(14 ޖެނުއަރީ 2020 އާ ގުޅޭ)
"ކިއުޓް ގޮތެއް ހުރޭ ދޯ... ޝީ އިޒް ވެރީ ސުވީޓް..." ދާރިއަން ބުންޏެވެ. ފާޅުވޭވޭ ހުރި ހިނިތުންވުމާ ހޭޒަލްގެ ޚިޔާލުތައް ގުޅިފައިވާކަން އިޝްވާއަށް ޔަގީންވިއެވެ.
"ކީއްވެ އެއްޗެއް ނުބުނީ؟" އިޝްވާގެ މޫނުން އަސަރެއް ފާޅުނުވާކަން ދާރިއަންއަށް ފާހަގަވީއެވެ.
ފޯނަށް އިޝްވާގެ ނަޒަރު ހުއްޓިފައިވީއިރު އޭނާ އެ ފޯނުގައި ހޭޒަލްގެ އިތުރު ފޮޓޯ ހުރިތޯ ބަލާލިއެވެ. އޭނާ ކުރަނީ ކީއްކުރަން އެނގުނު ހިނދު ދާރިއަން ފުންމައިގެން ކޮޅަށް ތެދުވެއްޖެއެވެ.
"މުޅި ފޯނު ހާވާކަށްނޫނޭ ދިނީ" ފޯނު ހިފައިގެން ފާޚާނާއާ ދިމާއަށް ދުއްވައިގަތް އިޝްވާގެ ފަހަތުން ދާރިއަން އައެވެ. ފުރާވަރުގެ ދެ ކުދީން ސަކަރާތް ޖެހުމުގައި އުޅުނު ކަހަލައެވެ. ސޯފާގައި ހުރި ކުޑަ ބާލީސްތައް އެކަކުއަނެކަކާ ދިމާއަށް އުކައިގަތެވެ. ފުރުޞަތެއް ހޯދާ ދާރިއަންގެ އަތުގައި ނުޖެހި އެތަނުގައި ހުރި ފާޚާނާއަށް އިޝްވާ ވަދެ ދޮރުލެއްޕިއެވެ. ދޮރުގައި ޖަހާލުމާއެކު އިޝްވާއަށް ދާރިއަން ގޮވާލިއެވެ.
"މޭޒުމަތީ ހުރި ފައިލްތައް ހާވާލާނަން އިނގޭ، ލޮކަރުގެ ކޯޑު ވެސް އެނގޭ... އޭގަ ހުރި ސިއްރު ޑޮކިއުމެންޓުތައް ބަލާނަން" ދާރިއަން ބިރުދައްކާ ފަދައިން ވާހަކަދެއްކިޔަސް އެއަޑުގައި ސީރިއަސްކަމެއްނެތެވެ.
ދޮރުފަތުގައި ލެނގިލައިގެން ހުރެ ފޯނުން ފެންނަން ހުރި ފޮޓޯތަކަށް އިޝްވާ ރަނގަޅަށް ބެލިއެވެ. އެ ފޮޓޯތަކުގައިވި ހޭޒަލްއަކީ އިޝްވާ ދުށް އަންހެންކުއްޖާއެއްނޫނެވެ. އެ ފޮޓޯތަކުން އިޝްވާ ފެންނަނީ މާބޮޑަށް ވެސް ތަފާތުކޮށެވެ. އުފާވެރިކަމާއި ހިތްހަމަޖެހުން އޭނާގެ ފުށުން ފާޅުވެއެވެ.
"ހޭޒަލްއާ ބެހޭ ގޮތުން ދާރިއަންއަށް އެއްވެސް އެއްޗެއް ހަމަ ނޭނގެނީތަ؟" އިޝްވާއަށް އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ. އެ ވިސްނުމުގައި ހުރެފައި އޭނާ ފޯނަށް ބަލާލަންވީއިރު ފޯނުގެ އިސްކުރީން ތަޅުލެވިއްޖެއެވެ. އެ ހުޅުވާކަށް އިޝްވާއަކަށް ނޭނގެއެވެ.
