ހދ. ކުމުންދޫގެ ގެއެއްގެ ކަންމައްޗަށްވާ ގޮތަށް މަގުމަތީގައި އެ ރަށަށް ހައްގުވާ ހިދުމަތްތައް ދޭން ގޮވާލައި ހިމޭން އިހުތިޖާޖެއް ކުރަން މީހަކު އެކަނި ހުއްޓިލައިގެން ހުއްޓެވެ. އޭނާ ހުރީ ފޮށި ކަރުދާސްގަނޑެއްގައި ހިތުގައިވާ ޝުއޫރުތަކާއި އެތަކެއް އަހަރުވީ ޝަކުވާތައް ލިޔެ ދަނޑިއެއްގައި ހަރުކޮށް އޭގައި ހިފަހައްޓާލައިގެނެވެ. އޭނާއަށް ލިބެންވާ ހިދުމަތް ނުލިބޭތީ ދިމާވާ ދަތިތައް ބުނެދިނުމުގެ ގޮތުން ކައިރީގައި ފަހާނާ ތައްޓެއް ވެސް ބަހައްޓާފައި ހުއްޓެވެ.
މިއީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގެ އިރުމަތީ ބިތުގެ ރަށްރަށަށް ވެރިކަން ކުރާ އެމްޑީޕީގެ އެއް އިސް ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އެ ޕާޓީގެ ވަފުދަކާއެކު ކުރައްވާ ދަތުރުފުޅުގައި ކުމުންދޫއަށް ވަޑައިގެން އުޅުއްވަނިކޮށް އެ ރަށުގެ މަގުމަތީގައި އެކަނި ހުރެގެން އިހުތިޖާޖެއް ހުރި މީހެކެވެ. ކުމުންދޫ އަބްދުލް ހާދީ (ހާދީބެ) ގެ އިހުތިޖާޖު ކަރުދާސްގަނޑުގައި ލިޔެފައިވާ ޝަކުވާތަކަކީ މިއީ އެވެ:
"ކޮންމެ އިންތިހާބަކާ ދިމާކޮށް ކުމުންދޫގައި ނަރުދަމާ އަޅަން ނިންމާނެ އެވެ! ކުމުންދޫއަށް ސިޔާސީ ވެރިން ވަޑައިގެން އެ ވައުދު ވާނެ އެވެ! މާދަމާ... މާދަމާ... އަންނަ މަހު ނޫނީ އަންނަ އަހަރު ބުނެ ބުނެ އެތައް އަހަރެއް ވެގެން ދިޔައީ އެވެ! ކޮންމެ އިންތިހާބަކުން މެޖޯރިޓީ ވެސް މި ދެނީ އެވެ ވައުދެއް ނުފުއްދެ އެވެ. އަބަދު މަގުތައް ކޮނެ ކޮނެ ހޮޅިލައި ވަޅުލަނީ އެވެ. ނިޒާމު ފުރިހަމަނުވެ، ނުވެ އޮންނަނިކޮށް ފެން އިތުރަށް ވީ ނަޖިހެވެ. މިއީ އެ ބުނާ ނިޒާމު ވިއްޔާ މި ނިޒާމު ކަމަކު ނުދެ އެވެ. ހުވަފެން ދައްކަނީ ހެއްޔެވެ؟ ތަރައްގީ ނުވިޔަސް ވޯޓު ދޭންވީ ހެއްޔެވެ؟ ބޭނުންވަނީ ހިދުމަތްތައް ލިބި، ވައުދު ފުއްދާ ނިޒާމެކެވެ. އެފަދަ ސަރުކާރެކެވެ. ތިހެން ނުހަދައި ވައުދު ފުއްދާށެވެ."
އެއްވެސް ސިޔާސީ ޕާޓީއެއް ތަމްސީލު ނުވާ ގޮތަށް އިހުތިޖާޖުގައި ހުރި ހާދީގެ ޝަކުވާއަކަށް ވެފައިވާ ނަރުދަމާގެ ހިދުމަތަކީ ގާނޫނު އަސާސީގައި ވެސް ކޮންމެ މީހަކަށް ލިބެން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމެކެވެ. އެކަމަކު ގާނޫނު އަސާސީއަށް 10 އަހަރު ވެގެން ދިޔަ އިރު ވެސް އެތައް ރަށެއްގައި އެ ހިދުމަތެއް ނެތެވެ. އެކަމަކު ކޮންމެ އިންތިހާބަކާ ދިމާކޮށް ލީޑަރުންނާއި ވެރިން ވެވަޑައިގަންނަވާ ވައުދަކަށް އެ ކަން ވެފައި ވެއެވެ.
