ބޮލީވުޑް

"އާޝިގީ 3" ކާރްތިކް އާރްޔަން އަށް

އަނުރާގު ބާސޫ ޑައިރެކްޓްކުރާ "އާޝިގީ 3"ގެ ލީޑް ރޯލު ކާރްތިކް އާރްޔަން އަށް ދީފި އެވެ.

މި ފިލްމު ގަބޫލުކުރުމަށްފަހު ކާޜްތިކް ބުނެފައިވަނީ "އާޝިގީ" އަކީ އޭނާ ކުޑައިރު ވަރަށް ގިނައިން ބެލި އަދި އޭނާއަށް ވަރަށް ރީތިވި ފިލްމެއް ކަމަށެވެ. އެހެންކަމުން މި ފިލްމުގެ ތިން ވަނަބައި ކުޅެން ލިބުމުން ވަރަށް އުފާވެއްޖެ ކަމަށާއި ޚާއްސަކޮށް އޭނާއަކީ ފިލްމުގެ ޑައިރެކްޓަރު އަނުރާގުގެ ފޭނެއް ކަމުން އަނުރާގު އާއެކު މަސައްކަތް ކުރާނެ ފުރުސަތެއް ލިބުމުން އިތުރަށް ހިތްހަމަޖެހުނު ކަމަށެވެ.

"އާޝިގީ"ގެ ފުރަތަމަ ބައި 1990ގައި އުފެއްދީ ޓީ-ސީރީޒް އާއި ވިޝޭޝް ފިލްމްސް ގުޅިގެންނެވެ. ރާހޫލް ރޯއީ އާއި އަނޫ އަގަރްވާލް ބޮލީވުޑަށް ތައާރަފްވީ މި ފިލްމުގެ ޑައިރެކްޓަރަކީ މަހޭޝް ބަޓް އެވެ.

މި ފްރެންޗައިސްގެ ދެވަނަ ފިލްމެއް "އާޝިގީ 2"ގެ ނަމުގައި 2013ގައި އުފައްދާފައިވެ އެވެ. އެ ފިލްމުގެ ތަރިންނަކީ ޝްރައްދާ ކަޕޫރާއި އަދިތުޔާ ރޯއީ ކަޕޫރެވެ. މި ފިލްމު ޑައިރެކްޓްކުރީ މޯހިތު ސޫރީ އެވެ.

"އާޝިގީ" އާއި "އާޝިގީ 2" ވެސް ބްލޮކްބަސްޓާގެ ދަރަޖަ ހޯދާފައިވެ އެވެ. އަދި އެ ދެ ފިލްމުގެ ލަވަތަކަކީ މިހާރު ވެސް ހިންދީ މިއުޒިކަށް ލޯބިކުރާ ގިނަ ބައެއްގެ ފޭވަރިޓެވެ.

ޑައިރެކްޓަރު އަނުރާގު ބުނި ގޮތުގައި "އާޝިގީ" އާއި "އާޝިގީ 2" އަކީ ފޭނުންގެ ޖަޒުބާތުތަކާ ކުޅެލާފައިވާ ވަރަށް އަސަރުގަދަ ދެ ފިލްމެވެ. އެހެންކަމުން ކާރްތިކް އާއެކު އޭނާ މި ފަށާ "އާޝިގީ 3" އަކީ ވެސް އެފަދަ ފިލްމަކަށް ހެދޭތޯ އޭނާ މަސައްކަތް ކުރާނެ އެވެ.

ފިލްމުގެ ލީޑް ރޯލު ކާރްތިކް އަށް ދިނީ އޭނާގެ މަސައްކަތުގެ އަޚުލާގު ރަނގަޅުވެފައި ރޮމެންޓިކް ހީރޯއެއްގެ ރޯލަށް ފިޓް ވާތީ ކަމަށް ޑައިރެކްޓަރު ބުންޏެވެ.

މި ފިލްމުގެ ބަތަލާ އަކީ ކާކުކަން އަދި އިއުލާނެއް ނުކުރެ އެވެ. ޑައިރެކްޓަރު ބުނީ ބަތަލާގެ ނަން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.

"އާޝިގީ 3"ގެ މިއުޒިކް ތައްޔާރުކޮށްދޭނީ ޕްރީތަމް އެވެ.