ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(16 ޖެނުއަރީ 2020 އާ ގުޅޭ)

އޭނާއަށް ޤަބޫލުކުރަން ދަތިވެ ވަގުތުން މަގުމައްޗަށް ބަލާލިއެވެ. ކާރު މަޑުކޮށްލާނޭ ދިމާއެއް ހޯދާލިއެވެ. އެ މެސެޖު ދާރިއަންގެ ސަމާލުކަން ހޯދީއެވެ.

"ސޮރީ... ހޭޒަލް..." މެސެޖުގައި އޮތެވެ.

ވަގުތު ނެތްކަން އެނގިހުރެ ވެސް ދާރިއަން ކާރު އެއްފަރާތެއްގައި މަޑުކޮށްލިއެވެ. އޭނާއަށް އެންމެފަހުން ގުޅައި މެސެޖުކޮށްފައި އޮތް ނަންބަރަށް ވަގުތުން ޑައިލް ކޮށްލިއެވެ.

"ހޭޒަލްތަތީ؟" ކެތްތެރިކަން ކުޑަވެފައި އިން ދާރިއަން އަހާލިއެވެ. ސުކޫތުކޮޅަކަށްފަހު ހޫންއެއް ލައްވާލި އަޑު ދާރިއަންއަށް އިވުނެވެ. ފަޅިސިކުންތެއްގެ ތެރޭ ދާރިއަންގެ ލޮލުގެ ވިދުން ގަދަވެ ހިނިތުންވުން ފުޅާވެލިއެވެ.

"ސީރިއަސްކޮށްތަ؟... ތީހަމަ ހޭޒަލްތަ؟" އަނެއްކާ ވެސް ދާރިއަންއަށް އަހާލެވުނެވެ.

"ހޭޒަލް މީ" ހޭޒަލްގެ އަޑުއިވުމާއެކު ދާރިއަންއަށް ލޯމަރާލެވުނީ ބޭއިޚްތިޔާރުގައެވެ. ކާރުގެ ހުންގާނުގައި ހިފަހައްޓާލައިފާ ވައަތްތިލަ ގެނެސް އޭނާގެ މޭގައި ޖައްސާލިއެވެ. އެ ހަށިގަނޑުގެ ވަރު ގޮނޑިއަށް ދޫވި ކަހަލައެވެ.

"ހާލު ކިހިނެއްތަ؟... ވަރަށް ހިތްހަމަޖެހިއްޖެ ހޭޒަލްގެ އަޑުއިވުމުން" ދާރިއަންއަށް ބުނެލެވުނެވެ.

"ސޮރީ..." ހޭޒަލް ބުނެލިއެވެ.

"ކޮންކަމަކަށް؟" ދާރިއަން ވަގުތުން އަހާލިއެވެ. އެއާއެކު ހޭޒަލް ދެއްކީ އެ ދެމެދުގައި ފަށާފައި އޮތް މަސައްކަތުގެ ވާހަކައެވެ. އެކަން ކުރިއަށް ނުގެންދެވުނުތާ ދާރިއަންއަށް އެކަން އަންގާ ވެސް ނުލާ ހުރެވުނީމައެވެ. އޭނާއަށް ކަންތައްކުރެވުނު ގޮތުން ހޭޒަލްގެ މައްޗަށް ދާރިއަންއަށް އިތުބާރުކުރަން ފަސޭހަނުވާނޭ ބުންޏެވެ.

"ތިހީކުރެވެނީ ރަނގަޅަކަށްނޫން، އަހަރެން ކަންބޮޑުވި ހޭޒަލްގެ ޚަބަރެއްނުވެގެން، އަހަރެން ގުޅާއިރު އޮންނަނީ ފޯނު ވެސް ނިއްވާލާފަ، ހޭޒަލްއަށް ނުވާނޭވަރު ބުރައެއް އުފުލުމަށް އަހަރެން ނުބުނާނަން... އަހަންނަށް އަދިވެސް ޤަބޫލެއްނުކުރެވޭ ވާހަކަދެއްކެނީ ހޭޒަލްއާކަމެއް، އެކަމަކު ތީ ހޭޒަލްގެ އަޑުކަން ޔަގީން... ބުނެބަލަ!، ކޮންއިރަކުން ބައްދަލުވާނީ..." ދާރިއަންއަށް ލިބިފައިވާ އުފާވެރިކަން އޭނާގެ އަޑުން ވެސް ފާޅުވޭވޭ ހުއްޓެވެ.

"ދާން ޖެހިއްޖެ... ފަހުން ގުޅާނަން" ހޭޒަލް އަވަސްއަރުވާލާފައި ބުނެލިއެވެ. އެއަޑު އަހަންއިން ދާރިއަންގެ މޫނުގައިވި އުފާވެރިކަން ވަގުތުން ފަނޑުވެއްޖެއެވެ.

"ހާދަ ދެރައޭ... ފަހުން ކޮންއިރަކު ގުޅާނީ، އަހަރެން ހޭޒަލްއާ ވާހަކަދައްކާލަން ބޭނުން" ދާރިއަން ވެސް ވާހަކަދެއްކީ ނިކަން އަވަހަށެވެ. ހޭޒަލް ފޯނުކޯލު ކަނޑާލަން އުޅެނީއޭ ހީވާތީއެވެ.

"އެހެންނޭނގެ ބުނާކަށް... އޯކޭ... ބާއްވަނީ އިނގޭ" ހޭޒަލް ބުންޏެވެ.

ދާރިއަންއަށް ލިބުނު ނުތަނަވަސްކަމުގައި އެއްޗެކޭ ނުބުނެވުނެވެ. އޭނާ ހަމައެކަނި ލައްވާލީ ހޫންއެކެވެ. އެއާއެކު ފޯނުކޯލު ހޭޒަލް ކަނޑާލައިފިއެވެ. ކަންފަތުގައި ޖައްސާލެވިފައިވާ ފޯނު މަޑުމަޑުން ތިރިކޮށްލިއެވެ. ދާރިއަންގެ ދެއަތް އެއްއަތް އަނެއްއަތާ ފައްތަރުވާނޭހެން ކާރުގެ ހުންގާނު ބުރުގައި ބާއްވާލިއެވެ. އަދި މަތީގައި އޮތް ކަނާތު އަތްތިލައިގަ އޮތް ފޯނަށް އޭނާގެ ނަޒަރު ހުއްޓިފައި ހުއްޓެވެ. އެގޮތުގައި އިރުކޮޅަކު އިނެވެ. ދެން އޭނާ ހަރަކާތްކޮށްލިއެވެ. ފޯނުގައި ހޭޒަލްގެ ނަމުގައި ނަންބަރު ސޭވްކޮށްލިއެވެ. ހަމަބިމަށް އޭނާއަށް އާދެވުނީ ދެނެވެ. ގަޑިން ވީއިރެއް ބަލާލުމާއެކު ފަސްކޮށްލެވުނު އޭނާގެ މަޤުޞަދު ހާސިލުކުރުމަށް މަސައްކަތް ފެށިއެވެ. ފަރިތަކަމާއެކު ކާރު މަގަށް ނެރި އޭނާގެ މަންޒިލާ ދިމާއަށް މިސްރާބު ޖެހިއެވެ.

"އަލްޙަމްދުލިﷲ!... އަލްޙަމްދުލިﷲ!... ތެންކިއު... ތެންކިއު ގޯޑް... ތެންކިއު ސޯ މަޗް... ކުއްލިއަކަށް ހޭޒަލްގެ އަޑުއިވުމުން ހިތުގައި ދަހިވެތިކަމުގެ އޮއެވަރެއް އުފެދުނީ، ޝުކުރުވެރިވާން ހަނދާންނެތުނީ، އެހާ ކުޑަކުޑަ ވަގުތުކޮޅަކަށް ވިޔަސް އޭނާ އަހަންނާ ވާހަކަދައްކައިފި، އުންމީދުގެއްލިފައި ހުއްޓާ އެވަރުވީކަން ވެސް ނަސީބު، ޝުކުރުވެރިވުން ހައްޤު... އަހަރެންގެ ބޭނުންވުމާއި މި ހިތުގައި ސިއްރުކުރާ ކަންކަން މޮޅަށް ދެނެވޮޑިގެންވަނީ ﷲ... އޭނާ އިސްވެ އަހަންނަށް ގުޅުން އެއީ ޝައްކެއްނެތި އަހަންނަށް ލެއްވި ބޮޑު ނިޢުމަތެއް..." ފަނޑުވެގެން ދިޔަ ދިރުން އެނބުރި ދާރިއަންގެ މޫނުން ފާޅުވާން ފެށިއެވެ. އޭނާ ދުނިޔެމަތިން އިސްކުރީ އޭނާ ފަދަ ނަފްސެކެވެ. ހުރިހާއެއްޗެއް އޭނާއަށް ގެއްލުނު ނަމަވެސް ހޭޒަލްއާ އޮންނަ ގުޅުން ކެނޑޭކަށް އޭނާ ނޭދެއެވެ. މަރުގެ ވަގުތު ޖެހިމުގެ ކުރީން އޭނާއަށް ވަފާތެރި، ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނޭ ފަދަ އަނތްބަކާއި ދަރިފަސްކޮޅެއް ދެއްވުމަށް އޭނާ އެދެއެވެ. އަދި ހޭޒަލް މިލްކުވުމުގައި ޒައްރެއްގެ މިންވަރު އޮތްނަމަވެސް ދާރިއަންއަށް އޭނާ ހިބަކޮށްދިނުމަށެވެ. ހަމައެއާއެކު އޭނާއަށް ހޭޒަލް ލިބެންނެތްނަމަ ދުވަހަކުވެސް ކަނޑައިގެން ނުދާވަރުގެ ރަޚުމަތްތެރިކަމެއް އެދެމެދުގައި އޮންނަން އޭނާ އެދެއެވެ. ހުރިހާ އުފަލަކާއި ނިޢުމަތެއް ހޭޒަލްއަށް މިންވަރުކޮށްދެއްވުމަކީ ދާރިއަންގެ ހިތުގައި އޮތް ބަދަލުނުވި ދުޢާއެކެވެ. އޭނާ ނާއުންމީދުވާ ވަގުތުތަކުގައި އޭނާގެ ބައިވެރިއަކަށް ﷲ ފުދެއެވެ. ބަސްމަދު ޒުވާނަކަށްވެފައި އޭނާ މީހުންނާ ކަންކަން ޚިއްޞާކުރުން މަދީ އެހެންވެއެވެ.

