ބޮލީވުޑް

"ލަވް އާޖް ކަލް 2" ފްލޮޕްވުމަކީ ކެރިއަރަށް ލިބުނު ރަނގަޅެއް: ކާރްތިކް

ކާރްތިކް އާރްޔަން އަކީ މިހާރު ބޮލީވުޑްގައި މަސައްކަތްކުރާ ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ކާމިޔާބު އެއް އެކްޓަރެވެ.

އޭނާގެ އެންމެ ފަހުގެ ފިލްމު "ބޫލް ބުލައްޔާ 2" ވަނީ ބްލޮކްބަސްޓާއެއްގެ ދަރަޖަ ހޯދާފަ އެވެ. އަނީސް ބަޒްމީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަށް މުޅި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން 230 ކްރޯޑުގެ ވިޔަފާރި ވެފައިވެ އެވެ.

ކާރްތިކް ފިލްމު ކުޅެން ފެށިތާ 11 ވަރަކަށް އަހަރު ފާއިތުވެފައިވާއިރު "ލަވް އާޖް ކަލް 2" ފަދަ މަދު ފިލްމެއް ނޫނީ ފްލޮޕް ވެފައެއް ނުވެ އެވެ. މި ފިލްމު ފްލޮޕްވުން އޭނާ ބަލަނީ ކެރިއަރުގެ ކުރިއެރުމުގެ ގޮތުގަ އެވެ.

"އެ ފިލްމު ފްލޮޕްވުމުން އަހަރެންނަށް ސީރިއަސް ރޯލުތަކާ މެދު ތަންކޮޅެއް ބޮޑަށް ވިސްނާލަން ފުރުސަތު ލިބުނު. އެ ފިލްމު ފްލޮޕްވިޔަސް ގިނަ ޑައިރެކްޓަރުންނަށް އަހަރެންނަށް އިތުބާރު ކުރެވެން ފެށީ އެ ފިލްމުގެ ސަބަބުން،" ކާރްތިކް ބުންޏެވެ.

ކަރްތިކްގެ ގިނަ ފިލްމުތަކެއް މިހާރު ވެސް އިއުލާން ކޮށްފައި ވެއެވެ. މީގެ ތެރެއިން ބައެއް ފިލްމުތަކުގެ މަސައްކަތް އޭނާ ކުރަމުންދާއިރު އަނެއް ފިލްމުތައް އަދި ހުރީ ފެށުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކުގެ މަރުހަލާގަ އެވެ.