އެފްއޭއެމް

ރާއްޖޭގެ ކޯޗަކަށް ރިވާލްޑޯއާ ވާހަކަ ދައްކަނީ

ރާއްޖޭގެ ކޯޗްގެ މަގާމަށް ޝައުގުވެރިކަން އުފެއްދުމަށް، ބްރެޒިލް އާއި ބާސެލޯނާގެ ކުރީގެ ތަރި ރިވާލްޑޯ އާވެސް ވާހަކަ ދައްކަމުން އަންނަ ކަމަށް އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓާ ޖުދާން އަލީ ބުނެފި އެވެ.

އޭނާ ބުނީރާއްޖޭގެ ކޯޗް ކަމަށް 150 ވުރެ ގިނަ ސީވީ ހުށަހެޅިފައިވާ ކަމަށެވެ. އޭނާ ބުނީ ރިވާލްޑޯގެ އިތުރުން، ކުރިން މެންޗެސްޓާ ސިޓީ އާއި އިނގިރޭސި 21 ގައުމީ ޓީމަށް ކޯޗް ކޮށްދިން ޕީޓާ ރީޑް އާވެސް ވާހަކަ ދައްކާފައިވާނެ ކަމަށެވެ. އަދި ކުރިން ތައިލެންޑްގެ 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ކޯޗް ކޮށްދިން މިޑްލްސްބަރާގެ ކުރީގެ ކޯޗް ބްރަޔަން ރޮބްސަން އާވެސް ވާހަކަ ދައްކާނެ ކަމަށް، އިންގްލެންޑްގެ "ދަ ސަން" އަށް ދީފައިވާ އިންޓަވިއުގައި ޖުދާން ބުނެފައި ވެއެވެ.

"ދާދި ފަހުން ޔޫއެފާ އޭ ލައިސެންސް ނިންމި ރިވާލްޑޯ އާވެސް އަހަރެން ވާހަކަ ދައްކައިފިން، ޕީޓާ ރީޑް އާވެސް ވާހަކަ ދައްކައިފިން، މިހާރު އަހަރެން މިއުޅެނީ ބްރަޔަން ރޮބްސަން އާ ވާހަކަ ދައްކުމުގެ މަރުހަލާގައި" ޖުދާން ބުންޏެވެ. "[ބްރެޒިލް އާއި ރެއާލް މެޑްރިޑްގެ ކުރީގެ ކީޕަރު ހޫލިއޯ ސެޒާ، މަނީޝް ނޮލްބާޓޯ ސޮލާނޯ ވެސް އަހަރެންގެ ފްރޭމްގައި އެބަހުރި، މިއީ މިވަގަތަށް އަހަރެންނާ ވާހަކަ ދެއްކެމުންދާ މީހުން."

އޭނާ ބުނީ، ރާއްޖޭގެ ކޯޗަކަށް ގެނައުމަށް ބަލާނީ ކުޅުންތެރިންގެ ކިބައިން މެކްސިމަމް ނެރެން އެނގޭ ކޯޗަކަށް ކަމަށެވެ. އަދި ގެންނަ ކޯޗަކާ ފުރަތަމަ ހަވާލު ކުރާނީ ކުރު މުއްދަތުގެ ކޮންޓްރެކްޓެއް ކަމަށް އޭނާ ބުނެފައި ވެއެވެ. އެއީ ވޯލްޑް ކަޕްގައި ކުރިއަށް އޮތް ތިން މެޗަށެވެ. އޭނާ ބުނީ ސީރިއާ އާއި ފިލިޕީންސް އަދި ޗައިނާ އާ ދެކޮޅަށް ކުޅޭ މެޗުން މޮޅު ވެއްޖެނަމަ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ރާއްޖެއަށް ބޮޑު ފުރުސަތަކަށް ވާނެ ކަމަށެވެ.

އެހެންނަމަވެސް ކޮލިފައިންގެ ފަސް ޓީމު ހިމެނޭ ގުރޫޕް އޭ ގައި ރާއްޖެ އޮތީ ގުރޫޕްގެ ހަތަރު ވަނައިގަ އެވެ. އެއް ވަނައިގައި 15 ޕޮއިންޓާއެކު އޮތް ސީރިއާއަށް ވުރެ ނުވަ ޕޮއިންޓް ދުރުގަ އެވެ.

"އަހަރެމެން ބޭނުން ވަނީ މާޗް މަހު ޗައިނާ އާ ދެކޮޅަށް ކުޅޭ މެޗަށް ކުޅުންތެރިން މޯޓިވޭޓްކޮށްގެން ނެރެވޭނެ ފެންވަރު ހުރި ކޯޗެއް، އެ މެޗުން މޮޅުވެއްޖެއްޔާ ދެން ކޮންމެ ކަމެއްވެސް ވާނެ."

"ރާއްޖެއަށް ޗައިނާ، ސީރިއާ އަދި ފިލިޕީންސް ބަލި ކުރެވިއްޖެއްޔާ އަހަރެމެންނަށް ވޯލްޑް ކަޕަށް ކޮލިފައި ވެވޭނެ، އެއީ މި ފަހްރުވެރި ގައުމަށް ވަރަށް ބޮޑު ކަމަކަށް ވާނެ."

ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ފުޓްބޯޅަ ސްކޫލް އާ ބެހޭގޮތުން އޭނާ ބުނީ މާޗް މަހު އެތަން ހުޅުވާނެ ކަމަށާއި އެގޭ އަށްތަނެއް ރާއްޖޭގައި ހުޅުވިއްޖެނަމަ ފުޓްބޯޅަ ބަދަލު ކުރެވޭނެ ކަމަށެވެ.

"ޔާޔާ ޓޯރޭ (ނޮވެމްބަރު މަހު) ރާއްޖެއަށް ޒިޔާރަތް ކުރި، އޭނާއަށް ފެނުނު މަންޒަރުން އޭނާ ހުރީ ހިތްހަމަޖެހިފައި، މިކަހަލަ އަށް ސެންޓަރެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމު ކުރެވިއްޖެނަމަ ކާކަށް އެނގޭނީ ފަހެއް ނުވަތަ އަހަރު ތެރޭ ކިހިނެއް ކަމެއް ވާނީ."

ރާއްޖޭގެ ޓެކްނިކަލް ޑައިރެކްޓަރު ކަމަށް ޖުދާން ހަމަޖެއްސީ ކިހާ ދުވަހެއްގެ މުއްދަތަކަށް ކަމެއް އެފްއޭއެމުން އިއުލާން ކޮށްފައި ނުވެ އެވެ. އެހެންނަމަވެސް ދަ ސަން ނޫހުގައި ބުނެފައި ވަނީ ޖުދާން ހަމަޖައްސާފައިވަނީ 10 އަހަރުގެ އެއްބަސްވުމަކަށް ކަމަށެވެ.