"ކޮބާ ފޯނު" ފާޚާނާގެ ދޮރު ހުޅުވާލުމާއެކު ދާރިއަން ބުންޏެވެ. އެއާއެކު އިޝްވާ ފޯނު ދިއްކޮށްލިއެވެ.
"އެއްޗެއް ފެނުމުގެ ކުރީން ފޯނު ލޮކުވެއްޖެ" އިޝްވާ ބުނެލިއެވެ.
"ނަސީބެންނު" ދާރިއަން ފޯނު ހިފައިގެން ހިނގައިގަތީ ސޯފާއާ ދިމާއަށެވެ.
ތަޅުންމައްޗަށް އުކާލެވިފައި ހުރި ކުދި ބާލީސްތައް ނަގާފައި އިޝްވާ ވެސް އައިސް އިށީނދެއްޖެއެވެ. އޭނާ ޢާންމުކޮށް އިންނަހެން ގޮނޑިގެ އެއްފަރާތަށްވާ ގޮތަށް ހަމަޖެހިލައި އެއްފައި މައްޗަށް އަނެއްފައި އަރުވާލިއެވެ. ދާރިއަން އޭނާގެ ފޯނާ ކުޅެން އިނެވެ. އިޝްވާގެ ނަޒަރު ހުރީ އޭނާއަށް ހުއްޓިފައެވެ.
"ޓެލް މީ ދި ޓްރުތް" އިޝްވާ ބުނެލިއެވެ. ދާރިއަން އިސްއުފުލައި ބަލާލިއެވެ. އެމޫނުގައިވީ ސުވާލު އުފެދިފައިވާކަމުގެ އަސަރެވެ. ބުނަންވީ ކީކޭތޯ އަހާކަހަލައެވެ.
"ތި ފޮޓޯގަވާ އަންހެންކުއްޖާ ބެހޭގޮތުން... ތަންތަންކޮޅުން ކިޔާ ނުދީ ހުރިހާ އެއްޗެއް ކިޔާދީބަލަ، އަހަރެންގެ ޚިޔާލަކަށް އަހާނަމަ އެއްޗެކޭ ބުނަން އެނގޭނީ އަހަންނަށް ވެސް ހުރިހާކަމެއް އެނގިގެން" އިޝްވާ ބުންޏެވެ. އިރުކޮޅަކު އިޝްވާއަށް ނަޒަރު ހުއްޓާލައިގެން ދާރިއަން އިނެވެ. އިޝްވާ ބަލަން އިންގޮތުން އޭނާ ބުނިއެއްޗެއްގެ ސީރިއަސްކަން ދާރިއަން ވިސްނުނެވެ.
"ޖަޖްނުކުރާމަތިން..." ދާރިއަން ބުނެލިއެވެ.
"ނޯ ޖަޖިން... ގޯ އޮން... އައި އޭމް ލިސެނިން" އިޝްވާ ޔަގީންކަން ދިނެވެ.
