ޕްރިޔަންކާ ޗޯޕްޅާގެ ފިލްމީ ކެރިއަރުގައި ފާއިތުވީ 17 ވަރަކަށް އަހަރު އޭނާ ދަތުރުކޮށްފައިވަނީ އެހެން މީހުން ދަތުރުކުރަން ބިރު ގަންނަ މަގު މަގުންނެވެ. އެއީ 2008 ގައި އޭނާ ކުޅުނު ފެޝަން ދުނިޔޭގެ އަނދިރި ފަރާތް ދައްކުވައިދޭ "ފެޝަން" ކަމަށް ވިޔަސް އަދި 2011 ގައި ކުޅުނު "ސާތު ހޫން މާފު" ކަމަށް ވިޔަސް އަދި ބޮކްސިންތަޅާ މޭރީ ކޮމްގެ ބައޮޕިކް "މޭރީ ކޮމް" ކަމަށް ވިޔަސް ޕްރިޔަންކާ އަބަދުވެސް ކުޅޭ ފިލްމުތައް ތަފާތު ވެފައި ވަރަށް މޮޅެވެ.
މިހާރުވެސް ޕްރިޔަންކާ އިސްކަން ދެނީ އަންހެނުންނަށް ޚާއްސަ ރޯލުތައް ހުންނަ ފިލްމުތަކަށެވެ. ޕްރިޔަންކާ ގަބޫލުކުރާ ގޮތުގައި އޭނާ ފިލްމު ކުޅެން ފެށި ދުވަސްވަރާ ބަލާއިރު ފިލްމު އިންޑަސްޓްރީ ވަރަށް ދިގު ރާސްތާއެއް ކަޑައްތު ކޮށްފި އެވެ.
"އަހަރެން ފުރަތަމަ ފިލްމީ މަސައްކަތް ފެށިތާ ކުރީކޮޅު މީހުން ބުނާނެ އެ ފިލްމެއްގެ ބަތަލެކޭ އެ ފިލްމަކަށް ހަމަޖައްސާނެ ބަތަލާއެއް ކަނޑައަޅަނީ. އެއީ 2002 ނުވަތަ 2003 ހިސާބު. އޭރުގައި އެކަން އޮންނަނީ އެހެން. އަދި މިހާރުވެސް ކޮންމެވެސް ވަރަކަށް އެކަން އެގޮތަށް އޮންނަ ކަމަށް އަހަރެންނަށް ގަބޫލު ކުރެވެނީ. ނަމަވެސް މިހާރު ބަދަލުވެފައިވަނީ ބެލުންތެރިންގެ ވިސްނުމާއި އެމީހުން ފިލްމެއް ބަލަން ޝައުގުވެރިވާ ގޮތް. މިހާރު ގިނަ މީހުން ބަލަނީ ފިލްމުގެ އޮއްޓަރަށް. އޭގައި އުޅެނީ ކޮން އެކްޓަރެއްތޯ އާއި އެމީހެއްގެ ޖިންސަކަށް ނޫން،" އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ބުނެފައި ވެއެވެ.
ޕްރިޔަންކާ، 37، ދެކޭ ގޮތުގައި ހިންދީ ފިލްމު އިންޑަސްޓްރީއަށް އައިސްފައިވާ އެންމެ ބޮޑު ބަދަލެއް ކަމަށް އޭނާއަށް ގަބޫލުކުރެވެނީ މިކަމެވެ.
ޕްރިޔަންކާ އިތުރަށް ބުނި ގޮތުގައި އޭނާއަށް ލިބުނު ވަރަށް ރަނގަޅު ފިލްމުތައް ނުކުޅުމަށާއި އެ ފިލްމުތައް ކުޅުމުގެ ހިޔާލު އޭނާ ދޫކޮށްލާތޯ ބައެއް މީހުން މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް އެ ފިލްމުތައް ވެފައިވަނީ އޭނާގެ ފިލްމީ ކެރިއަރުގެ އެންމެ ވަރުގަދަ ފިލްމުތަކަށް ކަމަށް ވެސް އޭނާ ބުންޏެވެ.
