އެމެޒަން އިން އަލަށް ފަށާ "ސިޓަޑެލް" ސީރީޒްގެ ބަތަލާއަކަށް ޕްރިޔަންކާ ޗޯޕްރާ ހަމަޖައްސައިފި އެވެ. މިކަން އިއުލާން ކޮށްފައިވަނީ ޕްރިޔަންކާ ކުރި ޓުވީޓްތަކެއްގަ އެވެ. މި ސީރީޒްގައި ޕްރިޔަންކާ އާއެކު ލީޑް ރޯލު ކުޅެނީ ރިޗަޑް މެޑެން އެވެ. މިއީ ރުސޯ ބްރަދާޒްގެ ޑްރާމާ ސީރީޒް އެކެވެ.
ވެރައިޓީ ވެބްސައިޓުގައިވާ އާޓިކަލްއެއްގެ ސްކްރީން ޝޮޓް އަކާއެކު ޕްރިޔަންކާ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ރިޗަޑް މެޑެން ފަދަ ހުނަރުވެރިއަކާއެކު މަސައްކަތް ކުރަން ކެތްމަދުވެފައި ހުރި ކަމަށެވެ. މިއީ އިންޑިއާ، އިޓަލީ އަދި މެކްސިކޯ މީހުން ވާހަކަ ދައްކާ ގިނަ ބަސް ތަކަކުން އުފައްދާ ގްލޯބަލް ފްރެންޗައިސް އެކެވެ.
ޕްރިޔަންކާގެ އިތުރު ޓުވީޓެއްގައި ޑެޑްލައިން މެގަޒިން އާއި ދަ ހޮލީވުޑް ރިޕޯޓާގައި ލިޔެފައިވާ މިކަމާ ގުޅޭ ދެ އާޓިކަލެއް ވެސް ޝެއާ ކޮށްފައި ވެއެވެ.
ވެރައިޓީ މެގަޒިން އިން ބުނެފައިވާ ގޮތުގައި "ސިޓަޑެލް"ގެ ވާހަކަ އޮތީ ސިއްރެއްގެ ގޮތުގަ އެވެ.
މިއީ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އާ ކައިވެނި ކުރުމަށްފަހު ޕްރިޔަންކާ ކުޅޭ ފުރަތަމަ އިންޓަނޭޝަނަލް ސީރީޒް އެވެ. މީގެ ކުރިން 2015 އިން 2018 އަށް އޭނާ ވަނީ "ކުއެންޓީކޯ" ކިޔާ ޑްރާމާއެއްގައި މަސައްކަތް ކޮށްފަ އެވެ. އަދި ވަރަށް ފަހުން ޕްރިޔަންކާ ބަތަލާގެ ބައި ކުޅުނު ހިންދީ ފިލްމެއް ވެސް ރިލީޒް ކޮށްފައި ވެއެވެ. "ދަ ސްކައި އިޒް ޕިންކް" ނަމަކަށް ކިޔާ މި ފިލްމު ކްރިޓީކްސް އަށް ކަމުދިޔަސް އިންޑިއާގެ ބޮކްސް އޮފީހުގައި ފިލްމަށް މާ ރަނގަޅު ކާމިޔާބެއް ހޯދޭ ގޮތެއް ނުވި އެވެ.