ލައިފްސްޓައިލް

ހިނގާ އުޅެވޭ، އެންމެ ކުރު މީހާ މަރުވެއްޖެ

ހިނގާބިނގާވެ އުޅެވޭ މީހުންގެ ތެރެއިން ދުނިޔޭގެ އެންމެ ކުރު މީހާ ކަމަށް ގިނިސް ބުކްސް އޮފް ވޯލްޑް ރެކޯޑްސްގައިވާ ނޭޕަލް މީހާ މިދިޔަ ހުކުރު ދުވަހު މަރުވެއްޖެ ކަމަށް އެ މީހާގެ އާއިލާއިން ބުނެފި އެވެ.

ނޭޕާލްގެ ވެރިރަށް ކަތުމަންޑޫ އާ 124 މޭލު ދުރުގައި އޮންނަ ޕޯކަރާގައި މައިންބަފައިންނާ އެކު ދިރިއުޅޭ އިސްކޮޅުގައި ދެ ފޫޓު 2.41 އިންޗި ހުރި ކަގެންދުރަ ތާޕާ މަގަރް މަރުވީ ނިއުމޯނިއާ ޖެހިގެންނެވެ.

އޭނާގެ ބޭބެ އިންޑިޔާގެ ނޫހަކަށް މައުލޫމާތު ދީފައިވާ ގޮތުގައި ނިއުމޯނިއާގެ ސަބަބުން އިރުއިރުކޮޅުން މަގަރް ހޮސްޕިޓަލަށް ގެންދަން ޖެހެ އެވެ. ނަމަވެސް ފަހު ފަހަރު ހިތުގެ މައްސަލަތައް ވެސް ދިމާވެ މަރުވީ އެވެ.

ދުނިޔޭގެ އެންމެ ކުރު މީހާގެ ގޮތުގައި ރެކޯޑް ފޮތަށް މަގަރްގެ ނަން އެރީ 2010 ގައެވެ. އޭރު އޭނާގެ އުމުރުން 18 އަހަރެވެ. އޭނާ އަށް ރެކޯޑް ހެދިފައިވާތީ ލިބުނު ސެޓްފިކެޓް ހިފައިގެން އޭނާ ނަގާފައިވާ ފޮޓޯގައި ސެޓްފިކެޓް ވެސް އޭނާއަށް ވުރެ ބޮޑު ކަމަށް ދެއްކި އެވެ. މީގެ ފަހުން ދުވަސްކޮޅަކަށް މަގަރް އަތުން އެންމެ ކުރު މީހާގެ ރެކޯޑް ގެއްލުނެވެ. އެއީ ހަމަ ނޭޕާލްގެ ޗަންދުރަ ބަހާދުރު ޑަންގީ އަކީ ދުނިޔޭގެ އެންމެ ކުރު މީހާ ކަމަށް ނިންމި ހިސާބުންނެވެ. ޗަންދުރަގެ އިސްކޮޅަކީ އެއް ފޫޓު 9.5 އިންޗި އެވެ. ނަމަވެސް 2015 ގައި ޗަންދުރަ މަރުވުމުން މަގަރް އަށް އަނެއްކާވެސް ރެކޯޑް ލިބުނީ އެވެ.

މަގަރްގެ ބައްޕަ ބުނި ގޮތުގައި އުފަންވީއިރު ވެސް މަގަރް ކުޑަކަމުން އަތްތިލަ މަތީގައި ރީތިކޮށް ބޭއްވެ އެވެ. އަދި އެހާ ކުޑަކަމުން ފެންވަރުވާ ހަދަން ވެސް ވަރަށް އުނދަގުލެވެ. މަގަރްގެ ބައްޕަ ބުނި ކަމަށް ގިނިސް ބުކްސް އޮފް ވޯލްޑް ރެކޯޑްސްގައި ލިޔެފައި ވެއެވެ.

ދުނިޔޭގެ އެންމެ ކުރު މީހާގެ ހައިސިއްޔަތުން މަގަރް ވަނީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކަށް ދަތުރުތައް ކޮށްފަ އެވެ. އަދި ޔޫރަޕާއި އެމެރިކާގެ ވަރަށް ގިނަ ޓީވީ ޝޯ ތަކަށް ވެސް އޭނާ އަރާފައި ވެއެވެ.

އެންމެ ހަ ކިލޯ ބަރުދަނުގައި ހުރި މީހަކަށް ހަމަ ގައިމު ވެސް ދިރިއުޅުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. ނަމަވެސް އޭނާގެ އިސްކޮޅުން ކުޑަވުމަކީ ދިރިއުޅުމަށް އޮތް ހުރަހެއް ކަމަށް ނުދެކި ދިރިއުޅުން ވަރަށް އުފަލާ ހިތްހަމަޖެހުމާއެކު މަގަރް ވަނީ ވޭތުކޮށްފަ އެވެ. އެގޮތުން ނޭޕާލްގެ ޓޫރިޒަމް ކެމްޕެއިންގެ މޫނަކަށް ވެސް މަގަރް ހޮވުނެވެ. މި ކެމްޕެއިންގައި މަގަރް ބައިވެރި ކޮށްފައިވަނީ ދުނިޔޭގެ އެންމެ އުސް ފަރުބަދަ ހުންނަ ގައުމުގައި ދިރިއުޅޭ ދުނިޔޭގެ އެންމެ ކުރު މީހާގެ ގޮތުގަ އެވެ.

މަގަރް ދުނިޔޭގެ އެކި ގައުމުތަކަށް ކުރި ޒިޔާރަތްތަކުގައި ދުނިޔޭގައި މި ވަގުތު ތިބި އެންމެ ކުރު މީހުންނާ ބައްދަލުކޮށްފައި ވެއެވެ. މި މީހުންގެ ތެރޭގައި ދުނިޔޭގެ އެންމެ ކުރު އަންހެންމީހާގެ ރެކޯޑް އޮތް އިންޑިއާގެ ޖޯތީ އަމްގޭ ވެސް ހިމެނެ އެވެ.

ދުނިޔޭގެ އެންމެ ކުރު މީހުންގެ ތެރެއިން ހިނގާބިނގާވެ ނޫޅެވޭ އެންމެ ކުރު މީހާގެ ރެކޯޑް އޮތީ ފިލިޕިންސްގެ ޖުންރޭ ބަލަވިންގް އަށެވެ. މި މީހާގެ އިސްކޮޅުގައި ހުންނަނީ އެއް ފޫޓު 11.59 އިންޗި އެވެ. މި މީހާ އަކީ މީހެއްގެ އެހީތެރިކަމާ ނުލައި ހިނގާބިނގާވެ އަދި ކޮޅަށް ވެސް ހުރެވޭ މީހެއް ނޫން ކަމަށް ގިނިސް ބުކްސް އޮފް ވޯލްޑް ރެކޯޑްސްގައި ވެއެވެ.
ދުނިޔޭގެ އެންމެ ކުރު މީހާ މަގަރް މަރުވުމާއެކު ދެން އަނެއްކާވެސް ހިނގާބިނގާވެ އުޅެވޭ އެންމެ ކުރު މީހާގެ ރެކޯޑް ލިބޭނީ އެޑްވަޑް "ނީނޯ" ހާނެންޑެޒް އަށެވެ. ކޮލަމްބިއާގެ މި މީހާގެ އިސްކޮޅަކީ ދެ ފޫޓު 3.64 އިންޗި އެވެ.