ވަރުން ދަވަން

ވަރުން އާއި ނަތާޝާގެ ކައިވެނި މޭގައި

ވަރުން ދަވަން އާއި އޭނާގެ ޒަމާންވީ ލޯބިވެރިޔާ ނަތާޝާ ދަލާލްގެ ކައިވެނި އަންނަ މޭ މަހު ބާއްވަން ހަމަޖެހިފައިވާ ކަމަށް ފިލްމު އިންޑަސްޓްރީގެ ބައެއް މީހުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ. ކައިވެނިކުރާ ދުވަސް އިއުލާން ކުރަން ހަމަޖެހިފައިވަނީ ވަރުންގެ އުފަން ދުވަސް ކަމަށްވާ އޭޕްރީލް 24 ވަނަ ދުވަހު ކަމަށް ވެއެވެ.

ވަރުން އާއި ނަތާޝާ ރައްޓެހި ވެގެން އުޅޭކަން ސިއްރު ކޮށްގެން ވެސް ވަރަށް ގިނަ ދުވަހު ވަރުން އުޅުނެވެ. އޭނާ މިކަމަށް އެއްބަސްވީ މިދިޔަ އަހަރު ދެއްކި "ކޮފީ ވިތު ކަރަން" ޓޯކް ޝޯގައި ކަރަން ޖޯހަރް ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. ވަރުން ބުނި ގޮތުގައި އޭނާ ނަތާޝާ ދެކެ އިންތިހާއަށް ލޯބިވެ އެވެ. އަދި ކައިވެނި ކުރުމަށް ވެސް ދަނީ ރާވަމުންނެވެ.

ބޮލީވުޑްގެ ޕްރޮޑިއުސަރަކާ ހަވާލާދީ ބޮލީވުޑް ޚަބަރުތައް ގެނެސްދޭ އޮންލައިން ނޫހަކުން ބުނި ގޮތުގައި ޔަގީނުން ވެސް މި ފެށުނު އާ އަހަރު ވަރުން ކައިވެނި ކުރަން ވަނީ ނިންމާފަ އެވެ. އަދި މިއީ ވަރަށް ކުލަގަދަކޮށް ހަފުތާއެއް ވަންދެން ފާހަގަކުރާ ރަސްމިއްޔާތުތަކަކާއެކު ކުރިޔަށް ދާނެ ކައިވެންޏެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ވަރުން އާއި ނަތާޝާ ރާއްޖޭގައި ކައިވެނި ކުރަން ބޭނުންވާ ކަމަށް ވެސް މީގެ އަހަރެއްހާ ދުވަސް ކުރިން އިންޑިޔާގެ ނޫހަކުން ބުނެފައި ވެއެވެ. ނަމަވެސް ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި މި ކައިވެނި އޮންނާނީ އިންޑިއާގެ ގޯއާގެ ލަގްޒަރީ ހޮޓަލެއްގައި ނުވަތަ ބީޗް ރިސޯޓެއްގަ އެވެ. ވަރުންގެ ބޭބެ ރޯހިތު ދަވަން އާއި ޖާންވީގެ ކައިވެނި އޮތީ ވެސް މީގެ އަހަރު އަހަރު ކުރިން ގޯއާގެ ހޮޓަލެއްގަ އެވެ.

ވަރުންގެ އެކުވެރިންގެ ތެރެއިން ބޮލީވުޑްގެ އެންމެ ނަން މަޝްހޫރު އެކްޓަރުންނަށް މިހާރު ވަނީ މޭ މަހުގެ ދެ ވަނަ ހަފުތާ އާއި ތިން ވަނަ ހަފުތާ ހުސްކޮށް ބާއްވަން އަންގާފައި ކަމަށާއި މީޑިއާއަށް ހާމަ ނުކުރި ނަމަވެސް ވަރުންގެ އެކުވެރިންނަށް މިކަން މިހާރު އެނގޭ ކަމަށް ވެއެވެ.

ވަރުން މިހާރު ކުޅެ ރިލީޒްކުރަން ތައްޔާރުވެފައިވާ "ސްޓްރީޓް ޑާންސާ 3ޑީ" ޕްރޮމޯޓް ކުރުމަށް އޭނާ އާއި ފިލްމުގެ ބަތަލާ ޝްރައްދާ ކަޕޫރު އެކުގައި ދިން ރޭޑިއޯ އިންޓަވިއު އެއްގައި ވެސް މިފަދަ ސުވާލެއް ރިޕޯޓަރު ވަނީ ކޮށްފަ އެވެ. އޭނާ ސުވާލު ކުރީ ވަރުން އާއި ޝްރައްދާ އާ ދެމީހުން ކުރެ އެންމެ ކުރިން ކައިވެނި ކުރާނީ ކާކުތޯ އެވެ. ރީތި ލަވައަކުން ޝްރައްދާ ބަޔާން ކުރަނީ ކައިވެންޏަށް ތައްޔާރުވެފައިވަނީ ވަރުން ކަމަށެވެ. ޝްރައްދާ މި ބުނި ވާހަކަ ވަރުން ދޮގެއް ނުކުރެ އެވެ. އޭނާ ހެވިފައި އިނީ އެވެ. އެހެންވީމާ މި ކައިވެނި ކުރިޔަށް އޮތް ދުވަސްތަކުގައި ފެނިދާނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް މިހާރު ވަނީ ލިބިފަ އެވެ.

ވަރުން އާއި ނަތާޝާ އަކީ ކުޑައިރުއްސުރެ ދެ ލޯބިވެރިންނެވެ. އަދި ވަރުން ނަތާޝާ ސިފަ ކުރަނީ އޭނާގެ ސަޕޯޓް ސިސްޓަމްގެ ގޮތުގަ އެވެ.

ވަރުން މިހާރު ކުޅޭ ފިލްމުތަކުގެ ތެރެއިން "ސްޓްރީޓް ޑާންސާ 3ޑީ" މިމަހުގެ 24 ވަނަ ދުވަހު ރިލީޒްކުރާނެ އެވެ. ރޭމޯ ޑިސޫޒާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ތަރިންނަކީ ޝްރައްދާ އާއި ނޯރާ ފަތޭހީ އަދި ޕްރަބޫ ދޭވާ އެވެ.

މީގެ އިތުރުން ވަރުންގެ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓްކުރާ "ކޫލީ ނަންބަރު 1"ގެ މަސައްކަތް ވެސް ވަރުން ދަނީ ކުރަމުންނެވެ. މިއީ ސާރާ އަލީ ޚާނާއެކު ވަރުން ކުޅޭ ފިލްމެކެވެ.