ހަބަރު

ކުޅުދުއްފުށީގައި އަޅާނީ އާ ހޮސްޕިޓަލެއް: ރައީސް

Jan 16, 2020

ހދ. ކުޅުދުއްފުށި ސިޓީގައި މިހާރު ހުރި ހޮސްޕިޓަލް ޓާޝިއަރީ ހޮސްޕިޓަލަށް ބަދަލު ކުރުމުގެ ބަދަލުގައި އެ ފެންވަރުގެ އާ ހޮސްޕިޓަލެއް އެޅުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށި ސިޓީގައި ރޭ ބެއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އުތުރުގެ ތަރައްގީއަށް ކުރާ މަސައްކަތުގައި އިގްތިސޯދީ ހަބެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައި ވަނީ ކުޅުދުއްފުށި ކަމަށާއި އެ ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އެގޮތުން އެ ރަށުގެ ބަނދަރު ހެދުމުގެ އިތުރުން މުހިންމު މަސައްކަތެއްގެ ގޮތުގައި ޒަމާނީ ފެންވަރަށް ހިދުމަތް ލިބޭ ގޮތައް ޓާޝިއަރީ ހޮސްޕިޓަލެއް ތަރައްގީ ކުރުން ހިމެނޭ ކަމަށާއި މިހާރު ހުރި ހޮސްޕިޓަލުން އެކަން ނުކުރެވޭނެތީ ވިސްނުންފުޅަކީ އާ ހޮސްޕިޓަލެއް އަޅައި ސަރަހައްދުގެ ހުރިހާ ރަށްރަށުގެ ރައްޔިތުންނަށް ވެސް ހިދުމަތް ދެވޭ ގޮތް ހެދުން ކަމަށް ރައީސް ވިދާޅުވި އެވެ.

"މިހާރު ހުރި ހޮސްޕިޓަލަކުން އެކަމެއް ނުވާނެ. އެހެންކަމުން އަޅުގަނޑުމެންގެ ވިސްނުމަކީ މި ރަށުގައި އަލުން ހޮސްޕިޓަލެއް އަޅައި ތިޔަބޭފުޅުން ބޭނުންވާ ހިދުމަތްތައް އެތަނަށް ބަދަލު ކުރުން. އެ ހޮސްޕިޓަލް ވެގެންދާނީ ހަމައެކަނި މި ރަށުގެ ރައްޔިތުންނަށް ހިދުމަތް ދޭ ތަނަކަށް ނޫން. ތިލަދުންމައްޗާއި ހިސާބުގެ ހުރިހާ ރައްޔިތުން މިތަނުގެ އެހީއާ ހިދުމަތްތައް ލިބޭ ގޮތައް ޕްލޭންގައި އެބައޮތް،" އެމަނިކުފާނު ވިދާޅުވި އެވެ.

ލާމަރުކަޒީ ނިިޒާމަކުން ރާއްޖެ ތަރައްގީ ކުރާއިރު އެންމެ މުހިންމު އެއް ކަމަކީ ދަތުރުފަތުރުގެ ނިޒާމް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެގޮތުން އެ މަސައްކަތް ފަށާނީ އުތުރުން ކަމަށާއި އެކަމަށްޓައި 150 މިލިއަން ރުފިޔާ ބަޖެޓް ކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާާޅުވި އެވެ.

ކުޅުދުއްފުށީގެ ބޯހިޔާވެހިކަމުގެ މައްސަލަތަކުގެ ތެރެއިން ހައުސިން ޔުނިޓުތަކުގެ މައްސަލައާއި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ޖެހޭ މައްސަލަ ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.