ދާރިއަން ފައިތަޅުވަން ފެށުމުން އޭނާ ހޭޒަލްގެ ވާހަކަ ދައްކަން ޖެހިލުންވެ ހާސްވަނީކަން އިޝްވާ ދެނެގަތެވެ. އެހެންވިޔަސް އޭނާ އެއްޗެކޭ ނުބުންޏެވެ. ދާރިއަން ވާހަކަދައްކަން ފުރުޞަތުދީގެން އިނީއެވެ. ހާސްކަމުގެ ހަރަކާތްތަކަކަށްފަހު ދާރިއަން ވާހަކަދެއްކިއެވެ. ފޮޓޯގަ އިން އަންހެންކުއްޖާއަށް ކިޔަނީ ހޭޒަލްކަން ފުރަތަމަ ވެސް އޭނާ ބުންޏެވެ. އަދި އޭނާއަށް ހޭޒަލް ފެނުނީ ކޮންތާކުންކަން ކިޔާދިނެވެ. ފުރަތަމަ ފެނިލުމުން ވެސް އޭނާއަށް ހޭޒަލް ކަމުދިޔަކަން ބުންޏެވެ. އެހެންވިޔަސް ހޭޒަލް ދުށީ އޭނާއަކީ ރަޙުމަތްތެރިއެއްގެ ގޮތުގައިކަން ދާރިއަން ބުނެލިއިރު އެމޫނުން މާޔޫސްކަން ފާޅުވެއެވެ. ދާރިއަންގެ ކޮންމެ ހަރަކާތަކަށާއި އޭނާ ދައްކާ ވާހަކައަށް އިޝްވާގެ ފުރިހަމަ ސަމާލުކަން ލިބިފައިވިއެވެ. ހޭޒަލްގެ ނަން ކިޔާލާ ކޮންމެ ފަހަރަކު ދާރިއަން ހިނިތުންވެލައެވެ. އެއީ ބޭއިޚްތިޔާރުގައި އޭނާއަށް ކޮށްލެވޭ ހަރަކާތެއްކަހަލައެވެ.
"ރައްޓެހިކަން އޮތިއްޔާ ގާތްކަން އޮންނާނެ، އިތުބާރު އޮންނާނެ... ދެ ޖިންސުގެ ދެމެދުގައި އޮންނަ ރަޙުމަތްތެރިކަން ލޯތްބަށް ބަދަލުވުމަކީ ވަރަށް ގިނަ ފަހަރަށް ވެފައި ހުރިކަންކަން، ސޯ ވަޓްސް ސްޓޮޕިންގް ޔޫ، އަހަންނަށް ހީވަނީ ދާރިއަންހެން އޭނާއާ މާބޮޑު ގާތްކަމެއް ބާއްވަން ބިރުގަންނަނީ" އިޝްވާ ބުންޏެވެ.
"އިޓްސް ކޮމްޕްލިކޭޓެޑް" ވަގުތުން ދާރިއަން ބުނެލެވުނެވެ.
"އަހަރެން މިއިނީ ހުރިހާ ވާހަކައެއް ތެދުބަހުން ކިޔާދޭނެކަމަށް... އެކަމަކު ތިދިނީ މީގެ ކުރީން ވެސް އަހަންނަށް ދާރިއަން ދީފައޮތް ޖަވާބެއް" އިޝްވާގެ ވާހަކަ ހުރި ގޮތުން ހީވަނީ ދާރިއަންއަކީ އޭނާގެ ކައިރިއަށް އައިސް އިން ބަލިމީހެއް ހެންނެވެ.
"އޭނަ ކައިރީ އަހަރެންގެ ފީލިންގްސްތައް ހާމަކޮށްފިއްޔާ ދެމެދުގައި އޮތް އެކުވެރިކަން ވެސް ނޯންނާނެ" ދާރިއަން ބުންޏެވެ. އެއީ ކީއްވެތޯ އިޝްވާ ސުވާލުކުރިއެވެ.
އިރުކޮޅަކު ވިސްނަން އިނދެފައި ދާރިއަން ވާހަކަދެއްކީ އިޝްވާއާ ނަޒަރު ސީދާކޮށްލަމުންނެވެ. ހޭޒަލް އުޅެނީ މީހަކާ އިނދެގެންކަން ދާރިއަން ބުންޏެވެ. ހޭޒަލް އޭނާގެ ފިރިމީހާދެކެ ވަރަށް ލޯބިވާކަން ދާރިއަން ބުންޏެވެ. ހޭޒަލްއަށް ފެންނަ ހަމައެކަނި ފިރިހެނަކީ ލިއަމްއޭ ދާރިއަން ބުނެލިއެވެ.
