ބޮލީވުޑް

"ފްރެޑީ"ގައި ކާރްތިކް އަކީ ނުރައްކާތެރި ގާތިލެއް!

ކާރްތިކް އާރްޔަންގެ ފޭނުންގެ އަދަދު އިންތިހާއަށް އިތުރުވަމުންދާކަމުގެ ހެއްކަކީ އޭނާގެ ފިލްމުތަކަށް ލިބެމުންދާ ކާމިޔާބެވެ.

ފިލްމީ ތަރިއެއްގެ ދަރިއަކަށް ނުވަތަ އާއިލާގެ މީހަކަށް ނުވިޔަސް މަޑުމަޑުން ފިޔަވަޅަކަށްފަހު ފިޔަވަޅެއް ގިރާކުރަމުން ކާރްތިކް ދަނީ ކާމިޔާބީގެ ހަރުގަނޑުން ކުރިއަރަށް އަރަމުންނެވެ.

މިއަހަރު ރިލީޒްކުރި ކާރްތިކްގެ "ބޫލް ބުލައްޔާ 2" ވަނީ ގިނަ ރެކޯޑްތަކެއް މުގުރާފަ އެވެ. އަދި އޭނާ މިހާރު ކުޅެ ޑިސެމްބަރު 2ގައި ރިލީޒްކުރާ "ފްރެޑީ" އަށް ވެސް މިހާ ބޮޑު ކާމިޔާބެއް ލިބޭނެ ކަމަށް އުއްމީދުކުރެވެ އެވެ. ބޮޑު ސްކްރީނުގެ ބަދަލުގައި އޯޓީޓީ ޕްލެޓްފޯމެއްގައި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި ވިޔަސް އެވެ.

"ފްރެޑީ"ގެ ފުރަތަމަ ޓީޒާ ރިލީޒްކުރުމާއެކު ފޭނުން ތިބީ ކާރްތިކްގެ މޮޅުކަމުން ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފަ އެވެ. މި ފިލްމުގައި ކާރްތިކް ކުޅެނީ ޑެންޓިސްޓެއް ކަމަށްވާ ޑރ. ފްރެޑީ ގިންވާލާގެ ރޯލެވެ. އޭނާއަކީ ދުވާލު ގަޑީގައި ޑެންޓިސްޓެކެވެ. ރޭގަނޑު ވީމަ އޭނާ ބަދަލުވަނީ މީހުން މަރާ ގާތިލަކަށެވެ.

ފްރެޑީ އަކީ މާޒީގައި ވަރަށް ހިތްދަތި ތަޖުރިބާތަކެއް ކޮށްފައިވާ މީހެކެވެ. އެހެންވެ އޭނާއަށް އާންމުންގެ ތެރޭގައި އުޅޭން އުނދަގުލެވެ. މީހުން ދެކެ އޭނާ ލަދުގަނެ އެވެ. ކުޑަކުދިން ކުޅޭ ޒާތުގެ މަތިންދާބޯޓާ ކުޅުމަކީ ފްރެޑީ ވަރަށް ލޯބިކުރާ ކަމެކެވެ. އޭނާގެ ހަމައެކަނި އެކުވެރިޔަކީ ހާޑީ ނަމަކަށް ކިޔާ ކަހަނބެކެވެ.

ކައިނާޒް ނަމަކަށް ކިޔާ އަންހެނަކަށް ފްރެޑީ ދެކެ ލޯބި ވެވެ އެވެ. ކައިނާޒް އަކީ ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ މީހެކެވެ. އޭނާގެ ފިރިމީހާ ވަރަށް އަނިޔާވެރި އެވެ. ކައިނާޒް އަކީ މީހެއްގެ އަންބަކަށް ވާތީ އޭނާ އާ ކައިވެނި ކުރެވޭނެ ގޮތަކަށް ފްރެޑީ އަށް ފެނުނީ ވަރަށް ތަފާތު ގޮތެކެވެ.

ފިލްމުގެ ޓްރެއިލާ އިން މާބޮޑަށް ފިލްމުގައިވާ ގޮތް ނޭނގުނަސް މިއީ ނޭވާހިފަހައްޓާލައިގެން އިންނަން ޖެހޭ ކަހަލަ ފިލްމަކަށް ވާނެކަމަށް ކާރްތިކްގެ ފޭނުން ގަބޫލު ކުރެ އެވެ.

މި ފިލްމު ކުޅެން ކާރްތިކް 15 ކިލޯ ބަރުވެފައި ވެއެވެ. ސަބަބަކީ ކާރްތިކް އަކީ އަސްލު ވަރަށް ހިކިކޮށް ހުންނަ މީހަކަށް ވެފައި ފްރެޑީގެ ކެރެކްޓާއަކީ ތަންކޮޅެއް ފަލަ މީހަކަށް ވާތީ އެވެ.

ކުރިން ކާރްތިކް ކުޅެފައިވަނީ ރޮމެންޓިކް ހީރޯއެއްގެ ރޯލު ނަމަވެސް މި ފިލްމުން އޭނާގެ އެކްޓިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިފައިވާ ކަމަށް ކާރްތިކް ބުންޏެވެ.

ޑިޒްނީ+ހޮޓްސްޓާ އިން ޑިސެމްބަރު 2 ގައި ފިލްމު ދައްކަން ފެށުމާއެކު މި ފިލްމު އެތައް މިލިއަން މީހުންނަށް އެއްފަހަރާ ބަލައި ރެކޯޑެއް ގާއިމްކުރާނެކަމުގެ އުންމީދުގައި ހުރި ކަމަށް ވެސް ކާރްތިކް ބުންޏެވެ.

"ފްރެޑީ"ގެ އިޝްތިހާރު ބެލި މީހުންގެ ޓުވީޓްތަކުން އެމީހުންނަށް މި އިޝްތިހާރު ކަމުގޮސްފައިވާ މިންވަރު ހާމަވެ އެވެ. އަދި ކާރްތިކް ކުޅެފައިވާ ރޯލު ވަރަށް މޮޅުކަމަށް އެންމެން ވެސް އެއްބަސްވެފައި ވެއެވެ.

ޝަޝަންކާ ގޯޝް ޑައިރެކްޓްކޮށްފައިވާ "ފްރެޑީ"ގައި ކާރްތިކްއާ އެކު ހަރަކާތްތެރިވާ ބަތަލާ އަކީ އަލާޔާ އެފް އެވެ.