"އަހަރެން 'ފެޝަން' ކުޅެން ސޮއިކުރީމަ ބައެއް މީހުން ބުނި ތި ކަހަލަ ފިލްމުތައް ކެރިއަރުގެ ކުރީކޮޅު ކުޅުނީމަ ކަމަކު ނުދާނޭ. ތިއީ ފިލްމު ކުޅެން ނިންމާލާ ހިސާބަށް ދިޔައިމަ މީހުން ކުޅޭ ޒާތުގެ ފިލްމެކޭ. އަހަރެން 'އިއުތިރާޒު' ކުޅޭތީ އެކަމާ ދެކޮޅަށް ވާހަކަ ދެއްކި ބައެއް ބުނި އޭރުން އަހަރެން ނެގެޓިވް ރޯލު ކުޅޭ އެކްޓަރެއްގެ ގޮތުގައި ލޭބަލް ވާނޭ. އަހަރެންގެ އަބުރަށް ހުތުރުއަރާނޭ. އަހަރެންނަކަށް ނޭނގުނު ކާކު ދައްކާ ވާހަކައެއް ކަމެއް އަޑުއަހަންވީ. އެހެންވެ އަހަރެންގެ ހިތް އެދޭ ގޮތަށް އަހަރެން ކަންތައް ކުރީ. އަހަރެންނަށް އެއްޗެއް ދަސްކޮށްދޭނެ އެއްވެސް މީހަކު ނެތް،" ޕްރިޔަންކާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި އެ ދުވަހު އޭނާ އެގޮތަށް ކަންތައް ކުރިކަމުން މިހާރު ދީޕިކާ ޕަދުކޯން އާއި އާލިއާ ބަޓް، ކަންގަނާ ރަނާވަތު އަދި ވިދްޔާ ބާލަން ކަހަލަ ބަތަލާއިން އެމީހުން ބޭނުންވާ ވައްތަރެއްގެ ފިލްމެއް ކުޅެލާކަށް އެއްވެސް ޖެހިލުމެއް ނުވެ އެވެ. އޭނާ އެ ކަހަލަ ފިލްމުތައް ކުޅެން ފެށިއިރު އެކަން ކުރަން ކެރެނީ ވަރަށް މަދު ބަތަލާ އަކަށެވެ.
ޕްރިޔަންކާ ބުނި ގޮތުގައި އެކްޓިންގެ އިތުރުން މިހާރު އަންހެން އެކްޓަރުން ފިލްމު ޕްރޮޑިއުސްކުރުމުގައި ވެސް އިސް ނަގައި މަސައްކަތް ކުރަން ފަށައފި އެވެ. އެމީހުން ބޭނުންވާ ކަހަލަ ވާހަކަތައް އަމިއްލައަށް ޕްރޮޑިއުސްކުރަން މިހާރު ގިނަ ބަތަލާއިން ޖެހިލުމެއް ނުވެ އެވެ. އެހެންވީމާ އެމީހަކު ހިތްހަމަޖެހޭ ކަހަލަ ރޯލުތަކެއް އެހެން މީހުން ކުޅެން ހުށަނާޅާނަމަ އަމިއްލައަށް އެ އެފަދަ ވާހަކަތައް ހޯދައިގެން އަމިއްލަ އަށް ޕްރޮޑިއުސްކުރުމުގެ ފުރުސަތު މިހާރު އަންހެން އެކްޓަރުންނަށް އެބައޮތެވެ.
ޕްރިޔަންކާ އެންމެ ފަހުން ކުޅެފައިވަނީ "ދަ ސްކައި އިޒް ޕިންކް" އެވެ. އޭގެ ފަހުން އޭނާ ކުޅޭ އެއްވެސް ހިންދީ ފިލްމެއް އިއުލާން ކޮށްފައެއް ނުވެ އެވެ. ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އާ ކައިވެނި ކޮށްގެން އިންޑިއާ އިން ބޭރު ގައުމެއްގައި ގިނަ ދުވަސްތައް ހޭދަކުރާތީ ބޮލީވުޑް ފިލްމުތައް ކުޅެން އެހާ ސަމާލުކަން ނުދެނީ ކަމަށް ބެލެވެ އެވެ.
ޕްރިޔަންކާ އެންމެ ފަހުން ސޮއިކޮށްފައިވަނީ ވެސް އިންޓަނޭޝަނަލް ސީރީޒް އެއް ކުޅޭށެވެ. އޭނާ ބުނި ގޮތުގައި ފިރިމީހާ ނިކް އަށް އޭނާ ކުޅުނު "މޭރީ ކޮމް" ވަރަށް ރީއްޗެވެ. އަދި ދަ ސްކައި އިޒް ޕިންކް ބެލިއިރު ނިކް އަށް ރޮވުނު ކަމަށް ޕްރިޔަންކާ ބުންޏެވެ.