ހަބަރު

ޝިދާތާ އިސްތިއުފާ ދީގެން ހައްލެއް ނުވާނެ، ޝަރީއަތުގައި ހިފަން ޖެހޭ: އުމަރު

Jan 18, 2020
1

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އިސްތިއުފާ ދީގެން ކުޑަ ކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ހައްލެއް ނުވާނެ ކަމަށާއި އިސްލާމީ ޝަރީއަތުގައި ހިފަން ޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުއްޖަކަށް އެ ކުއްޖާގެ ތިން ބަފައިން ޖިންސީ ގޯނާ ކުރި މައްސަލާގައި ޝިދާތާ އިސްތިއުފާ ދިނުމަށް ގޮވާލަމުން އަންނައިރު، އެކަމާ ގުޅިގެން އުމަރު މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާާޅުވީ މިނިސްޓަރު އިސްތިއުފާ ދީގެން އެ މައްސަލަ ހައްލެއް ނުވާނެ ކަމަށެވެ.

ހައްލަކީ ކުށްކުރި މީހުން ޖަލަށް ލުމެއް ވެސް ނޫން ކަމަށާއި މައްސަލަ ހައްލު ކުރެވޭނީ އިސްލާމީ ޝަރީއަތުގައި ހިފައިގެން ކުށްކުރި މީހުންގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކޮށްގެން ކަމަށް އުމަރު ވިދާޅުވި އެވެ. އަދި އެކަން ކުރަން ޖެހެނީ އެންމެނަށް އިބުރަތަކަށްޓަކައި ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

ދެ އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ފުލުހުން ވަނީ އެ ކުއްޖާގެ ކާފަ އާއި މުނިކާފަ އަދި ބައްޕަ ހަައްޔަރުކޮށް ދޫނިދޫ ޖަލުގައި ބަންދުކޮށްފަ އެވެ. ފުލުހުންގެ އިތުރު މަޖިލީހާއި އެޗްއާރްސީއެމް އާއި ޖެންޑާ މިނިސްޓްރީންވެސް އަންނަނީ އެ މައްސަލަ ބަލަމުންނެވެ.