ހަބަރު

އާ ސީޕްލޭން ޓާމިނަލްގެ މައްސަލަ މަޖިލީހުން ބަލަނީ

އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭއަށް ބޮޑު ފައިދާއެއް ލިބޭގޮތަށް ދޫކޮށްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަން ނިންމައިފި އެވެ.

ސަރުކާރުން އިއްޔެ ވަނީ އާ ސީޕްލޭން ޓާމިނަލްގެ ބައެއް ދޭން ނިންމާފަ އެވެ. އަދި ދެ އަހަރު ދުވަހަށް 5،383 އަކަ މީޓަރުގެ ސަރަހައްދެއް ދޭން ނިންމާފައި ވަނީ އަކަ މީޓަރެއް 10.35 ޑޮލަރަށެވެ. އަދި ދެ އަހަރު ފަހުން މާކެޓު ރޭޓުގައި އެ ސަރަހައްދު ޓީއެމްއޭއިން ހިފަން ޖެހޭ ގޮތަށް ވެސް ވަނީ ނިންމާފަ އެވެ.

ސީޕްލޭން ޓާމިނަލްގެ މައްސަލާގައި އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންދާ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ އާ ސީޕްލޭން ޓާމިނަލްގެ ކަންކަން ހިނގާދިޔަ ގޮތް މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ބަލާނެ ކަމަށެވެ. އަދި އެ މަސައްކަތް ފެށޭ ހަފްތާގައި ކުރާނެ ކަމަށް ވިދާޅުވިއެވެ.

އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭއަށް ބޮޑު ފައިދާއެއް ލިބޭގޮތަށް ދޫކޮށްލުމަކީ ގާނޫނީ ކުށެއް ކަމަށާ އެއީ ކޮރަޕްޝަންގެ އަމަލެއް ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމްވެސް ވަނީ ވިދާޅުވެފައެވެ.

އުޝާމް ވިދާޅުވީ ދައުލަތަށް ފައިދާއެއް ލިބެން އޮތް އެއްވެސް ކަމެއްގެ ފައިދާ ދައުލަތަށް ނުލިބޭ ގޮތަށް ނުވަތަ އެ ފައިދާއަށް އެއްވެސް އުނިކަމެއް ލިބޭ ގޮތަށް އަމަލު ކުރުމަކީ ގާނޫނީ ކުށެއް ކަމަށެވެ. އަދި އެއީ ކޮރަޕްޝަންގެ އަމަލެއް ކަމަށް ވެސް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ތަރައްގީ ކުރަމުން ގެންދާ ސީޕްލޭން ޓާމިނަލްއަކީ ސަރުކާރުން ގެރެންޓީ ދީގެން ތަރައްގީ ކުރާ ތަނެއް ކަމަށެވެ. އަދި މި މަޝްރޫއަކީ އެއާޕޯޓުގެ ޓްރެފިކް މެނޭޖު ކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ މަޝްރޫއެއް ކަމަށާ ސީޕްލޭން އޮޕަރޭޓް ކުރާ ކުންފުނިތަކަކީ ޓޫރިޒަމް ދެމެހެއްޓުމުގައި މުހިންމު ބައެއް ކަމަށްވާއިރު، ސީޕްލޭން އޮޕަރޭޓަރުންނަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ތަރައްގީކޮށް ހުރިހާ ކުންފުނިތަކަށް ބޭނުން ކުރެވޭ ގޮތަށް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.

"... މިކަން ހާސިލް ކުރުމަށްޓަކައި ލޯނު ނަގައިގެން އެމްއޭސީއެލް އިން ތަރައްގީ ކޮށްފައިވާ ސީޕްލޭން ޓާމިނަލް ބޭނުން ކުރުމާ ގުޅޭ ގޮތުން ސަރުކާރުން ވަނީ ގޮތްތަކެއް ނިންމާފަ އެވެ. ސަރުކާރުން ވަނީ މި ނިންމުން އެމްއޭސީއެލްގެ ބޯޑާ ހިއްސާވެސް ކޮށްފަ އެވެ،" ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

އަލަށް ހަދާ ސީޕްލޭން ޓާމިނަލް އެއްކޮށް ޓީއެމްއޭއަށް ދޭން އުޅޭ ކަމަށް ކުރިން އޮތީ އަޑުފެތުރިފަ އެވެ. މިކަމާ ގުޅިގެން ސަރުކާރުންނާއި އެމްއޭސީއެލް އިންވެސް ވަނީ ޓީއެމްއޭއަށް ޓާމިނަލް ދޭން ނޫޅޭ ކަމަށް ބުނެފަ އެވެ. އަދި އާ ސީޕްލޭން ޓާމިނަލްގެ ހާއްސަ އޮޑިޓެއް، އޮޑިޓަ ޖެނެރަލް އޮފީހުން ވަނީ ކޮށްފަ އެވެ.

އެ ރިޕޯޓްގައި ބުނި ގޮތުގައި ޓީއެމްއޭ އިން މިހާރު ހިންގާ ލައުންޖް ތަކަށް އާ ޓާމިނަލުން 5،382 އަކަމީޓަރުގެ ޖާގަ ދެވިދާނެ އެވެ. މި އަދަދަށް ޖާގަ ދީފިނަމަ ދައުލަތަށް 33 މިލިއަން ޑޮލަރު (508 މިލިއަން ރުފިޔާ) ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ. ނަމަވެސް ކުރިން އޮތް ގޮތަށް ޓާމިނަލް އެއްކޮށް ދީފިނަމަ ލިބޭނީ 41 މިލިއަން ޑޮލަރެވެ.