އޮފްބީޓް

ކުޑަ ކުއްޖެއްގެ ވިސްނުމުން މަންމަގެ ފުރާނަ ސަލާމަތްވެއްޖެ

އަޔަލެންޑްގެ ފަސް އަހަރުގެ އަންހެންކުއްޖެއްގެ ވިސްނުމުން އޭނާގެ މަންމަގެ ފުރާނަ ސަލާމަތް ވެއްޖެ އެވެ. ޕްރިޔާ ގެލްވިން ކިޔާ މި ކުޑަ ކުއްޖާގެ ދުރުވިސްނުމަށް ގިނަ ބަޔަކު ދަނީ އޭނާއަށް ތައުރީފު ކުރަމުންނެވެ.

ޕްރިޔާގެ މަންމަ މޭރީ ސްޓްރޯކެއް ޖެހި، ތަޅުންގަނޑު މައްޗަށް ވެއްޓުނުއިރު ގޭގައި ތިބީ ފަސް އަހަރުގެ ޕްރިޔާ އާއި އޭނާގެ ކުޑަ ކޮއްކޮއެއް އެކަންޏެވެ.

މި ކުދިންގެ ބައްޕަ ޑެމިއެން ގެލްވިން އޭރު ދަތުރު ކުރަމުން ދިޔައީ އޭނާ ވަޒީފާ އަދާކުރާ ތަނަށް ދިއުމަށެވެ. ކުއްލިއަކަށް ދަރިފުޅުގެ ފޭސްޓައިމް ކޯލެއް ގެލްވިން އަށް ކުރި އެވެ. މަންމަ ބިންމައްޗަށް ވެއްޓިފައި އޮތް ކަމަށް ޕްރިޔާ އޭނާގެ ބައްޕަ ކައިރީގައި ބުންޏެވެ. ޕްރިޔާގެ ބައްޕަ ވަނީ އައިޕެޑުން ފޭސްޓައިމް މެދުވެރިކޮށް ގުޅާނެ ގޮތް ޕްރިޔާއަށް ދަސްކޮށްދީފަ އެވެ.

އަޔަލެންޑްގެ ރޭޑިއޯ ޝޯއެއްގައި ވާހަކަ ދައްކަމުން ގެލްވިން ކިޔައިދިން ގޮތުގައި އާއްމުކޮށް އެގޮތަށް އަންނަ ކޯލް އޭނާ ނުނަގަ އެވެ. ނަމަވެސް އެ ދުވަހު އޭނާގެ ދަރިފުލު ގުޅީމަ ނަގަންވެއްޖެއޭ ހިތަށް އެރީ އެވެ. އޭނާ ފޯނު ނެގިއިރު ދަރިފުޅު ރޯ އަޑު އިވުނެވެ.

މަންމަ ސައިތައްޓެއް ބޯން އިންދާ ތަޅުގަނޑު މައްޗަށް ވެއްޓި ނުތެދުވެވިފައި އެބައޮތޭ ޕްރިޔާ އޭނާ ބައްޕަ ކައިރީގައި ރޮމުން ރޮމުން ބުންޏެވެ. އައިޕެޑްގެ ކެމެރާ އަނބުރާލާފައި އޭނާގެ މަންމަ ވެއްޓިފައި އޮތް ތަން ވެސް ޕްރިޔާ އޭނާގެ ބައްޕައަށް ދެއްކި އެވެ.

ގެލްވިން ބުނި ގޮތުގައި އެ ވަގުތު އޭނާއަށް ވުރެ އަވަހަށް އެ ގެޔަށް އާދެވޭނީ މޭރީގެ ކޮއްކޮއަށް ކަން ވިސްނިގެން އަވަހަށް އޭނާއަށް ގުޅި އެވެ. މޭރީގެ ކޮއްކޮ ވަގުތުން އެގެޔަށް އޭނާގެ ފިރިމީހާ ފޮނުވުމުން ގޭގެ ދޮރު ވެސް ހުޅުވީ ކުޑަކުޑަ ޕްރިޔާ އެވެ. އެމީހުން އެމްބިއުލަންސަށް ގުޅައިގެން ވަރަށް އަވަހަށް މޭރީ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި މޭރީ އަށް ސްޓްރޯކެއް ޖެހިފައިވާ ކަމަށް އޭނާގެ ސްކޭނުން ދެއްކި ކަމަށް ވެސް ގެލްވިން ބުންޏެވެ.

މޭރީގެ ސިކުނޑީގެ ވާތްފަރާތުގައި ގަނޑުލޭކޮޅެއް އިނުމުގެ ސަބަބުން ސިކުނޑީގެ އެއްފަޅީގެ މަސައްކަތް އޮތީ މުޅިން ހުއްޓިފަ އެވެ. ނަސީބަކުން އޭނާއަށް އަވަސް ފަރުވާއެއް ލިބި ފުރާނަ ސަލާމަތްވީ އޭނާގެ ކުޑަކުޑަ ދަރިފުޅުގެ ދުރު ވިސްނުމުންނެވެ.

ފޭސްޓައިމް މެދުވެރިކޮށް މީހެއްގެ ފުރާނަ ސަލާމަތް ކުރެވުނު މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. ޖުލައި 2018 ގައި ވެސް ކުޑަ ކުއްޖަކު އޭނާގެ މަންމަ އަށް ގުޅައިގެން ސްޓްރޯކް ޖެހިފައިވާ ބައްޕައެއް ހޮސްޕިޓަލަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.