ރ. ކިނޮޅަސް ނެރުމައްޗަށް ބޯޓެއް އުރުމާ ގުޅިގެން އެ ފުން ކުރުމުގެ މަސައްކަތަށް ރަށު ރައްޔިތުންނާއެކު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެހީތެރިވެވެވަޑައިގެންފި އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ ކިނޮޅަހު ނެރުމައްޗަށް ދޯންޏެއް އުރުނު ކަމުގެ މައުލޫމާތު މިއަދު މެންދުރު 11:00 ހާއިރު ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ ވަގުތު އެތަނުގައި ތިބި މީހުންގެ އެހީތެރިކަމާއެކު އަމިއްލަށް ފުންކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.
ކިނޮޅަހު ނެރަށް އަރާފައި ވަނީ، އެ ރަށުގެ ސްކޫލުގެ އާ އިމާރާތަށް ބޭނުންވާ ސާމާނާއި ރަށުގެ އެހެން ކަންކަމަށް ބޭނުންވާ ހިލައާއި ހިލަވެލި ބަރުކޮށްގެން އައި ބޯޓެކެވެ. އެ ބޯޓު ނެރަށް އެރީ އިމްރާން އާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު އެ ރަށުގައި ކެމްޕެއިންއަށް ވަޑައިގެން އުޅުއްވަނިކޮށެވެ.
ބޯޓު ނެރަށް އެރިކަމުގެ ހަބަރު ލިބުމާއެކު އިމްރާން އެ ބޯޓަށް އަރައި ފުން ކުރުމުގެ މަސައްކަތް ކުރުމުގައި އެހީތެރިވެ ދެއްވާ އަމަލީގޮތުން އެކަމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ބޯޓް ފުންކުރެވުނީ 2:00 އެހާކަން ހާއިރެވެ. އެ ހާދިސާގައި އެއްވެސް މީހަަކަށް އަނިޔާއެއް ނުވެ އެވެ. އަދި ބޯޓުގައި ހުރި މުދަލަކަށް ވެސް ގެއްލުމެއް ނުވެ އެވެ.
ކިނޮޅަހު ކައުންސިލްގެ ނައިބު ރައީސް ވާފިރު އަހުމަދު އަވަސްއަށް ވިދާޅުވީ އެ ހާދިސާ ހިނގުމުން އެވަގުތު ކެމްޕެއިން ދަތުރެއްގައި ވަޑައިގެން އުޅުއްވި އިމްރާން އާއި އަދާލަތު ޕާޓީގެ ޓީމްއާއެކު ރަށުގެ ގިނަ ރައްޔިތުން ބަނދަރު ސަރަހައްދަށް ނިކުމެ ބޯޓު ފުން ކުރަން އެހީވި ކަމަށެވެ.
"އަޅުގަނޑު އެ ވަގުތު ހުރީ އަދާލަތު ޕާޓީގެ އިސް ޓީމަކާއެކު އިމްރާން އާއި ސްޓޭޓް މިނިސްޓަރާއެކު އެ ހަބަރު ލިބުމުން ބައްދަލުވުން ކުރުކޮށްލާފައި މިނިސްޓަރު ބޭނުންވީ އެ މަސައްކަތައް އެޓެންޑުވާން. މެންދުރު ކުރި އެއްކޮށް ދިޔައީ އެ މަސައްކަތުގައި. ގިނަ ރައްޔިތުން މި މަސައްކަތައް ނިކުތް،" ވާފިރު ވިދާޅުވި އެވެ.
ވާފިރު ވިދާޅުވީ ބަނދަރުގެ މައްސަލައަކީ އެ ރަށު ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް ކަމަށާއި އެގޮތުން ބައެއް ދުވަސްވަރު ފަޅު ތެރެއަށް ވެލި އަރައި ފެރީ ވެސް ނުދުއްވޭ ހިސާބަށް ދާ ކަމަށެވެ. އަދި މީގެ ކުރިން ވެސް އެ ތަނަށް ބޯޓު ފަހަރު އުރޭ ކަމަށާއި އެ މައްސަލައަށް ހައްލެއް ބޭނުންވާ ކަމަށް ވާފިރު ވިދާޅުވި އެވެ.