ކުޅިވަރު

ފަހު މިނެޓްގައި ނިއުކާސަލްއިން ޗެލްސީ ބަލިކޮށްފި

ފަހު މިނެޓްގައި، އައިސަކް ހައިޑެން ވައްދާލި ލަނޑުން، ނިއު ކާސަލް ޔުނައިޓަޑުން، 1-0 ގެ ން ޗެލްސީ ބަލިކޮށްފި އެވެ.

ނިއުކާސަލްގެ ދަނޑުގައި މެޗު ކުޅުނު ނަމަވެސް، މެޗު ޑޮމިނޭޓް ކުރީ ޗެލްސީންނެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް އެ ޓީމުން ތަނަވަސް ކުރި އެވެ. ޗެލްސީން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ވިލިއަން އަށެވެ. އޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ކުރިމަތިން ހުރަސްކޮށް ދަނޑި ކައިރިން ބޭރަށެވެ.

"މިއީ މިސީޒަންގައި އަހަރެމެންނަށް ދިމާވާ ގޮތެއް، ލަނޑު ނުޖެހުން،" ޗެލްސީގެ ކޯޗް ފްރޭންކް ލަމްޕާޑް ބުންޏެވެ. "މުޅި ގޭމް ކޮންޓްރޯލް ކުރީ އަހަރެމެން، އެހެން ނަމަވެސް ނިއު ކާސަލް ފެނުނީ ވަރަށް އޮގަނައިޒްކޮށް، އަހަރެމެންނަށް ބޯލް ޕޮޒެޝަން ކޮންޓްރޯލް ކުރެވުނު އެހެން ނަމަވެސް ނިއުކާސަލް ފަހަތަށް ޖައްސާލުމަށް އަހަރެމެންނަށް ކާމިޔާބެއް ނުހޯދުނު."

ނިއުކާސަލްގެ ލަނޑު ހައިޑެން ކާމިޔާބު ކުރީ، މެޗުގެ އިތުރު ވަގުތު ހަމަވެ އިތުރަށް ދިން ތިން މިނެޓްގެ ތެރެއިން އެންމެ ފަހު މިނެޓްގަ އެވެ. އެ ލަނޑަކީ އެލަން ސެއިންޓް މެކްސިމިން ނަގައިދިން ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެން ކާމިޔާބު ކުރި ލަނޑެކެވެ.

އިއްޔެ ކުޅުނު އެހެން މެޗުތަކުގައި މެންޗެސްޓާ ސިޓީ، އާސެނަލް އަދި ޓޮޓެންހަމް ހޮޓްސްޕާސް ވަނީ އެ ޓީމު ކުޅުނު މެޗުތަކުން އެއްވަރު ވެފަ އެވެ. ކްރިސްޓަލް ޕެލަސް އާ ދެކޮޅަށް ކުޅުނު މެން ސިޓީ 2-2 ން އެއްވަރުވީ މެޗުގެ 90 ވަނަ މިނެޓްގައި ފެނާންޑީނިއޯ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ޝެފީލްޑް ޔުނައިޓަޑް އަތުން އާސެނަލް އެއްވަރުވީ 1-1 ންނެވެ، ވަޓްފޯޑް އާ ދެކޮޅަށް ޓޮޓެންހަމް ނިންމަލީ ލަނޑެއް ނުޖެހި އެވެ.