ޖިންސީ ގޯނާ

ސިފައިންގެ ދެ މީހަކު ކުޑަ ކުއްޖަކު ރޭޕް ކުރި: ރޮޒައިނާ

ސިފައިންގެ ދެ މީހަކު ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލައެއް، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮއިޒަނާ އާދަމް ފެންމަތި ކުރައްވައިިފި އެވެ.

ރޮޒައިނާ އެ ވާހަކަތައް ފެންމަތި ކުރެއްވީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ މިރޭ ވާހަކަދައްކަވަމުންނެވެ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ތުއްތު ކުއްޖަކަށް އޭނާގެ ބައްޕައާއި ދެ ކާފަ ޖިންސީ ގޯނާކުރި މައްސަލައާއި ގުޅިގެން މިރޭ ބޭއްވި ކުއްލި ކޮމެޓީ ބައްދަލްވުމެއްގައި ރޮޒައިނާ ވިދާޅުވީ ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ.

15 އަހަރުގެ ކުއްޖެއް ރޭޕްކޮށްގެން ދެ ސިފައިންގެ މީހުންގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށައަޅާފައިވާ ކަމަށާ ނަމަވެސް އަދިވެސް އެ މައްސަލާގައި އިންސާފް ނުލިބޭ ކަމަށް ވިދާޅުވިއެވެ. އޭގެ ބަދަލުގައި އަދިވެސް އެ މީހުން ތިބީ ސިފައިންގެ މުއައްސަސާގައި ޔުނީފޯމް އެޅި ވަޒީފާތަކުގައި ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"ހަމަ އެއްކަލަ ދެ ސިފައިންގެ މީހުން ސިފައިންގެ ޔުނީފޯމް އަޅައިގެން އޮފީސް ގޮސްގޮސް އެ ތިބެނީ. ރޭޕްކުރި ކުއްޖާ އެ ހުރި ހުރިގޮތަށް، އެއީ ކާކުކަން ކިޔައިނުދެވޭ ވަރުގެ ކުއްޖެއްގެ ވާހަކައެއް ނޫން މި ދައްކަނީ. 15 އަހަރުގެ ކުއްޖެއް އެއީ، އެކަމަކު އަދިވެސް އެމީހުން އެ ތިބެނީ ދޫވެފައި." ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ ޒިންމާ ފުރިހަމައަށް އަދާކުރެވޭ އެއްވެސް މުއައްސަސާއެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި ހުރިހާ ތަނަކުންވެސް ކަންކަން ކުރަމުންދަނީ ވަރަށް ދޯދިޔާކޮށް ކަމަށް ވިދާޅުވިއެވެ.

ދެ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި އެކަން ހިނގައިދިޔަ ގއ. ކަނޑުހުޅުދޫގެ ކައުންސިލް މެންބަރުންނާއި ކަމާބެހޭ މުއައްސަސާތަކާ ސުވާލު ކުރަން ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ރޭ ވަނީ ފާސްކޮށްފައެވެ.