އެމްޑީޕީއަށް ކެމްޕޭން ކުރެއްވުމަށް ރައީސް ނަޝީދު ހުންނަވާ ޖޯޝާއެކު ކުމުންދޫގައި ދޮރުން ދޮރަށް ހިންގަވަނިކޮށް ގޭ ކަންމަތީގައި އެކަނިމާއެކެނި އިހުތިޖާޖުގައި ހުރި "ރައްޔިތުމީހާ" އާ ދިމާވެ އޭނާގެ ޝަކުވާތަކަށް ޖަވާބުދާރީވެވަޑައިގަންނަވަން ނަޝީދަށް ޖެހިވަޑައިގަތެވެ. އާދައިގެ މަތީން ފުރަތަމަ ކޮށްލެވީ ސަމާސާއެކެވެ. އެ ސަމާގައި އިޝާރާތްކުރެއްވީ އިހުތިޖާޖުގެ އިބާރާތްތަކުގައި އޮންނަ ގިޔާމަތްވާއިރު ވެސް ވައުދު ނުފުއްދޭނެ ކަމަށް އޮންނަ އިބާރާތަކާ ގުޅުވައިގެނެވެ.
މަތީން ރައީސް ނަޝީދުގެ ވާހަކަފުޅު ފެއްޓެވީ ކުރީގެ ސަަރުކާރުތައް ގޯސް ކުރަައްވަމުންނެވެ. އެމްޑީޕީގެ ފުރަތަމަ ސަރުކާރު ބަދަލުވެގެން މި ވޭތުވެދި މުއްދަތުގައި ވެރިކަން ކުރި ފަރާތްތަކުން ރަށްރަށުގައި ކޮށްދޭން ޖެހޭ މިފަދަ ކަންކަން ކޮށް ނުދިނީ ކަމަށް ވިދާޅުވެ ޝަކުވާ ކުރައްވަމުންނެވެ.
އެމަނިކުފާނުގެ ޒާތާ އެއް ގޮތަށް ދެން ވަޑައިގެންނެވީ ތާރީހުގެ ފަތްފުށްތަކަށެވެ. މީގެ ކުރިން ކުމުންދޫއަށް އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކުރެއްވި ދަތުރުފުޅެއްގެ ވާހަކައާ ހަމައަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި ރައީސް މައުމޫން ކުމުންދޫގައި އެ ތަނުން އަނެއް ތަނަށް ވަޑައިގަންނަވަން ބެންޒް ކާރެއް އެ ރަށަށް ބޭލި އެވެ. އެ ވެރިމީހާ ކުމުންދޫގައި ލުއިކޮށް އުޅުއްވި އިރު ރައްޔިތުން ތިބީ ދަތި ހާލުގައި ކަމަށެވެ.
