޕަރޭޓަރުންގެ އޮޕަރޭޝަން ހިންގާނީ، އޮޕަރޭޝަނަށް ބޭނުންވާ ޖާގަ މިޓާމިނަލްއިން ކުއްޔަށް ހިފައިގެން ކަމަށްވެސް ވަނީ ބުނެފައެވެ.
އެ ކުންފުނިން ބުނީ ސީޕްލޭން އޮޕަރޭޓަރުންނާއި ދެމެދު ޓާމިނަލްއިން ޖާގަ ކުއްޔަށް ދިނުމަށް މަޝްވަރާތަކެއް ކުރެވުނު ކަމުގައި ވީނަމަވެސް މިހާތަނަށް އައި އިރު، އެއްވެސް އޮޕަރޭޓަރަކާއެކު އައު ސީޕްލޭން ޓާމިނަލްއިން ޖާގަ ކުއްޔަށް ދިނުމަށް އެއްބަސްވެވިފައި ނުވާ ކަމަށެވެ. އަދި މިވަގުތު މަޝްވަރާތައް މަޑުޖައްސާލާފައި ވަނީ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުގެ މަތިން ކަމަށެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ހެދިފައިވާ އާ ރަންވޭ އޮޕަރޭޓްކުރަން ފެށުމަކީ އެއާޕޯޓުގެ އޮޕަރޭޝަނަށް މިވަގުތު ވަރަށް މުހިންމު ކަމެއް ކަމަށާ ނަމަވެސް އައު ރަންވޭ އޮޕަރޭޓް ކުރެވެން އަންނަނީ މިވަގުތު އެންމެބޮޑު ސީޕްލޭން އޮޕަރޭޓަރު ކަމަށްވާ ޓީއެމްއޭ ފެސިލިޓީސްއާއި އެ ސަރަހައްދުގައިވާ އެހެނިހެން އިމާރާތްތައް ހުސްކުރެވިގެން ކަމަށެވެ. އަދި ޓީއެމްއޭގެ އިމާރާތްތައް ފިޔަވައި ދެ މަސް ދުވަހުގެ ތެރޭގައި ހުސްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"ނަމަވެސް، ޓީއެމްއޭގެ އިމާރާތްތައް ހުސްކުރެވެން އަންނަނީ އެހެނިހެން އިމާރާތްތައް ކުރިއަށް އޮތް އަންނަނީ މިވަގުތު މިވަގުތު މަޑުޖައްސާލެވިފައިިިިިިިވާ މަޝްވަރާތަކަށް ހައްލެއް ލިބި ޓީއެމްއޭގެ ފެސިލިޓީސްތައް ރިލޮކޭޓް ކުރެވިގެން." އެމްއޭސީއެލް އިން މިމަހުގެ ފުރަތަމަ ދުވަހު ނެރުނު ބަޔާނުގައިވެއެވެ.
ސީޕްލޭން ޓާމިނަލް ހިންގުމުގެ ފުރިހަމަ ގާބިލްކަން އެމްއޭސީއެލްގައި އެބަހުރި ކަމަށާއި އެކަން އެގޮތައް ކުރާނެ ކަމާމެދު ޝައްކެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްވެސް ވަނީ ވިދާޅުވެފައެވެ.
އާ ޓާމިނަލް ހަދަމުން ދަނީ އެއް ފަހަރާ 55 ސީޕްލޭން އަށް ހިދުމަތް ދެވޭ ގޮތަށެވެ. އަދި މިތަން ހަދާފައިވަނީ މި އަދަދު 100 އަށް އިތުރު ކުރެވޭނެ ގޮތް ބަލައިގެންނެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ބޭސް އޮންނަ ރާއްޖޭގެ އާ ސީޕްލޭން ޓާމިނަލްގެ ބިންގާ އަޅާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 29، ޖެނުއަރީ 2018 ގަ އެވެ. މިތަން ހަދާފައިވަނީ ހުޅުލެ ފަޅުން 3.2 ހެކްޓަރު (32،000 އަކަމީޓަރު) ގެ ބިން ހިއްކައިގެންނެވެ. މި ތަން ހަދާފައިވަނީ 14،000 އަކަމީޓަރު ސަރަހައްދެއްގަ އެވެ. ސީޕްލޭން ޓާމިނަލްގެ މަސައްކަތް ކުރަނީ، ވީއައިއޭގެ އެންމެ މުހިންމު މަސައްކަތް ކަމަށްވާ އާ ރަންވޭގެ މަސައްކަތް ކުރާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންނެވެ.