އަކްޝޭ ކުމާރުގެ ފިލްމީ ކެރިއަރުގައި ފާއިތުވީ އަހަރުތަކުގައި ބޮޑެތި ކާމިޔާބީތައް ވަނީ ލިބިފަ އެވެ. އަދި މިދިޔަ އަހަރު ވެސް އެންމެ ކާމިޔާބު އެކްޓަރަކަށް ވެފައިވަނީ އަކްޝޭ އެވެ. އެހެންކަމުން އޭނާ ވަރަށް ފަހުން ކުޅެ ރިލީޒްކުރި "ފިލްހާލް" މިއުޒިކް ވީޑިއޯ އަކީ އޭނާއަށް ލިބިދާނެ ބޮޑު ފޫނުބެއްދޭވަރުގެ ގެއްލުމަކަށް ވެދާނެކަމަށް އޮތީ ބެލެވިފަ އެވެ. ނަމަވެސް މި މިއުޒިކް ވީޑިއޯ ވެގެން ގޮސްފައިވަނީ އަކްޝޭގެ ކާމިޔާބީގެ ސިލްސިލާއަށް އިތުރުވި ބޮޅަކަށެވެ.
މި މިއުޒިކް ވީޑިއޯ ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ރެކޯޑްތަކެއް މުގުރާލާފަ އެވެ. ދެ މަސް ތެރޭގައި 5.8 މިލިއަން ލައިކްސް ލިބިގެން މުޅިދުނިޔެއިން ވެސް ޔޫޓިއުބު ވީޑިއޯއަކަށް އެންމެ ގިނަ ލައިކް ލިބުނު ވީޑީއޯގެ ރެކޯޑް މިހާރު އޮތީ މި މިއުޒިކް ވީޑިއޯ އަށެވެ.
ފައްސަތޭކަ މިލިއަން ފަހަރު ބަލައިގެން މި ވީޑިއޯ މިހާރު ވެފައިވަނީ ޔޫޓިއުބުގައި އެންމެ ގިނަ ފަހަރު ބެލި އިންޑިއާގެ ވީޑިއޯ އަށް ވެސް މެއެވެ. މި ވީޑިއޯގެ ކޮމްޕޯސާ-ލިރިސިސްޓް ޖާނީ ބުނި ގޮތުގައި އިންސްޓަގްރާމްގައި އެ ވީޑިއޯ ޝެއާ ކުރިއިރު ވެސް ވީޑިއޯއަށް ބޮޑު ތަރުހީބެއް ލިބޭނެކަން އޭނާއަށް ވަރަށް ޔަގީނެވެ.
ވަރަށް ރީތި މެލޮޑީ ހިމެނީ މި ރޮމެންޓިކް ޓްރެކްގައި ދައްކުވައިދެނީ ދެ ލޯބިވެރިއެއްގެ ހަޔާތުގެ ދަތުރެވެ. ދެ މީހުން ވަކިވުމަށްފަހު ވަރަށް ހިތްދަތި ތަޖުރިބާތަކެއް ކުރެވި އަލުން ބައްދަލުވާ ގޮތެވެ. މި ލަވަ ރަމްޒުކޮށްދެނީ ލޯތްބާއި އޭގެ ރީތިކަމެވެ. އަދި ލޯބިވާ މީހާ ހޯދަން ކުރާ މަސައްކަތް ދޫކޮށްނުލުމެވެ.
ބީ ބްރާކް ކިޔައިދީފައިވާ މި ލަވައިގައި އަކްޝޭ އާއެކު ހަރަކާތްތެރިވަނީ ނޫޕޫރް ސެނޯން އެވެ. ނޫޕޫރް އަކީ ފިލްމީ ބަތަލާ ކްރީތީ ސެނޯންގެ ކޮއްކޮ އެވެ. މިއީ ނޫޕޫރްގެ ކެރިއަރުގެ ފެށުން ފާހަގަ ކުރި ލަވަ ކަމަށް ވެފައި ލަވައަށް މިހާ ބޮޑު ތަރުހީބެއް ލިބުމުން އޭނާ ހުރީ ވަރަށް އުފަލުންނެވެ.
ނޫޕޫރް ބުނި ގޮތުގައި ލަވައަށް ލިބުނު ބޮޑު ތަރުހީބުން އޭނާ ވަރަށް އުފާ ވެއްޖެ އެވެ. އަދި ހުރިހާ ވެސް ޝުކުރެއް އޭނާ ރައްދުކުރަނީ އަކްޝޭ އަށް ކަމަށް ނޫޕޫރް ބުންޏެވެ.