ބޮލީވުޑް

ސާރާއާ ކާތިކްގެ "ލަވް އާޖް ކަލް" ކިހިނެއް ވާނެ؟

ސާރާ އަލީ ޚާން އާއި ކާރްތިކް އާރްޔަންގެ "ލަވް އާޖް ކަލް" ގެ ޓްރެއިލާ ހުކުރު ދުވަހު ވަނީ ރިލީޒް ކޮށްފަ އެވެ. އެއް ބަޔަކަށް މި ޓްރެއިލާ ވަރަށް ކަމުދިޔައިރު އަނެއް ބަޔަކަށް އެހާ ކަމަކު ނުދިޔަ އެވެ. ކަމުނުދިޔަ ގްރޫޕްގައި ހިމެނޭ ބައެއް މީހުން ބުނަނީ މި ޓްރެއިލާ ހީވަނީ ރަންބީރު ކަޕޫރާއި ދީޕިކާ ޕަދުކޯން ކުޅުނު "ތަމާޝާ" ހެންނެވެ. ފިލްމުގައި ވަރަށް ވައްތަރު ގޮތްތަކެއް އެބަހުރި ކަމަށެވެ. އިއްތިފާގުން "ތަމާޝާ" އަކީ ވެސް "ލަވް އާޖް ކަލް" ގެ ޑައިރެކްޓަރު އިމްތިޔާޒު އަލީގެ ފިލްމެކެވެ.

ޓްރެއިލާ އާ މާ ބޮޑަށް ގަޔާ ނުވިޔަސް ސާރާ އާއި ކާރްތިކްގެ ކެމިސްޓްރީއަށް އެންމެން ވެސް ވަނީ ތައުރީފު ކޮށްފަ އެވެ.
ހަމަ މި ނަމުގައި 2009 ގައި އިމްތިޔާޒު އަލީ ވަނީ ސައިފް އަލީ ޚާނާއި ދީޕިކާ ޕަދުކޯން ލީޑް ރޯލަށް ލައިގެން ފިލްމެއް އުފައްދާފަ އެވެ.

މިފަހަރުގެ "ލަވް އާޖް ކަލް"ގެ ޕޯސްޓަރުން ހާމަވާ ގޮތުގައި ކުރީގެ ފިލްމަކީ 2009 ގައި ލޯބީގެ ކަންތައްތައް ހުރި ގޮތެވެ. އަދި މިފަހަރުގެ ފިލްމަކީ 2020 ގައި ލޯބީގެ ކަންތައްތައް އޮންނާނެ ގޮތެވެ.

ސައިފް އާއި ދީޕިކާގެ "ލަވް އާޖް ކަލް" އަކީ އެ ދުވަސްވަރު ވަރަށް ބޮޑު ކާމިޔާބެއް ހޯދި ފިލްމެކެވެ. އެހެންވެ ދަރިފުޅު ސާރާގެ ފިލްމުގެ ޓްރެއިލާ އާ ދެމެދު ސައިފް ދެކެނީ ކިހިނެއްތޯ ނޫސްވެރިއަކު ސުވާލުކުރުމުން އޭނާ ބުނީ ޓްރެއިލާ އޭނާއަށް ވަރަށް ކަމުދިޔަ ކަމަށެވެ. ނަމަވެސް ދީޕިކާ އާއެކު ކުޅުނު ފިލްމު ހަނދާން ކުރަމުން ސައިފް ބުނީ ބޮޑަށް ކަމުދަނީ އޭނާ ކުޅުނު "ލަވް އާޖް ކަލް"ގެ ޓްރެއިލާ ކަމަށެވެ.

މި ފިލްމުގައި ސާރާ އާއި ކާރްތިކްގެ އިތުރުން ރަންދީޕް ހޫޑާ އާއި އަރުޝީ ޝަރުމާ ވެސް މުހިއްމު ރޯލުތަކެއް ކުޅެފައި ވެއެވެ. އަންނަ ފެބްރުއަރީ މަހު 14 ވަނަ ދުވަހު ރިލީޒްކުރާ މި ފިލްމު ޕްރޮޑިއުސްކުރަނީ ދިނޭޝް ވިޖަން އެވެ.