* * * * * *

ދެއަތުން ފޯނުގައި ހިފަހައްޓާލެވުނު ގޮތަށް ހޭޒަލް އިނީ ފުން ވިސްނުމެއްގައެވެ. އަދިވެސް ހަޤީޤަތާ ކުރިމަތިލާން އޭނާ ހިތްވަރު ބޭނުންވެއެވެ. ދޮގު ހެދުމަކީ އޭނާއަށް އުނދަގޫކަމެކެވެ. ދުވަހަކުވެސް ދާރިއަނާ އަމިއްލަ ޒާތީ ދިރިއުޅުމުގެ ވާހަކައެއް ދެއްކިފައެއްނެތެވެ. އެހެންވެ އޭނާ ގާތު މިހާރު ހޭޒަލްއަކީ މީހެއްގެ އަނތްބެއްނޫނޭ އަދި ދިރިއުޅުންވަނީ ބަދަލުވެފައޭ ބުނަންވުމުން އެކަން އޭނާއަށް ބޮޑުކަމަކަށްވީއެވެ. ދާރިއަން ދެކޭނޭގޮތާއި އޭނާ އެކަމާ ގުޅުވާ ކުރާނޭ ސުވާލުތަކާމެދު ހޭޒަލް ހިތްބިރުގަތީއެވެ. ރިޒްވާނު ބުނިހެން އޭނާ ފޯނުކޯލު އަވަހަށް ކަނޑާލަން ބޭނުންވީ ސުވާލުތަކަށް ޖަވާބުދޭން ބޭނުންނުވީމައެވެ. ހަމައެއާއެކު އިޝްވާގެ ޚިޔާލުތަކާއި އޭނާ ދިން ނަޞޭޙަތްތައް ހޭޒަލްގެ ޟަމީރު ހަނދާންކޮށްދިނެވެ.

