ނާސިރާއޭ ކިޔާ އަންހެނަކު މި ރަށުގެ ބާޒާރު މަތީ ޒަމާންތަކެއް ވަންދެން އޭނާގެ އަމިއްލަ ދުނިޔެއެއްގައި އުޅެފައި ހިނގާއްޖެ އެވެ. އޭނާ ފެން ވަރައި ގައިން ތާހިރުވެއެއް ނުހަދަ އެވެ. ނުބައި އެއްޗެހި ދުލުހުން ބުނެ އެވެ. އަހަރެމެން އެކަކު ވެސް ނާސިރާ ގާތުގައި ފެންވަރާ ގައިން ތާހިރުވާކަށް ނުބުނަމު އެވެ. ފެން ނުވަރައި ހުރުމުގެ ސަބަބުން އޭނާ އަށާއި އެހެން މީހުންނަށް ލިބިދާނެ ގެއްލުމުގެ ވަހަކައެއްވެސް ކިޔައެއް ނުދެމު އެވެ. ދުލަށް އަންނަ ކޮންމެ ބަހެއް ބޭރުކޮށްލުމުގައި ހުރި ނުރައްކާތެރި ކަމާއި ދޫ ރައްކާތެރި ކުރުމުގައި ދީނުގައި ބާރު އަޅާފައިވާ މިންވަރު ކިޔައެއް ވެސް ނުދެމު އެވެ. އެކަމަކު އެކަންކަން އަހަރެމެން އެންމެނަށް އެނގެ އެވެ. އަދި އަހަރެމެންގެ އިލްމުވެރިންނަށް މާ ބޮޑަށް އެނގެ އެވެ. އެ ނާސިރާ ވެސް ނިމިދިޔައީ އެވެ. އޭނާގެ ދުވަހު އަހަރެމެނަށް ކުރެވުނު ކަމަކީ އޭނާއަށް ފުރައްސާރަ ކުރެވުނީ އެވެ. އެއީ ގައިން ތާހިރު ނުވާ މީހެކޭ ނަމާދަކަށް ސަޖިދައެއް ޖެހީއެއްވެސް ނޫނޭ އޭނާގެ މައްޗަށް ކަށުނަމާދު ކުރާން ހެޔޮ ނުވާނޭ ބުނެ ދަންނަ މީހުން ޓްވީޓް ޖަހައި އިސްޓޭޓަސް އަޕްޑޭޓް ކުރީ އެވެ. މިހެންވި ދޯ އެވެ؟
***
ރިބާއަކީ ހަރާން އެެއްޗެއްކަން ޝައްކެއް ނެތް މިންވަރަށް ގުރުއާނުން ސާބިތުވެ އެވެ. އެކަމަކު އަހަރެމެންގެ ރަށުގައި، އިލުމުވެރިން ބުނާ ގޮތުން ނަމަ ރިބާގެ ގޮޅިއެއް ފެތޭ ގޮތަށް މުއާމަލާތް ހިންގާ ބޭންކްތައް ބައިވަރެވެ. ދުނިޔޭގެ އެފަދަ ބޮޑެތި ބޭންކުތައް އަހަރެމެންގެ ރަށަށް ނުގެނެވިގެން ކަންބޮޑުވެ އެވެ. އެ ވާހަކަ ދެކެވެ އެވެ. އެ ނުގެނެވިގެން އެވެނި ކަމެއް މިވެނި ކަމެއް ނުވެޔޭ ބުނެ މިތިބަގެން ތެޅިމަރުވަނީ ނޫންތޯ އެވެ؟ އެ ރިބާ ހަރާންކަން އެނގޭއިރު ދުވަކުވެސް އަހަރެމެންގެ އެއިން ތަނެއް ފަހައެއް ނުދުވަމުއެވެ. ތަޅެއް ނާޅުވަމު އެވެ. އެފަދަ ބޭންކުތަކުގެ ވެރިންނަށް މަރުގެ އިންޒާރުދޭ ޓްވީޓެއް ނުޖަހަމު އެވެ.
