ކޮކާ ކޯލާ

ފުޓްބޯޅަ ލެޖެންޑުންގެ ހާއްސަ މެޗު ހުކުރު ދުވަހު

ކޮކާކޯލާ ކުންފުނީގެ އެހީތެރިކަމާއެކު، ދިވެހި ފުޓްބޯޅައިގެ ލެޖެންޑުންނަށް ހާއްސަ މެޗެއް އަންނަ ހުކުރު ދުވަހު ބާއްވަން އިއުލާން ކޮށްފި އެވެ.

"ކޮކާކޯލާ ލެޖެންޑް ކަޕް" ބާއްވަނީ އެފްއޭއެމް އާއި ކޮކާލޯ އަދި ކުރީގެ ކުޅުންތެރިންނަށް ހާއްސަ ކޮށްގެން އުފައްދާފައިވާ މޯލްޑިވްސް ސޮކާ މޭޓްސް އާ ގުޅިގެންނެވެ. މާގިރި ހޮޓަލުގައި އިއްޔަ ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ، ކުރީގެ ކުޅުންތެރިންނަށް އަމާޒު ކޮށްގެން މެޗު ހާއްސަ ކުރި ނަމަވެސް، މިހާރު ވެސް އެކްޓިވްކޮށް ކުޅޭ ކުޅުންތެރިން މެޗުގައި ބައިވެރި ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"ކުރީގެ ނަން މަޝްހޫރު ކުޅުންތެރިންގެ އިތުރަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން މިހާރުގެ ބައެއް ކުޅުންތެރިން ވެސް ހިމަނާލެވޭތޯ،" ޖަވާޒު ވިދާޅުވި އެވެ. "[އެ ކުޅުންތެރިން ބައިވެރި ކުރުމުގައި] ސީޒަން ތެރޭގައި ވީމަ މުބާރާތް ތެރޭ ވީމަ ކޮންމެވެސް ކަހަލަ ދަތިތަކެއް ހުންނާނެ، އެހެންނަމަވެސް އަޅުގަނޑުމެން މަސައްކަތް ކުރާނަން އެ ފުރުސަތުވެސް ލިބޭތޯ."

އެ ރަސްމިއްޔާތުގައި ބައިވެރިވި، ސޮކް މޭޓްސްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު އަދި ކުލަބު ގްރީން ސްޓްރީޓްސްގެ ކޯޗް އަލީ ސުޒޭން ބުނީ ވޭތުވެދިޔަ 40 އަހަރު ތެރޭ ރާއްޖޭގެ ފުޓްބޯޅައިން ފާހަގަ ކުރެވުނު އެންމެ މޮޅެތި ކުޅުންތެރިން ހާއްސަ މެޗުގައި ފެނިގެންދާނެ ކަމަށެވެ.

"[މޫސާ މަނކު] ކުޑަ މޫސަ އަކީ ދެން އިތުރު ތައާރަފަކަށް ބޭނުންވާނެ ކުޅުންތެރިޔެއް ނޫން، އަޅުގަނޑު މިތާންގައި ހުރެ ކުޑަ މޫސަގެ ވާހަކަ ދައްކަންވެއްޖެޔާ އިތުރު ވަގުތުތަކެއް ހޭދަވާނެތީ ހަމައެކަނި ކުޑަ މޫސަ މެޗުގައި ކުޅޭނެ ވާހަކަ ދަންނަވަން،" ސުޒޭން ބުންޏެވެ. " ޝެޑިއުލް ހުރިގޮތުން އަލީ އަޝްފާގް އެއްތަން ކޮށްލެވިއްޖެއްޔާ ދެން [ކުޑަ މޫސަ އާއި އަޝްފާގް] ވާނެ ރާއްޖޭގެ ފުޓްބޯޅައިގެ ދެ ޖީލެއްގެ ފަހްރުވެރި ތާރީހް އެއްތަން ކޮށްލެވުނީ ކަމަށް."

ކުރީގެ ކުޅުންތެރިޔާ އިސްމާއީލް އަނިލް ބުނީ، ފުޓްބޯޅައިގެ ފޯރި ދަށްވެފައި އޮތް ވަގުތެއްގައި މިކަހަލަ މެޗެއް އިންތިޒާމު ކުރުމަކީ ފުޓްބޯޅައަށް ސަޕޯޓަރުންގެ ފަރާތުން ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ ކަމަށެވެ. ރާއްޖޭގެ ލެޖެންޑަރީ މިޑްފީލްޑަރު އަޝްރަފް ލުތުފީ (ސަމްޕަތު) ބުނީ، ފުޓްބޯޅަ އާއިލާ ދެމިއޮންނަނީ ކުރީގެ ލެޖެންޑުން ހިމެނޭ ގޮތަށް ކަމަށާއި ފުޓްބޯޅައިގެ ފޯރިގަދަ ކުރަން ލެޖެންޑްގެ ދައުރު ނެތި އެކަން ނުކުރެވޭނެ ކަމަށެވެ.

މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ، ހުކުރު ދުވަހު ކުޅިވަރު އެކުވެނީގޭ ޓާފް ދަނޑު އެކެއްގަ އެވެ.