"އަހަންނަކީ ފިރިހެނެއްކަން ހޭޒަލްއަށް އެނގޭނަމައޭ ހިތަށްއަރާ، އިޝް!... އަހަރެންގެ އަމިއްލަ އެދުން ވަރަށް ބޮޑު، އަހަރެން އޭނާއަށް ބިޒްނަސް އޮފާއެއްކުރީ ވެސް އޭނާއަށް އަހަންނާ ބައްދަލުކުރަން ޖެހޭނެތީ، އެގޮތަށް ވެސް އޭނާ ދުށުމަށް އަހަރެން ބޭނުންވާތީ... އެނގޭ އެއީ މީހެއްގެ އަނތްބެއްކަން، ބައެއްފަހަރު އަހަރެންގެ އަމިއްލަ އިޙްސާސްތަކާމެދު ދެރަވޭ، އަހަރެން ލިއަމް ހުރި މަގާމުގައި ހުރިނަމަ ހިލޭ ފިރިހެނަކާ ބައްދަލުކުރާކަށް ހޭޒަލް ދޫކޮށެއްނުލެވުނީސް، އަހަރެންގެ ހިތް ހުއްޓިދާނެ އޭނާ އަހަރެން ދޫކޮށްލާފައި ހިނގައިދާނެކަމުގެ ޚިޔާލުން އެކަނި... އެކަމަކު ހަޤީޤަތުގަ އަހަންނަށް ހޭޒަލްއާ އެކަނި ބައްދަލުކޮށްލަން ލިބެނީ ލިއަމްގެ ސަބަބުން، އެ ދެމީހުން އެކަކުއަނެކަކަށް ވަރަށް އިތުބާރުކުރޭ... އަހަރެން ހިތަށް އަރާ ކިހިނެއްބާއޭ؟ އަހަންނަށް އެވަރަށް ލޯބިނުވެވެނީތަ؟ އެހެންވެ ކަންނޭނގެ ދޯ ހޭޒަލް ނުލިބިގެން މިއުޅެނީ... އިޝް!... ހޭޒަލް ދުވަހަކުވެސް އޭނާގެ ދިރިއުޅުމުގެ ކަންކަން އަހަންނާ ޚިއްޞާއެއްނުކުރޭ، އެކަމަކު އަހަންނަށް އަބަދުވިސްނެނީ އޭނާ ލިއަމްއާއެކު އުޅޭ އުފާވެރި ދިރިއުޅުމާމެދު، ހޭޒަލް ހިނިތުންވާއިރު ހިތަށް ހަމަޖެހުމާއެކު ވޭން ލިބޭ... ހިތަށް ތަދުވަނީ އޭނާގެ އެ އުފާވެރިކަމުގައި އަހަރެންގެ ޚިއްޞާއެއްނެތްކަން އެނގޭތީ... ގޯޑް އިޒް ނޮޓް ވިލިންގް... މީހެއްގެ އަނތްބަކު ލިބެން އެދި ދުޢާކުރާތީ ކަންނޭނގެ ދުޢާ އިޖާބަނުވަނީ... ސިސް!... ދިސް ވޯލްޑް... އިޓްސް ރިއަލީ އަ ކްރުއެލް ޕްލޭސް... ހެ ހެ ހެ ހެ.... ހޫރުލް ޢީނެއް ޕެރެޑައިސްއިން ލިބޭތޯ ބަލާނީ ދޯ" ދާރިއަންގެ ހިތަށް ލިބުނު ވޭން އޭނާ ހިނިތުންވުމަކާއެކު ކޮށްލި ސަމާސާއިން ފޮރުވާލިއެވެ.
