އުމުރުން ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކޮށް ހަޑިހުތުރު ޖަރީމާ ހިންގި މީހުންނަށް ހައްގުވާ މިންވަރަށް އަދަބު ދޭންޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ވިދާޅުވެއްޖެ އެވެ.
ޑރ. ޒިޔާދު ވިދާޅުވީ އިސްލާމް ދީނުގަ އަދަބުތައް ކަނޑައަޅާފައިވަނީ މީސްތަކުންގެ ހައްގުތަށް ހިމާޔަތް ކުރުމަށް ކަމަށެވެ.
އަދި މުޖްތަމައުގައި ހިންގާ މިފަދަ ނުބައި ޖަރީމާތަށް ހިންގާ މީހުންނަށް އަދަބު ނުދޭވޭނަމަ މީސް ތަކުންގެ ހައްގުތަށް ގެއްލި މުޖްތަމައުގައި ނާމާންކަން ފެތުރިދާނެ ކަމަށެވެ.
ޒިޔާދު ވިދާޅުވީ އުމުރުން ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލަ އަދި އެފަދަ އެހެން ހުރިހާ މައްސަލަތައްވެސް ބަލާ ހައްގު ގެއްލިފައިވާ ހުރިހާ އެންމެންނަށް އިންސާފު ހޯދާދިނުމަށް ގޮވާލައްވާ ކަމަށެވެ.
"މިތުއްތު ކުއްޖާގެ ހައްގާ މިފަދަ އަނިޔާ ލިބިފައިވާ ހުރިހާ މީހުންގެ ހައްގު ހިމާޔަތް ކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލަން. އިންސާނީ ކަރާމާތް ހިމާޔަތް ކުރަމާ." ކުރީގެ މިނިސްޓަރު ވިދާޅުވިއެވެ.
ޒިޔާދު ވިދާޅުވީ މިފަދަ ނުބައިކަންތަށް ކުރާނީ ހައްދުފަހަނަ އަޅާފައިވާ މީހުން ކަމަށެވެ. އަދި ޖަރީމާ ހިންގި މީހުންނަށް ހައްގުވާ މިންވަރަށް އަދަބު ދޭންޖެހޭ ކަމަށް ވިދާޅުވިއެވެ،
"ތުއްތު ކުދިންގެ ހައްގުތަށް ހިމާޔަތް ކުރަންޖެހޭ." ޒިޔާދުގެ ޕޯސްޓް ނިންމަވާލައްވަމުން ވިދާޅުވެފައިވެއެވެ.
ކުށްތަކަށް އަރައިގަންނަ މީހުންނަށް އިސްލާމީ ޝަރީއަތުގައިވާ އަދަބުތައް ދިނުމަށް ދީނީ އިލްމުވެރިން ވަނީ ގޮވާލައްވާފައެވެ.
ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 62 އަހަރުގެ ފިރިހެނަކާއި 82 އަހަރުގެ ފިރިހެނެކެވެ.
އަވަސްއާއި ވާހަކަދެއްކި އެ ރަށުގެ ބައެއް މީހުން ބުނީ ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގައި އެ ކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަވެސް ބައިވެރިވެފައިވާ ކަމަށެވެ. އަދި އެކަން ކުއްޖާގެ ވާހަކަތަކުން އެނގޭ ކަމަށެވެ.
ދެ އަހަރުގެ ތުއްތު ކުއްޖާއަށް ޖިންސީ ގޮތުން ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ. މިވަގުތު އެ ކުއްޖާއަށް ޖެންޑާާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރިއިރު އެ ކުއްޖާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.