މުހައްމަދު އަސްލަމް

ވިނަރެސް ފްލެޓްތައް ޖުލައިގައި އެޗްޑީސީއާ ހަވާލުކުރަނީ

May 25, 2022
1

ވިނަރެސް ފްލެޓްތަކުގެ މަސައްކަތްތައް ނިންމާލުމަށްފަހު މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ފްލެޓްތައް އެޗްޑީސީއާ ހަވާލުކުރާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ވިނަރެސް ފްލެޓްތައް ޖުލައި މަހުގެ ތެރޭގައި އެޗްޑީސީއާ ހަވާލުކުރެވޭނެ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު ޔަގީންކަން ދެއްވާ ކަމަށެވެ. އެހެންކަމުން ހުޅުމާލޭގައި ދެން އެންމެ ފުރަތަމަ ބަޔަކު ދިރިއުޅެން ފަށާނީ ވެސް ވިނަރެސް ފްލެޓްތަކުގައި ކަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތް ކުރަން ފެށި ވިނަރެސް ފްލެޓް މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރު ހެދުމަށް ނިންމާފައިވެ އެވެ. އެއީ ތިން ކޮޓަރީގެ ޖުމްލަ 1،344 އެޕާޓްމަންޓެވެ. މީގެތެރެއިން ކޮންމެ އެޕާޓްމަންޓެއްގެ ބޮޑުމިނުމުގައި 902-883 އަކަފޫޓު ހުންނައިރު އެޕާޓްމަންޓް ވިއްކުމަށް ހަމަޖައްސާފައިވަނީ 2.5 އަކާއި 2.7 މިލިއަން ރުފިޔާގެ އަގެއްގަ އެވެ. އިންސްޓޯލްމަންޓަށް ފައިސާ ދައްކާ ފަރާތްތަކުން އަގު އަދާކޮށް ނިމޭއިރު އެޕާޓްމަންޓްގެ އަގު ދެގުނައާ ގާތްކުރާނެ އެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ވިނަރެސް ފްލެޓްތަކުގައި ހިމެނޭ ގިނަ އެޕާޓްމަންޓްތައް ލިބޭނީ މާލެ މީހުންނަށެވެ. އެކަމަކު އަތޮޅު ތެރެއަށް ނިސްބަތްވާ މީހުންނަށް ވެސް މަދުން ނަަމަވެސް ވިނަރެސް ފްލެޓްތަކުން އެޕާޓްމަންޓް ލިބޭނެ ކަމުގައި ވިދާޅުވި އެވެ.

ވިނަރެސް ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓް ދޫކުރުމަށް ނިންމާފައިވާ މީހުންގެ ތެރޭގައި ސީލައިފް ކުންފުންޏަށް ފައިސާ ދެއްކުމަށްފަހު މަކަރު ހަދާ އޮޅުވާލުމުން ފްލެޓް ނުލިބުނު މީހުންނާއި ގުޅިފަޅުން ފެލެޓް ގަތް މީހުންނާއި ހިޔާ މަޝްރޫއުގެ ތެރެއިން ފްލެޓު ލިބުމަށްފަހު ވިނަރެސް ފްލެޓްތަކަށް ބަދަލުވުމަށް ފުރުސަތު ދިނުމުން ހިޔާ ފްލެޓް ދޫކޮށްލި މީހުންވެސް ހިމެނެ އެވެ.

މާލެ ސަރަހައްދުން ދޫކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިއުލާންކުރައްވާފައިވާ 5،000 ގޯތީގެ ތެރެއިން 1،000 ގޯއްޗަށް ކުރިއަށް އޮތް ޖޫން މަހުގެ ތެރޭގައި އިއުލާން ކުރާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރު އަސްލަމް މިއަދު ވަނީ ދެއްވާފަ އެވެެ.