ހޭޒަލްދެކެ ދާރިއަންއަށް ލޯބިވެވިއްޖެކަން ގައިމެވެ. އެކަން އިޝްވާ ޤަބޫލުކުރިއެވެ. އޭނާއަށް ހޭޒަލް އެނގެޔޭ އަދި އެއީ މީހެއްގެ އަނތްބެއްނޫނޭ ބުނަން އިޝްވާ ބޭނުންވިއެވެ. ހޭޒަލްގެ ހާލު އޭނާއަށްވުރެ ބޮޑަށް މިވަގުތު އެނގޭނެ މީހަކުނެތެވެ. ހަމައެއާއެކު ދާރިއަންއަކީ ދުރު މީހެއްނޫނެވެ. ދާރިއަންގެ ހިތުގައިވާ ތެދުވެރި ލޯބީގެ ސާފުކަން އިޝްވާއަށް އެނގެއެވެ. އޭނާއަށް ދަތްތަކަށް ބާރުކޮށްލެވުނެވެ. އަނގައިގާވާ ދޫ ހަރަކާތެއްކޮށްލަފާނެތީއެވެ. އެ ދުލުން ބަހެއް ބުނެވިދާނެތީއެވެ. ބަޔާންކުރަން ދަތި އިޙްސާސެއް އިޝްވާއަށް ކުރެވެމުންދިޔައެވެ. ފުރަތަމަ ފަހަރަށް އޭނާ ހަދާނޭ ގޮތް ހުސްވެއްޖެއެވެ. ދާރިއަންއަށް ހުރިހާ ކަމެއް ކިޔާދީފިނަމަ ހޭޒަލްގެ މައްޗަށް ވެވޭ ބޭއިންސާފަކަށްވާނޭކަން ޔަގީނެވެ. އެ ސިއްރުތަކަކީ ހޭޒަލްގެ ސިއްރުތަކެކެވެ. އޭނާގެ ދިރިއުޅުމާ ގުޅިފައިވީ ކަމެވެ. އެއިންކަމެއް ހާމަކޮށްފިނަމަ، އެހީތެރިކަން ހޯދަން އަންނަ ބަލިމީހުންނަށް ޑަކްޓަރުންގެ މައްޗަށް އޮންނަ އިތުބާރު ގެއްލިދާނެއެވެ.
"އިޝް... ޔޫ އޯކޭ... ވައި އާ ޔޫ ކްރައިން" ދާރިއަން ކަންބޮޑުވިއެވެ. ސޯފާއިން ތެދުވެގެން އައިސް އިޝްވާގެ ކުރިމަތީ ކުޑަކަކޫ ޖަހާލިއެވެ.
ވިސްނުމުގެ ތެރެއަށް ގެއްލިފައި އިން އިޝްވާއަށް ކޯތާފަތުގައި އަތްޖައްސާލެވުނެވެ. ލޮލުން ކަރުނަ ފައިބިކަން އެނގުނީ ދެނެވެ. އޭނާ ކޯތާފަތް ފުހެލައި ދާރިއަންއަށް ބަލާލިއެވެ. ލުއި ހިނިތުންވުމެއް އޭނާ ބަދަލުކޮށްލިއެވެ. އޯގާތެރިކަމާއެކު ދާރިއަންގެ މޫނުގައި އިޝްވާ ކަނާއަތްތިލަ ޖައްސާލިއެވެ. އޭނާއަށް ހިތާހިތުން ދުޢާ ކުރެވުނެވެ. ހޭޒަލްއާއި ދާރިއަންއަކީ އެކަކުއަނެކަކުގެ މައްޗަށްވާ ހެޔޮކަމެއްކަމުގައިވާނަމަ ﷲގެ ވާގިފުޅާއެކު އެ ދެ ހިތް ގުޅުމަށް މިންވަރުކޮށްދެއްވުމަށެވެ. ﷲއީ ރަހްމާންވަންތަ ރަޙީމްވަންތަ ރަސްކަލާގެއެވެ. ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
"ވަޓް..." އިޝްވާ މާގިނައިރު ވަންދެން ބަލަން އިންނަން ފެށުމުން ދާރިއަން ބުނެލިއެވެ.
