މުހައްމަދު އަސްލަމް

ކުންފުނިތަކުން އިތުރު ހައުސިން މަޝްރޫއުތައް ނުރާވާނެ

ވަކި ކުންފުންޏެއްގައި ވަޒީފާ އަދާ ކުރާ މީހުނަށް އަމާޒުކޮށް ހައުސިން މަޝްރޫތައް ކުރިއަށް ގެންދިއުމަކީ ސަރުކާރުން ގަބޫލު ކުރާ ކަމެއް ނޫން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި އަސްލަމް މިއަދު ވިދާޅުވި ގޮތުގައި ސަރުކާރުގެ ސިޔާސަތުގައި ކުންފުނިތައް ބޭނުން ކޮށްގެން ހައުސިންގެ މަޝްރޫއުތައް އިތުރަށް ކުރިއަށް ގެންދިއުމުގެ ވިސްނުމެއް ނެތެވެ.

އޭނާ ވިދާޅުވީ މިހާރުވެސް ހައުސިންގެ މަސައްކަތް ފަށަން ހަވާލު ކޮށްފައިވާ ކުންފުނިތަކަށް އެކަން ނުކުރެވޭ ކަމަށާއި އެސްއޯއީތަކުން ފްލެޓްތައް އެޅި ނަމަވެސް ނިމޭއިރު ސަރުކާރުން އެކަމަށް ޒިންމާވާން ޖެހޭ ކަމަށެވެ.

"އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނުވިސްނޭ އެމްއެންޔޫއަށް ހައުސިން ޑިވެލޮޕްމެންޓެއް ހިންގޭނެ ގޮތެއް،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ވަކި ތަނެއްގައި ވަޒީފާ އަދާ ކުރާތީ ހައުސިން ލިބެން ޖެހޭނެ ކަމަށް ސަރުކާރުން ގަބޫލު ނުކުރާ ކަމަށާއި އެއީ "ސަރުކާރުގައި އޮތް ސިޔާސަތެއް ނޫން." ކަމަށެވެ.

ސަރުކާރުން ހައުސިންގެ މަސައްކަތް ކުރަން ދެ އެސްއޯއީ އެބައޮތް ކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެހެން ކުންފުނިތައް މެދުވެރިކޮށް އެ މަސައްކަތް ކުރުމުގެ ވިސްނުން ސަރުކާރުގައި ނެތް ކަމަށެވެ. އަދި މިހާރު ބައެއް އެސްއޯއީތަކުން ކުރިއަށްގެންދާ މަޝްރޫތައް ހުއްޓުވުމުގެ ވިސްނުން ވެސް ސަރުކާރުގައި ނެތް ކަަމަށެވެ.