"އަޅުގަނޑު ހިތަށް އެ ދުވަހު ވަނީ ލޫދިފައިވާ ދާ އެއްޗެއް، ނަންނުގަތި ބޮނޑެއް ނޫން އެއްޗަކަށް، މި ރަށުގެ ރައްޔިތުންނަށް އެ ކާރަކީ ބޮޑު އަޖައިބެއް ކަހަލަ އެއްޗެކޭ، އެކަމަކު އަޅުގަނޑު ހިތަށް ވަނީ ރާއްޖޭގެ ވެރިން މި ތަނަށް އައިސް ބެންޒް ކާރުގައި އުޅުއްވާފައި، މި ރަށު ރައްޔިތުން ޗަކަ ވަޅުން ފެން ވަރުވާފައި، މި ރަށު ރައްޔިތުންނަށް ބޮޑުކަމު ނުދެވޭ ގޮތަށް ރާވާފައި ހެދީއޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުތައް ގޯސް ކުރެއްވުމަށް ފަހުގައި އެމަނިކުފާނު ދެން ވިދާޅުވީ އެމްޑީޕީއަށް ސަރުކާރު ނެތި ހިނގީ ބާރަވަރަކަށް އަހަރު ކަމަށް ވިޔަސް އެ ރައްޔިތުންނަށް އެއީ ދެހާހަށްވުރެ ގިނަ އަހަރު ކަމަށެވެ. އެތައް ޒަމާނެއް ވެގެން ދިޔައިރު އެ ރަށްރަށުގައި ނަރުދަމާގެ ނިޒާމު ނެތީ އެވެ. -- ނަޝީދު 12 އަހަރު ކަމަށް ވިދާޅުވި ނަމަވެސް އެމަނިކުފާނުގެ ވެރިކަން ބަދަލުވެގެން އަދި ވެފައިވަނީ ގާތްގަނޑަކަށް އަށް އަހަރެވެ. --
ހާދީއަށް ރައީސް ނަޝީދު ޔަގީން ކަމެއް ދެއްވި އެވެ؛ މި އަހަރަށް ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި ކުމުންދޫގެ ނަރުދަމާގެ ނިޒާމުގެ މަޝްރޫއުއަށް ބޭނުންވާ ފައިސާ ކަނޑައެޅިފައި އޮންނާނެ އެވެ. އެ މަސައްކަތް ކުރިއަށް ދާނެ އެވެ. އަދި މި ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ދައުރު ނިމޭއިރު އެ ނިޒާމު ގާއިމު ކުރެވިފައި ނެތް ރަށްރަށުގައި އެ ޒިނާމް ގާއިމު ކޮށްދޭނެ އެވެ.
މީގެ ކުރިން އިދިކޮޅު ފަރާތެއްގެ ގޮތުގައި އެމަނިކުފާނު ހުންނެވިއިރު އަބަދުވެސް ވަކާލާތު ކުރެއްވި އެއް ކަމަކީ ސަރުކާރުން ކުރާ ކަންކަމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް އިހުތިޖާޖް ކުރުމުގެ ހައްގު ކޮންމެ މީހަކަށް ވެސް އޮންނަން ވާނެ ކަމެކެވެ. އެމަނިކުފާނު އެ މީހާއަށް ވެސް އެންމެ ފަހުން ވިދާޅުވީ "އަޅުގަނޑުމެން މި ތިބީ ކުމުންދޫގެ ރައްޔިތުންނާ އެކުގައި، އަޅުގަނޑުމެން އެދެނީ ވެސް ކުމުންދޫގެ ރައްޔިތުންގެ ހައްގުތައް ހޯދަން އިހުތިޖާޖް ކުރުމުގައި ތިބުމަށް،" ކަމަށެވެ.
ވީޑިއޯއަކުން ފެންނަ ގޮތުން ރައީސް ނަޝީދު ވާހަކަފުޅު ދައްކަވައި ނިމެންދެން ވެސް އިޖުތިޖާޖުގައި ހުރި ހާދީ ހިމޭނުން ހުއްޓެވެ.
އިހުތިޖާޖްގައި ހުރި މީހާއަށް ރައީސް ނަޝީދު ޖަވާބުދާރީވެވަޑައިގެން ވައުދު ފުއްދަވާނެ ކަމުގެ ޔަގީންކަން ދެއްވިޔަސް އަދި ނުނިމެ އެވެ. އަދި އެ އަމަލު ކުރެއްވުނީ ހަމަ ޝަކުވާގައި އެވާ ގޮތަށެވެ. އިންތިހާބަކާ ދިމާކޮށް ތާއީދު ހޯއްދަވަން އަމިއްލަފުޅު އެޖެންޑާ ހިއްޕަވައިގެން ރަށަށް ވަޑައިގެން ޔަގީން ކަން ދެއްވީ އެވެ. މިހާތަނަށް ކަން ނުވެ އޮތް އޮތުމަށް ކުރީގެ ސަރުކާރުތައް ގޯސްކޮށްލެވީ އެވެ. މިތާނގައި ވީކަމަކީ ހިމޭން އިހުތިޖާޖެއްގެ އަޑު އެންމެންގެ ކަންފަތަށް ފޯރުމެވެ.