"އިންޝާﷲ، ދާރިއަންގެ ހޭޒަލް ވީހާ ވެސް އަވަހަކަށް ލިބުން އަހަރެންގެ ދުޢާއަކީ" އިޝްވާ ބުންޏެވެ. ދާރިއަން ވަގުތުން ހިނިތުންވެލިއެވެ. އޭނާ އިޝްވާގެ ކުރިމަތިން ކޮޅަށް ތެދުވިއެވެ.
"އައި ޑޫ އާސްކް ފޯ ހާ ފްރޮމް ހިމް... ދި އަލްމައިޓީ" ހިނިއައިސްފައި ހުރެ ދާރިއަން ޝަހާދަތްއިނގިލި މައްޗަށް އުފުލާލިއެވެ.
"ޔޫ ނޯ ވަޓް ހީ ސެއިޑް.... ސަބްރް މައި ޗައިލްޑް... ސަބްރް..." ދާރިއަންގެ ވާހަކަ އަޑުއަހާފައި އިޝްވާއަށް ތަންކޮޅެއް ބާރަށް ހީނލެވުނެވެ.
* * * * *
"ހޭޒަލް..." ބަދިގޭ އައިލެންޑް ދޮށުގައި އިން ހޭޒަލްއަށް ރިޒްވާނު ގޮވާލީ އޭނާ މާބޮޑު ފިކުރަކަށް ގެއްލިފައި އިނީމައެވެ.
"ޔެސް... މަންމަ ދިޔައީތަ؟" ބަދިގޭގައި އުޅެފައި ސާއިރާ ނުކުތްކަމެއް ވެސް ހޭޒަލްއަށް ނޭނގުނެވެ.
"މަންމަ ފެންވަރަން އެވަނީ... ޒެލް އެކަނި އިނީމަ މިއައީ... ކޮންކަމާ ތި ވިސްނަނީ؟" ރިޒްވާނު ވެސް ހޭޒަލް ކައިރިން ސްޓޫލެއްގައި އިށީނދެއްޖެއެވެ.
"ޑަކްޓަރަށް ކުރިން ދުވަހު ދިޔައީމަ އެބައޮތް މަސައްކަތެއް ހަވާލުކޮށްފަ" ކުޑަކޮށް ހާސްވެފައި އިނދެ ހޭޒަލް ބުންޏެވެ.
"ޑަކްޓަރ އިޝްވާ ހޯމްވޯކެއް ދިނީ" ރިޒްވާނު ކުޑަކޮށް ހީނލިއެވެ.
"އަޅުގަނޑު ވާހަކައެއްބުނަންވެފަ އެބައޮތް" ހޭޒަލް ބުނެލިއެވެ.
"މަންމަ ނިކުންނަންދެން މަޑުކޮށްލަންވީތަ؟..." ރިޒްވާން އަހާލިއެވެ.
"ބައްޕައާ..." ހޭޒަލް ބުނެލިއެވެ. ވަގުތުން ރިޒްވާނުގެ ހުރިހާ ސަމާލުކަމެއް ހޭޒަލްއަށް ދީފިއެވެ.
ހޭޒަލް ދެއްކީ އޭނާގެ ދާރިއަންކިޔާ ރަޙުމަތްތެރިއަކު ހުރި ވާހަކައެވެ. އެ ދެމެދުގައި އެއްބަސްވުމެއް އޮތްކަމަށެވެ. ހޭޒަލް މަސައްކަތެއް ކުރަން ފަށާފައި އޮތްކަމާއި އެކަން ހުއްޓާލީ އެއްވެސް އެއްޗެއް ދާރިއަންއަށް އަންގާލުމެއްނެތިކަމަށެވެ. އެކަމުގެ ސަބަބުން ދާރިއަންއަށް ހީކުރެވޭނީ އޭނާއަށް ހޭޒަލް ލަނޑެއް ދިނީކަމުގައިކަމެވެ.
