ބޮލީވުޑް

"ލަވް އާޖް ކަލް" އަށް ސެންސަރުގެ މައްސަލަ

ހުކުރު ދުވަހު ރިލިޒްކުރާ ކާރްތިކް އާރްޔަން އާއި ސާރާ އަލީ ޚާންގެ "ލަވް އާޖް ކަލް" އަށް ސެންސަރު ބޯޑުން ވަރަށް ގިނަ މައްސަލަތަކާ ކުރިމަތިވެއްޖެ އެވެ. ފިލްމުގެ ބައެއް މަންޒަރުތަކާ ސެންސަރު ބޯޑުގެ މެމްބަރުން އެއްގޮތަކަށް ވެސް ހިތްހަމައެއް ނުޖެހުނެވެ. އެހެންވެ އެ މަންޒަރުތައް ފިލްމުން ކަނޑާލައި އަލުން މޮޑިފައި ކުރުމުން ނޫނީ ފިލްމު ފާސް ކޮށްދޭން މެމްބަރުން އެއްބަހެއް ނުވި އެވެ. ފިލްމުގައި ކާރްތިކް އާއި ސާރާގެ ގައިގޯޅި ގިނަ މަންޒަރުތައް މިހާރު ވަނީ ވަރަށް ބޮޑަށް އުނިކޮށްފަ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އެއް މަންޒަރެއްގައި ސާރާ ލާފައި ހުންނަ ހެދުމުގެ ނިވާކަން ކުޑަކަމުން އެ މަންޒަރުގެ ބައެއް ބްލާކުރަން ވެސް ސެންސަރު ބޯޑުން ވަނީ އަންގާފަ އެވެ. އަދި ބައެއް ޑައިލޯގާއި ލަފުޒުތައް ވެސް ބަދަލު ކުރަން ސެންސަރު ބޯޑުން ވަނީ ފިލްމު އުފެއްދި ފަރާތަށް އަންގާފަ އެވެ.

މި ހުރިހާ މަންޒަރެއް ކަނޑައި އަދި ވަރަށް ގިނަ ޑައިލޯގްތަކަށް ވެސް ބަދަލު ގެނައުމަށް ފަހު މިހާރު ވަނީ ޔޫ/އޭ ސެޓްފިކެޓެއް މި ފިލްމަށް ދޫކޮށްފަ އެވެ.

މި ފިލްމުގައި ސާރާ އާއި ކާރްތިކްގެ އިތުރުން ރަންދީޕް ހޫޑާ ވެސް މުހިއްމު ރޯލަކުން ފެންނާނެ އެވެ. މިއީ އިމްތިޔާޒު އަލީ ޑައިރެކްޓްކޮށް ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.

ލޯބިވެރިންގެ ދުވަހަށް ޚާއްސަކޮށް ރިލީޒްކުރާ މި ފިލްމުގެ "ހާ މައި ގަލަތު" އަދި "މެހްރަމާ" ލަވަ މިހާރު ވަނީ ޗާޓްބަސްޓާ އަށް ވެފަ އެވެ. އަދި ފިލްމަށް ބެލުންތެރިންގެ ވަރަށް ބޮޑު ޝައުގުވެރިކަމެއް މިހާރުއްސުރެ ދައްކަމުންދާތީ ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބެއް މި ފިލްމުހޯދާނެކަމަށް ވަނީ ބެލެވިފަ އެވެ.

ފިލްމު ރިލީޒްކުރަން އެއް ދުވަހަށް ވެފައިވާއިރު ސާރާ އާއި ކާރްތިކް ވަރަށް ބިޒީކޮށް މިހާރު އުޅެނީ މި ފިލްމު ޕްރޮމޯޓްކުރުމުގެ މަސައްކަތުގަ އެވެ.