ކަރަން ޖޯހަރްގެ "ދަޅަކް" އިން އިޝާން ޚައްތަރު އާއެކު ވަރަށް އުންމީދީ ފެށުމެއް ޖާންވީ ކަޕޫރަށް ފިލްމު އިންޑަސްޓްރީގައި ވަނީ ލިބިފަ އެވެ. މީގެ ދުވަސްކޮޅެއް ކުރިން ދުނިޔެ ދޫކޮށްފައިވާ ކުޅަދާނަ ބަތަލާ ޝްރީދޭވީގެ ދެ ދަރިންގެ ތެރެއިން ޖާންވީ އޭނާގެ މަންމަ ހިނގި މަގުން ހިނގަން ފަށާފައިވާއިރު ހަގު ދަރިފުޅު ޚުޝީ ކަޕޫރު ވެސް ބޮލީވުޑަށް ވަނުމުގެ ތައްޔާރީތައް ވަނީ ފަށާފަ އެވެ.
ކުރިން އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ޚުޝީ ބޭނުން ވަނީ މޮޑެލް ކުރާށެވެ. ފިލްމު ކުޅުމުގެ ޝައުގުވެރިކަމެއް ނެތެވެ. ނަމަވެސް ޖާންވީ ފަދައިން ކޮއްކޮ ޚުޝީ ވެސް ފިލްމީ ދުނިޔޭގައި އަލިގަދަ ތަރިއެއްގެ ގޮތުގައި ފިޔަޖެހުމަކީ ޖާންވީ ބޭނުންވާ ގޮތެވެ. އަދި ޚުޝީ ވަރަށް އަވަހަށް ފިލްމު ކުޅެން ފަށާނެ ކަމަށް ޖާންވީ ޔަގީން ކުރެ އެވެ.
ޖާންވީ ބުނި ގޮތުގައި ބޮލީވުޑަށް ނުކުންނައިރު ކޮއްކޮއަށް އޭނާ ދޭން ބޭނުންވާ ނަސޭހަތަކީ އެ އިންޑަސްޓްރީގެ ވިދާ ބަބުޅާ ދުނިޔެއަށް ގެއްލިގެން ނުދިއުމަށާއި ފޯކަސްކޮށް ހުރުމަށެވެ.
މިހާރު ޚުޝީ ގެންދަނީ ނިއުޔޯކްގެ ފިލްމު އެކަޑަމީގައި އެކްޓީންގެ ރޮނގުން ކިޔަވަމުންނެވެ. ޖާންވީ ބުނީ ޚުޝީއަށް އޭނާގެ ބާރާއި ބަލިފައި އެނގެން ޖެހޭނެ އެވެ.
"އަހަރެން އިންޑަސްޓްރީގައި މިވީ ކުޑަ ދުވަސްކޮޅުގެ ތަޖުރިބާއަށް ބަލާފައި ބުނެވޭނީ ބޮލީވުޑްގައި ދެ ބާވަތެއްގެ މީހުން އުޅޭ ކަމަށް ބެލެވެއޭ. އެއްބަޔަކު ތިމާ ވަރުގެ މީހެއް ނެތް ކަމަށް ގަބޫލު ކުރުވާއިރު އަނެއް ބަޔަކު އުޅޭނީ ތިމާގެ އަގެއް ނެތްކަން ސާބިތު ކޮށްދޭށޭ. އެހެންވީމާ މީގެން އެއްވެސް ބައެއްގެ ވާހަކައަށް ހެއްލިގެން ނުގޮސް ވަރަށް ފޯކަސްކޮށް ހުންނަން ޖެހޭނޭ،" ޖާންވީ ބުންޏެވެ.
ޖާންވީ ބުނި ގޮތުގައި ހުރިހާ ކަމެއް އަދި ދަސް ނުވިޔަސް އެއް ކަމެއް އޭނާއަށް ވަރަށް ރަނގަޅަށް މިހާރު ވަނީ ވިސްނިފަ އެވެ.
"އަހަރެންނަށް އެނގޭ އަހަންނަށް މި ހުރެވުނީ ކިހާ ހިސާބެއްގައިކަން. އަދި އަހަރެން ދާން ބޭނުންވަނީ ކޮން ހިސާބަކަށްކަން. އަހަރެންނަށް ކުރެވޭނެ ކަންތައްތަކާއި ގާބިލްކަން ހުރި މިންވަރު ވެސް އެނގޭ،" އިންޑިޔާގެ މަޝްހޫރު ނޫސްވެރިއަކަށް ދިން އިންޓަވިއު އެއްގައި ޖާންވީ ބުންޏެވެ.
ފިލްމީ ރޮނގުން ބަލާއިރު ވަރަށް ޝައުގުވެރިވާ ކަހަލަ ގިނަ ފިލްމުތަކެއް ޖާންވީ ދަނީ ކުޅެމުންނެވެ. އޭގެ ތެރޭގައި ޝަރަން ޝަރްމާގެ "ގުންޖަން ސަކްސޭނާ: ދަ ކާގިލް ގާލް"، ހާރްދިކް މެހެތާގެ "ރޫހީ އަފްޒާނާ"، އަދި ކޮލިން ޑީކުންހާގެ "ދޯސްތާނާ 2" އަދި ކަރަން ޖޯހަރްގެ ޑްރީމް ޕްރޮޖެކްޓް "ތަޚުތު" ހިމެނެ އެވެ.