"ހުސްވަގުތު ފުރުމަށް މަސައްކަތެއް ކުރަންތޯ އިޝްވާއެހި، އާ ރައްޓެހިން ހޯދަން ބުނި... އަޅުގަނޑު އާ ރައްޓެއްސަކު ހޯދާނީ ކިހިނެއް؟.... ކުރީގަ ވެސް މާގިނަ ރައްޓެހިންނެއް އަޅުގަނޑުގެ ނުހުރޭ... ފޯނެއް ވެސް ނެތް" ހޭޒަލް ދައްކަމުން ދިޔަ ވާހަކައިން ރިޒްވާނު ދެނެގަތެވެ.
"ކުރީގަ ތިބި މަދު ރައްޓެހިންނަކީ ޒެލް އިތުބާރުކުރާ މީހުންތަ؟" ރިޒްވާނު އަހާލުމާއެކު ހޭޒަލް ބޯޖަހާލައިފިއެވެ.
"އެމީހުން އަދިވެސް ތިބީ ޒެލްގެ ޚަބަރެއް ލިބޭތޯ ކަމަކަށް ވެދާނެ، އެމީހުންނަށް ގުޅާލާ ވާހަކަދައްކައިގެން އެނގޭނީ، ދަރިފުޅު ބުނަން ބޭނުންނުވާ ވާހަކައެއް ދައްކަން ޖެހިއްޖެނަމަ ބުނޭ އެހެންފަހަރަކުން ގުޅާލަނަމޭ... އަސުރުކޮށްލައިގެން ހިނގާ ފިހާރަތައް ބަލާލަން ދާން، ޒެލްއަށް ކަމުދާ ފޯނެއް ފެނޭތޯ" ރިޒްވާނު ބުންޏެވެ.
"ކޮންމެ ފޯނެއް ވެސް އޯކޭވާނެ" ހޭޒަލް ބުންޏެވެ. އޭނާ ބޭރަށް ނިކުންނަން ބޭނުންނުވަނީކަން ރިޒްވާނަށް އެނގުނެވެ. އެހެންވިޔަސް އޭނާ ބާރު އަޅާލުމުން ހޭޒަލްއަށް ނޫނެކޭ ބުނާކަށް ނުކެރުނެވެ. ކާރުގައިކަން ނިކުންނާނީ އެނގުމުން ހޭޒަލް ހިސާބަކަށް ހަމަޖެހުނެވެ.
ހަވީރުގެ ވަގުތެވެ. ރިޒްވާނާއެކު ހޭޒަލް ގެއަށް ވަންތަން ފެނި ސިޓިންރޫމުގައި އިން ސާއިރާ ހިނިތުންވެލިއެވެ. ކޮންކަހަލަ ފޯނެއްތޯ ގަތީ އޭނާ އަވަހަށް އަހާލިއެވެ. އެހާ އަގުބޮޑު ފޯނެއްނޫނޭ ބުނީމާ ވެސް ރިޒްވާނު މާގިނަ ފައިސާ ޚަރަދުކުރީކަމުގައި ހޭޒަލް ބުނެލިއެވެ. ރިޒްވާނު ހީނލުމާއެކު އައިސް ސާއިރާގެ ގާތުގައި އިށީނެވެ. ހޭޒަލްގެ އަތްދަބަހުން ނެގި ފޯނު ސާއިރާއަށް ދައްކާލިއެވެ. ފޯނުގެ ބައިތައް ސާއިރާއަށް ކިޔައިދޭން ހޭޒަލް އިނެވެ. ސައިތަށްޓެއް ބޯލަން ސާއިރާ ޚިޔާލުފާޅުކުރުމުން ހޭޒަލް ބުނީ ރިޒްވާނު އެއައީ ކާރުގައި އެންމެ މުހިންމު އެތި ބަހައްޓާފަކަމަށެވެ. ރިޒްވާނު ހަނދާންނެތުނީކަން ބުނެ އަވަހަށް ތެދުވިއެވެ. އެމީހުން ގެއަށް އައީ "ފުރުޓުކޭކް"އެއް ގަނެގެންނެވެ. ސާއިރާ އެކަހަލަ ކޭކު ކާހިތްވާ ވާހަކަ ދައްކާފައި އޮތީމައެވެ.
