ހަބަރު

އާރްސީސީން ހުޅުމާލެއަށް ދޭ މިސްކިތުގެ ބިންގާ އަޅައިފި

މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުނި، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) ގެ އެހީގައި ހުޅުމާލޭގައި އިމާރާތް ކޮށްދޭ މިސްކިތެއްގެ ބިންގާ މިއަދު އަޅައިފި އެވެ.

މިސްކިތުގެ ބިންގާ މިއަދު އަޅުއްވައި ދެއްވީ އާރްސީސީގެ ޗެއާމަން، އަބްދުއް ރަޝީދާއި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދުގެ ދެބެންގެ އިތުރުން ޗެއާމަން އަބްދުއް ރަޝީދުގެ ދަރިކަލުން އަދި އާރްސީސީގެ ޑިރެކްޓަރު މުހައްމަދު ނާޒިމެވެ.

ހެނދުނު އޮތް ރަސްމިއްޔާތުގައި މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމާއެކު ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދުވެސް މިސްކިތުގެ ބިންގާ އަޅުއްވައިދެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ މިއަދު ބިންގާ އެޅި މިސްކިތަކީ 1300 މީހުންނަށް އެއް ފަހަރާ ނަމާދު ކުރެވޭ ގޮތަށް އެ ކުންފުނިން ހުޅުމާލޭގައި އަޅައިދޭ މިސްކިތެއް ކަމަށެވެ. އަދި ދެ ބުރީގެ މި މިސްކިތަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް އިރުގެ ހަކަތަ ބޭނުން ކުރާނެ ކަމާއި މި މިސްކިތް ވެގެންދާނީ ވަރަށް ފުރިހަމަ ރީތި، މިސްކިތަކަށް ކަމަށެވެ.

"އަޅުގަނޑުގެ ބައްޕަ [އަބްދުއް ރަޝީދު] އާއި ބޮޑުބޭބެގެ އުއްމީދެއް އަބަދު ވެސް މިސްކިތެއް އެޅުން. އެހެން ނަމަވެސް މިހާތަނަށް އާއި އިރު އެކަން ކުރުމުގެ ފުރުސަތެއް ނުލިބޭ... އެކަމަކު މިއަދު މިވަނީ އެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި މިސްކިތެއްގެ ބިންގާ އެޅިފައި،" ނާޒިމް ވިދާޅުވި އެވެ.

ބިންގާ އެޅުުން ޝަރަފުވެރިކޮށް ދެއްވުމަށްފަހު ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވީ މިސްކިތް ބިނާ ކުރާ ނެއިބާހުޑްގައި ވަގުތީ ދެ މިސްކިތެއް މިހާރު ހުރި ކަމުގައި ވިޔަސް އެ ސަރަހައްދުގެ އެންމެން ނަމާދަށް އެރޭ ވަރުގެ ޖާގަ އެއް ނެތް ކަމަށެވެ. އަދި މިއަދު ބިންގާ އެޅުނު މިސްކިތް ވާނީ އެ ސަރައްދުގެ މީހުންނަށް ލިބޭނެ ވަރަށް ހިތްހަމަޖެހުމަކާއި ލުއި ފަސޭހަ އެއް ކަމަށެވެ.

ހުޅުމާލޭގައި ހުންނަ އަމީން އެވެނިއުގެ ފަހަތުން އޮންނަ މަގަށްވާ ގޮތަށް އަޅާ މިސްކިތް ވާނީ ހުޅުމާލޭގައި މިވަގުތު އަޅާ އެންމެ ބޮޑު އަދި އެންމެ ރީތި އެއް މިސްކިތަށެވެ. އެ ރަށުގައި އާރްސީސީގެ މިސްކިތް އަޅާ ސަރަހައްދުގައި އެކަނި ވެސް 20،000 މީހުންގެ އާބާދީ އެއް އޮވެ އެވެ. އަދި ވަގުތީ ދެ މިސްކިތެއް ވެސް އެ ސަރަހައްދުގައި ހުރެ އެވެ.

އާރްސީސީއަކީ 1950 ގައި "ރަޝީދު ކާޕެންޓަރީ" ގެ ނަމުގައި ފެށި ކުޑަ ވަޑާން ގެއަކުން އުފެދުނު ވިޔަފާރިއެއްގެ ތެރެއިން އައި ކުންފުންޏެކެވެ. ކުންފުނީގެ ޗެއާމަން އަބްދުއް ރަޝީދު ފެއްޓެވި އެ މަސައްކަތް ބޮޑު ކުންފުންޏަކަށް ބަދަލުވެ ކުންފުނީގެ މަސައްކަތްތައް މިހާރު ބަލަހައްޓަނީ އޭނާގެ ކޮއްކޮ އިބްރާހިމް ރަޝީދާއި އޭނާގެ ދަރިކަލުން ނާޒިމާއި އާއިލާގެ ބައެއް އެހެން މަންބަރުންނެވެ.