ކުޅިވަރު

ފާގަސަންގެ ޔުނައިޓެޑާ ކައިރިއަށްވެސް ލިވަޕޫލަށް ނުދެވޭ

މެންޗެސްޓާ ޔުނައިޓެޑްގައި އެ ޓީމުގެ ކުރީގެ ކޯޗް އެލެކްސް ފާގަސަން ކުރި މަސައްކަތާ އެއްވަރަށް އަދި ލިވަޕޫލަށް ގާތްވެސް ނުކުރެވޭ ކަމަށް، ޔުނައިޓެޑްގެ މިހާރުގެ ކޯޗް އޮލޭ ގަނާ ސޮލްޝަޔާ ބުނެފި އެވެ.

އިނގިރޭސި ފުޓްބޯޅައިގެ އެންމެ ވާދަވެރި ކުރިމަތިލުމުގެ ގޮތުގައި މަޝްހޫރު ވެފައިވާ ލިވަޕޫލާއި ޔުނައިޓެޑްގެ ކުރިމަތިލުން މިރޭ އެންފީލްޑްގައި އޮންނާނެ އެވެ. ލިވަޕޫލުން މިހާރު ދައްކާ ކުޅުމާއެކު، ޕްރިމިއާ ލީގްގައި ފެނުނު އެންމެ ވަރުގަދަ އެ ޓީމަށް އެ ޓީމު ވެދާނެތޯ ބުނެ މިޑިއާ އުފައްދާ ސުވާލަށް ސޮލްޝަޔާގެ ހުށަހަޅާ ޖަވާބަކީ އެ ޓީމަކީ ފާގަސަން މަސައްކަތް ކުރި ޔުނައިޓެޑް ކަމަށެވެ.

މި ސީޒަންގެ ލީގް ހޯދުމުގެ ރޭހުގައި ލިވަޕޫލަށް ބޮޑު ފުރުސަތެއް ތަނަވަސް ވެފައިވުމާއެކު ފަސް ތައްޓާއެކު ސީޒަން ނިންމާލުމުގެ ފުރުސަތު ލިވަޕޫލަށް އެބައޮތެވެ. ޔޫރަޕްގެ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޔޫއެފާ ސުޕް ކަޕް ކާމިޔާބު ކުރީ ލިވަޕޫލެވެ. ކުލަބު ވޯލްޑް ކަޕްގެ ޗެމްޕިއަން ޓީމަކީ އެއީ އެވެ. ޕްރިމިއާ ލީގާއި އެފްއޭ ކަޕް ހޯދުމުން އެއް ސީޒަނެއްގައި އެންމެ ގިނަ ތަށި ހޯދޭނެ އިނގިރޭސި ޓީމަށް ލިވަޕޫލް ވެގެންދާނެ އެވެ.

ޗެމްޕިއަންސް ލީގްގެ ފައިނަލުގައި 1999 ވަނަ އަހަރު ޔުނައިޓެޑަށް ލަނޑު ޖަހައިދީ، ޗެމްޕިއަންސް ލީގްގެ އިތުރުން އެ ސީޒަންގެ އެފްއޭ ކަޕާއި ޕްރިމިއާ ލީގް ހޯދުމުގައި ސޮލްޝަޔާ ވަނީ ހިއްސާވެފަ އެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި އިނގިރޭސި ޓީމުތަކުން އަޅާ ކިޔަން އޮތް ރަން ކާމިޔާބަކީ އެއީ އެވެ. އަދި ޖެހިގެން އައި 2000 އަދި 2001 ވަނަ އަހަރުވެސް ޕްރިމިއާ ލީގް ކާމިޔާބު ކޮށްފައިި ވުމުން ފާގަސަންގެ ކާމިޔާބު މާ މައްޗެވެ. އަދި 2007 ފެށިގެން ތިން އަހަރު ވަންދެން އިނގިރޭސި ލީގް ޖެހިޖެގެން ތިން ފަހަރު ކާމިޔާބު ކުރުމަކީ ވެސް ފާގަސަންގެ ރަން ކާމިޔާބުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

"އޭގެއިން އެބަ އަންގައިދޭ އޭރު އޮތް ސްކޮޑަށް ކޮންމެ މުބާރާތެއްގައި ވެސް ވާދަ ކުރުމުގެ ފެންވަރު ހުރިކަން،" 1999 ގެ ސީޒަންގެ ތިން ތަށި ޔުނައިޓެޑުން ހޯދުމުން އެކަމަށް އިޝާރްތާކޮށް ސޮލްޝަޔާ ވާހަކަ ދެއްކި އެވެ. "އެއީ އާދަޔާ ހިލާފް ސީޒަނެއް، އާދަޔާ ހިލާފް ގުރޫޕެއް، އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކަށް އިތުބާރު އޮތް."

"އަހަންނަށް ޔަގީން ލިވަޕޫލަށް ތިން ތަށި ހޯދިދާނެކަން، އެހެންވީމަ އަހަރެން އެއްވެސް އެއްޗެކޭ ނުބުނާނަން، މެއި މަހުގައި ބަލަމާ."

ސޮލްޝަޔާ ބުނީ، ލިވަޕޫލްގެ ކޯޗް ޔާގަން ކްލްޕް 2015 ގައި ޓީމާ ހަވާލުވެ ކުރި މަސައްކަތުން މިހާރު ވަރުގަދަ ޓީމެއް އެކުލަވާލައިފައި އޮތްހެން ޔުނައިޓެޑުންވެސް މަސައްކަތް ކުރަނީ ކުރިމަގަށް ވަރުގަދަ ޓީމެއް ބިނާ ކުރުމުގެ މަސައްކަތް ކަމަށެވެ.