ސައިބޮއެގެން ކޮޓަރިއަށް ވަން ހޭޒަލް ހެދުން ބަދަލުކޮށްލައިގެން އައިސް އެނދުގެ އަރިމަތީ އިށީނެވެ. ސައިޑްކަބަޑުމަތީ އޮތް ފޯނު ނެގިއެވެ. އޭނާގެ ނިވާލާފައި އޮތް ކުރީގެ ފޯނު ވަތްގަނޑުން ނެގިއެވެ. އެ ފޯނަކީ އޭނާއަށް ލިއަމް ގެނެދިން ފޯނެކެވެ. އެ ފޯނު ބޭނުންކުރަން އޭނާ ބޭނުންނުވަނީ އެހެންވެއެވެ. އިރުކޮޅަކު ދެއަތުގައި އޮތް ފޯނަށް ބަލަން އިނެވެ. އާ ފޯނު އެނދުމަތީ ބާއްވާލައި ކުރީގެ ފޯނު ހުޅުވާލިއެވެ. އެއިން ނަޝާގެ ނަންބަރާއި ދާރިއަންގެ ނަންބަރު ހޭޒަލް ނެގިއެވެ. ބޭނުން ފުދުމުން އަނެއްކާ ވެސް ފޯނު ނިވާލައި ވަތްގަނޑަށް ލައިފިއެވެ.
* * * * *
ކާރުގައި އިން ދާރިއަން ފޯނަށް ބަލާލިއެވެ. އޭނާއަށް ގުޅަނީ ކާކުކަމެއް ނޭނގެއެވެ. އެހެންވިޔަސް އޭނާ ކޯލުނެގިއެވެ. ހެލޯއޭ ބުނުމުން ވެސް ޖަވާބެއް ނައެވެ. ނޭވާއެއްލީހެން ދާރިއަންއަށް ހީވިއެވެ. ކާކުތީ އޭނާއަށް އަހާލެވުނެވެ. ޖަވާބެއް ނުދިނުމުން އޭނާ ފޯނުކޯލު ކަނޑާލީއެވެ. ގިނައިރެއްނުވެ އޭނާއަށް މެސެޖެއް އައެވެ. ހާއި ޖަހާލަފައެވެ. ހަމަ އެ ނަންބަރުންނެވެ. ދާރިއަން އަޅައެއްނުލިއެވެ. އޭނާ އިނީ މަޣްރިބު ނަމާދަށް ގޮވުމުގެ ކުރީން ގެއަށް ގޮސް ހެދުން ބަދަލުކޮށްލަން ބޭނުންވެފައެވެ. އޮފީސް ހެދުމުގައި މިސްކިތަށް ދާން ބޭނުންނުވެފައެވެ. އޭނާގެ ސަމާލުކަން އަނެއްކާ ވެސް އަތުލީ ފޯނުން އިވުނު އަޑެވެ. މެސެޖެއް ފޯނަށް އައީއެވެ. އޭނާއަށް ޤަބޫލުކުރަން ދަތިވެ ވަގުތުން މަގުމައްޗަށް ބަލާލިއެވެ. ކާރު މަޑުކޮށްލާނޭ ދިމާއެއް ހޯދާލިއެވެ. އެ މެސެޖު ދާރިއަންގެ ސަމާލުކަން ހޯދީއެވެ.
"ސޮރީ... ހޭޒަލް..." މެސެޖުގައި އޮތެވެ.
(ނުނިމޭ)