ބޮލީވުޑް

"ލަވް އާޖް ކަލް" ފްލޮޕްވުމުން ސައިފްގެ ހިޔާލު

ސާރާ އަލީ ޚާންގެ "ލަވް އާޖް ކަލް" އަށް ބޮކްސް އޮފީހުގައި ބޮޑު ނާކާމިޔާބެއް ވަނީ ކުރިމަތިވެފަ އެވެ. އިމްތިޔާޒު އަލީ ޑައިރެކްޓްކުރި މި ފިލްމަކީ ސާރާގެ ބައްޕަ ސައިފް އަލީ ޚާން 2009 ގައި ކުޅުނު ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ "ލަވް އާޖް ކަލް" ގެ ސީކުއަލް އެކެވެ.

ދަރިފުޅު ސާރާގެ ފިލްމު ފްލޮޕްވުމުން އެކަމާ މެދު ސައިފް ދެކޭ ގޮތް އޭނާ ވަނީ އިންޑިޔާގެ ނޫހަކާ ހިއްސާ ކޮށްފަ އެވެ. ސައިފް ބުނީ ކާމިޔާބީ އާއި ނާކާމިޔާބީ އަކީ ފިލްމު ކުޅޭ ކޮންމެ މީހަކަށް ވެސް ކުރިމަތިވާނެ ކަމެއް ކަމަށާއި ސާރާ އާ މެދު އޭނާ ފަޚުރުވެރިވާ ކަމަށެވެ.

ކާރްތިކް އާރްޔަން އާއި ސާރާ ކުޅުނު "ލަވް އާޖް ކަލް" ގެ ފުރަތަމަ ޓްރެއިލާ އާއެކު ވެސް ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި މި ފިލްމާ ދިމާކޮށްލައި ތަފާތު އެއްޗެހި ކިޔާފައި ވެއެވެ. އަދި ޚުދް ސައިފް ވެސް އޭރު ބުނެފައިވަނީ ސާރާގެ ފިލްމުގެ ޓްރެއިލާއަށް ވުރެ ހަމަ މި ނަމުގައި އޭނާ ކުޅެފައިވާ ފިލްމުގެ ޓްރެއިލާ އާ މެދު މާ ހިތްހަމަޖެހޭ ކަމަށެވެ.

ސާރާގެ ފިލްމުގެ ލަވަތައް އެހާ ރީތިވެފައި މީހުންނަކަށް ކަމުދިޔައިރު ފިލްމު ރިލީޒްކުރީ ލޯބިވެރިންގެ ދުވަހުގައި ކަމަށް ވެފައި ސާރާ އާއި ކާރްތިކްގެ ކެމިސްޓްރީ ރަނގަޅުކަމުން ފިލްމު ކާމިޔާބުވާނެ ކަމަށް ވަރަށް ގިނަ ބަޔަކަށް އޮތީ ގަބޫލު ކުރެވިފަ އެވެ.

ނަމަވެސް ބޮކްސް އޮފީހުގައި ފިލްމަށް ކުރިމަތިވީ ބޮޑު ނާކާމިޔާބެކެވެ. ފިލްމަށް ޚަރަދުވި މިންވަރު ވެސް ނުލިބި ފިލްމު ވެފައިވަނީ ބޮޑު ފްލޮޕަކަށެވެ. އަދި މިއީ ސާރާ އާއި ކާރްތިކްގެ ފިލްމީ ކެރިއަރުގެ ވެސް ފުރަތަމަ ފްލޮޕަށް ވުމުން މީގެ ނޭދެވޭ އަސަރުވެސް މި ދެ ތަރިންނަށް ވަނީ ކޮށްފަ އެވެ.

"ލަވް އާޖް ކަލް" އަށް މިހެން ދިމާވިޔަސް ސާރާގެ ވެސް ކާރްތިކްގެ ވެސް ވަރަށް ރަނގަޅު ފިލްމުތަކެއް ރިލީޒްވުމުގެ މަގުމަތީގައި ވެއެވެ. ކާރްތިކްގެ "ބޫލް ބުލައްޔާ 2" އާއި "ދޯސްތާނާ 2" އެވެ. ސާރާގެ "ކޫލީ ނަންބަރު 1" އާއި "އަޓުރަންގީ ރޭ" އެވެ.