އަހަރެމެންގެ ރަށަށަށް ބަނގު ރަލާ އޫރު މަސް އަރުވަމު އެވެ. އެއިން ވިޔާފަރި ކުރަމު އެވެ. ބިދޭސީ މެހުމާނުންނަށް އެ ނަށާފުޅި ބޮވެއެވެ. ބޯން ދެމު އެވެ. އަދި އަހަރެމެނަށް އެކަން ކުރެވުނު ގޮތަކުން އަހަރެމެންގެ ޒުވާނުންގެ ތެރޭގައި ވެސް ފެނަށްވުރެ ތިޔާގިވެފައި ވަނީ އެ ފުޅި ނޫންތޯ އެވެ. އަހަރެމެންގެ ވަލުގައި ކާއްޓަށް ވުރެ ގިނައީ ރާ ކައްކާ އުނދުން ނޫންތޯ އެވެ. އަހަރެމެން އެކަން ކަން ހުއްޓުވާން ކުރީ ކީއްތޯ އެވެ. އަދި އެހެނެކޭ ކިޔައި ރާ އުފައްދާ ކުންފުނިތަކާއި އުނދުން ހަދާ ކުންފުނިތައް ނައްތައިލާން މަރުގެ އިންޒާރެއް ނުދެމުއެއް ނޫން ހެއްޔެވެ؟
މިއުޒިކާއި ލަވަޔަކީ އިލްމުވެރިންގެ މެދުގައި ހިލާފު އޮތް މައްސަލައެއްކެވެ. އެކަމަކު އަހަރެމެންގެ ރަށުގެ އެންމެން ކަހަލަ ގޮތަކަށް މިއުޒިކް އަޑު އަހެވެ. ވަރަށް ގިނަ އަދެއްގެ މީހުން މިއުޒިކް ކުޅެ ލަވަ ކިޔައެވެ. ހަދާ ފިލްމުތަކުގައި ލަވަޔާ މިއުޒިކް ނުހިމަނައެއް ކަމަކު ނުދެ އެވެ. ޒުވާނުން ވެސް މެދު އުމުރުގެ މީހުނާއި ދުވަސްވީ މީހުން ވެސް ލަވަޔާއި މިއުޒިކަށް ލޯބި ކުރެތެވެ. ކޮންމެ ކަރަޔަކުން އެ އަޔަސް ދިވެހި ސަގާފާތުގެ ބޮޑު އެއް ބަޔަކީ މިއުޒިކާއި ލަވައެވެ. ލަވަ ކިޔާ ބިދޭސީ ފަންނާނުން ވެސް މި ރަށަށް އައިސްފިއެެވެ. އެކަންކަން މަނާ ކުރާކަށް އަދި އެފަދަ މީހަކު މަރާކަށް މީހަކު އިންޒާރުދީއެއް ވެސް ނުހަދަ އެވެ. ވީއިރުއިރު މިހާރަކު ރަށުން ބޭރު މެހުމާނަކު އައިސް މިރަށުގައި ލަވައެއް ކިއީމާ ތިބާއީ ކާފަރެކޭ އަހަރެމެނީ އެވެނި މިވެނި މީހުންނޭ ބުނެ އެފަކީރު ރޯނާ ގަންނަވާލައި މަރައިލާންވީ ކިއެއް ވެގެން ހެއްޔެވެ؟ ދުނިޔެއާ ވަކިވެ ގަނެގެން މިރަށަށް ނޯވެވޭނެ ކަމަށް ބުނީ ވެސް އަހަރެމެން ނޫންތޯ އެވެ؟
އަހަރެމެންގެ ރަށުގައި ހިނގާނީ އިސްލާމީ ޝަރީއަތެވެ. އެ ޝަރީއަތުގައި މީހަކު މަރައިފި މީހާގެ މައްޗަށް އޮންނަނީ މަރުގެ ހުކުމެވެ. އަހަރެމެންގެ ރަށުގައި އެ ހުކުމެއް ތަންފީޒެއް ނުކުރެއެވެ. އަޅުގަނޑުމެންގެ ރަށުގައި އެއް ޖިންސުން ޖިންސީ ގުޅުން ހިންގުން މަނަލެވެ. އެކަމަކު އެ ކުޅި ކުޅޭ މީހުން މަދެއް ނޫނެވެ. އެހެނެކޭ ކިޔާފައި ގައުމުގެ ވެރިޔާ މަރައިލާން އަހަރެމެން ނުނިންމަންދޯ އެވެ. އަދި ކިއެއްތަ އަހަރެމެނީ މަރުގެ ހުކުމް ތަންފީޒު ކުރި، މަކުނު ކުޅިއާ ދެކޮޅަށް ނުކުތް ރައީސް މީހާ ތަޅައި ދުންކާލި އަރުވާލައި އެ ބަލީގައި އެކަހެރި ރަށަކު އަވަހާރަވާން ދޫކޮށްލި މީހުނެވެ.
މިއުޒިކޭ އާދަމްގެ ފާނޭ ފަޅޯލޭ ނުކިޔަމާހެވެ. ކޮންމެވެސް ގޮތެއް ހަދައިގެން މިހެން ހުރި ކަންކަމާ ދުރަށް ދެވޭތޯ ބަލަމާ ހިނގާށެވެ. ގޯސްވީމާ އިނގިރޭސީން ވެސް ފޮޅައިލި ބަޔަކަށް މިވަރު ކަމެއް ނުވާންވީ ކިޔެއްވެގެން ހެއްޔެވެ؟ ބަދަލު ވަމާ ހިނގާށެވެ. އޭރުން ތިޔަ އޭކަން ވަޅާ ދަސްވަޅާ ގެންނާކަށް ޔާމީނަކަސް އަދީބަކަސް އެކެއްގެ ވެސް ޝައުގުވެރި ކަމެއް ނުހުންނާނެ އެވެ. އަހަރެމެން ޝައުގުވެރި ކަމެއް ނެތް އެއްޗެއް ގެންނާން އެބޭފުޅުން ވަގުތަ ނަގައިލަންވީ ކީއްކުރަން ހެއްޔެވެ؟ އަދި އެމީހާ ވެސް އަޅުގަނޑުމެންގެ އިސްޓޭޖަށް އަރައި ލަވަ ޖަހައި ނަށާކަށް ބޭނުމެއް ނުވާނެ އެވެ. މިހައިރަކުން ހުރިހާ ކަމެއް ނިމުނީ ނޫން ހެއްޔެވެ؟ މިހާރު މިއޮތީ ނާސިރާގެ މައްސަލައާ އެއްގޮތަށް ނޫން ހެއްޔެވެ؟ އޭނާ އުޅޭނެހާ ގޮތަކަށް އުޅެފައި ދިޔަ އިރު ވެސް އޭނަ ބަދަލެއް ނުކުރެވުނެވެ. ގޮތް ބަދަލު ކުރެވުނު ނަމަހީ މި ދުވަހެއް ނައިހެވެ. ގޮތް ބަދަލު ކުރުމަކީ އެކަރައިގައި ކިޔެވީމާ ކުރުތާލަފައި މިކަރާގައި ކިޔެވީމާ މުދި އެޅުމެއް ނޫނެވެ.