ބޮލީވުޑް

ބައެއް ފޭނުން އުޅޭ ވައްތަރުން ކާރްތިކް ލަދުން

ކާރްތިކް އާރްޔަން އަކީ މިހާރު ބޮލީވުޑްގައި ހުރި އެންމެ އިތުބާރު ހިފޭ އަދި އެންމެ ވިކޭ އެއް އެކްޓަރެވެ. އަދި އޭނާގެ ރީތި ސާދާ ސިފައިގެ ސަބަބުން އެތައް މިލިއަން އަންހެން ކުދިންނެއްގެ ހިތުގެ ތެޅުމަށް ވެސް އޭނާ ވަނީ ވެފަ އެވެ.

ކާރްތިކް އަށް ތާއީދުކުރާ އަންހެންކުދިން ގިނަވާ ވަރަކަށް އޭނާއަށް ލަދު ގަންނަން ޖެހޭ ކަހަލަ ގިނަ ކަންތައްތަކެއް ވެސް ދަނީ ކުރިމަތިވަމުން ނެވެ. ދާދިފަހުން ކާރްތިކް ދިން އިންޓަވިއު އެއްގައި މިފަދަ ހާދިސާއެއް ކިޔައިދީފައި ވެއެވެ.

"އަހަންނާ ކައިވެނިކޮށްގެންނޭ އުޅެނީ ކިޔައިގެން ވެސް އަންހެން ފޭނަކު ދާދިފަހުން އުޅެފި. މިދެން ކިހާ ބިރުވެރިކަމެއް. އެ އަންހެން ކުއްޖާ އަހަރެމެންގެ ގޭދޮށަށް އައިސް ހުރީ އަހަރެންނާއެކު ކައިވެނިކުރަނިކޮށް ނަގާފައިވާ ފޮޓޮއެއް ހަދައިގެން އެ ފްރޭމަކަށް ލައިގެން ހިފައިގެން،" ކާރްތިކް ބުންޏެވެ.

ކާރްތިކް އަކީ އަބަދުވެސް އޭނާގެ ފޭނުންނަށް ވަރަށް ކަމޭހިތާ އަދި އެމީހުންނާއެކު ފޮޓޯނަގާ ހަދާ ހިތްހެޔޮ އެކްޓަރެކެވެ. ނަމަވެސް އޭނާގެ ރަނގަޅުކަމުގެ ފައިދާ މިގޮތަށް މީހަކު ނަގާފާނެ ކަމަކަށް ކާރްތިކް ހިޔެއް ނުކުރެ އެވެ.

ކާރްތިކް މިހާރު އުޅެނީ އޭނާގެ އާ ފިލްމު "ފްރެޑީ" ރިލީޒްވާ ދުވަސް ކައިރިވެފައިވާތީ އެ ފިލްމުގެ ޕްރޮމޯޝަންގެ ކަންތައްތަކުގަ އެވެ. އަދި މި ފިލްމުގައި އޭނާ ކުޅެފައިވަނީ އެހެން ގިނަ ފިލްމުތަކުގައި ކުޅެފައިވާ ކަހަލަ ލޯބީގެ ރޯލެއް ނޫނެވެ. އެހެންވެ ފިލްމު ބަލާފައި ބެލުންތެރިން ބުނާނެ އެއްޗަކާ މެދު ކާރްތިކް މިހާރު ހުރީ ކުޑަކޮށް ޖެހިލުން ވެފަ އެވެ.

"ފްރެޑީ"ގައި ކާރްތިކްކުޅެނީ ސައިކޯ ވެފައި ހުންނަ ޑެންޓިސްޓެއްގެ ރޯލެވެ. އެކްތާ ކަޕޫރު ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގައި ކާރްތިކް އާއެކު ބަތަލާގެ ރޯލުން ފެންނަނީ އަލާޔާ އެފް އެވެ.

ޝަޝަންކާ ގޯޝް ޑައިރެކްޓްކޮށްފައިވާ މި ރޮމެންޓިކް-ތުރިލާ ޑިސެމްބަރު ދެ ވަނަ ދުވަހުން ފެށިގެން ޑިޒްނީ+ހޮޓްސްޓާއިން ބަލާލެވޭނެ އެވެ.