"އަހަރެން ބޭރަށް ނުކުމެއްޖެނަމަ ލިއަމްއަށް ފެނިދާނެ... އޭނާ ވެސް އުޅޭތަންމީ، އެކަމަކު... އަހަރެން ކުރިއަށްދާން ބޭނުން، ލިއަމްގެ ހިޔަނި ފެނުނަސް ބިރުން ފިލާ މީހަކަށްވުރެ ސާބިތުކަމާއެކު އެ ހިޔަނި ފަސްދީދާން ބޭނުން، އިޝްވާއާއި މަންމައާއި ރިޒްވާނު ބައްޕަ ވެސް ބުނި އަހަންނަށް ވާނެއޭ، އެމީހުން މިހުރިހާ ދުވަހު އަހަރެންނާއެކު ތިބި، އަހަރެން އެކަންޏެއްނުވާނެކަން މިހާރު އެނގޭ.... ދާރިއަން... އޭނާއަށް އިތުބާރުކުރެވިދާނެތަ؟... ދެން ހުރީ ނަޝާ، އަހަރެން އޭނާއާ ވާހަކަދައްކާހިތްވޭ، އޭނާއާއެކު އޮތް ރަޙުމަތްތެރިކަން ކަނޑާލާކަށް ބޭނުމެއްނޫން، އެކަމަކު... އެކަމަކު އޭނާ އަބަދުވެސް ލިއަމްއަށް ތާރީފުކުރޭ، ޝައްކުވާކަންކަމުގައި އޭނާއާ މަޝްވަރާކޮށް ޚިޔާލު ހޯދިން، ލިއަމްގެ ކުށެއްނެތްކަން ދައްކަން ނަޝާ އަވަސްވެގަނޭ... އެކަމަކު އެއީ އަހަރެންގެ ރައްޓެއްސެއް، ނަޝާއަށް ވެސް އެހެންއެވަނީ އަހަންނަށްވީގޮތަށް ފެންނަ ދަޅައަކީ ހަޤީޤަތެކޭ ހީކުރެވޭތީކަމަށް ވެދާނެ... އިޝްވާ ބުނިހެން މީ އަހަރެން ކުރިމަތިލާންޖެހޭ ކަމެއް، ދެމަފިރިން ވަރިވުމުން ދެމެދުގައި އޮތް ގުޅުން އެހިސާބުން ކެނޑުނީ، މީހުންނަށް ވެސް އެނގޭނެ، އިޝްވާ ބުނި އެއީ އަހަރެން ލަދުގަންނަންޖެހޭވަރު ކަމެއްނޫނޭ، އެހެންމީހުން ރުއްސުމަށް އެހެންމީހުން ކިޔާނެ އެއްޗިއްސަށް ވިސްނާ އެކުގައި ނޫޅެވޭހާލު އެކުގައިވުމެއްނޯވޭ... އޭރުން އަމިއްލަ ނަފްސަށް ހަމަޖެހުމެއްނުލިބޭނެ... އެއީ ރަނގަޅުވާހަކައެއް، ލިއަމްއާ ބައްދަލުވެދާނެތީ ބިރުން އަބަދު ސިހިސިހި ހުރުމަކީ ދިރިއުޅުމެއްނޫން... ކުރިމަތިނުލައި ކުރިއަކަށް ނުދެވޭނެ..."

ޚިޔާލުގެ ފުންކަނޑެއްގައި ފަތަމުންދިޔަ ހޭޒަލް ހިތްވަރުގެ ނިންމުން ނިންމަމުންދިޔައެވެ. ކުރީގަހެން އޭނާ ގޮތްހުސްވެފައި މިހާރު ނުހުރެއެވެ. ޢާއިލާއާއި އޭނާގެ ނަފްސާނީ ޑަކްޓަރުގެ އެހީތެރިކަން ވަރަށް ބޮޑެވެ. ކޮންމެ ކަމެއްގައި އެމީހުންގެ ޚީޔާލު ހޯދުން ހޭޒަލްގެ އާދައަކަށްވެއްޖެއެވެ. އެމީހުންގެ ބަސް އޭނާ ޤަބޫލުކުރެއެވެ. މުޖުތަމަޢުގެ ތެރެއަށް ނުކުމެ އެހެންމީހުން އުޅޭހެން އޭނާ ވެސް އުޅެން ބޭނުމެވެ. އޭނާގެ ޚިޔާލުތައް ހާވިޔާކޮށް ސަމާލުކަން އަތުލީ ބަންގީގެ އަޑެވެ. ކައިރީގައި ހުންނަ މިސްކިތުގެ ބަންގީގެ އަޑާއި އަތުގައި އޮތް ފޯނުން ބަންގިގޮވީ އެއްވަގުތެއްގައެވެ. މަޣްރިބު ނަމާދަށް އަރަން ހޭޒަލް ތައްޔާރުވެލުމަށް އެނދުން ތެދުވިއެވެ.

އިޝާ ނަމާދުން ފޭބިގޮތަށް ހޭޒަލް ކޮޓަރިން ނުކުތެވެ. އަށެއްޖަހަންވާއިރަށް އެންމެ ލަސްވެގެން އެންމެން ރޭގަނޑުގެ ކެއުން ކައި ނިންމާނެއެވެ. އެހެންވެ ނަމާދުން ފައިބާގޮތަށް ސާއިރާ ވަންނާނީ ބަދިގެއަށްކަން ހޭޒަލްއަށް އެނގެއެވެ. އޭނާ ވެސް ބަދިގެއަށް އައީ ކާމޭޒުމައްޗަށް ތަށިތައް ނެގުމުގައި މަންމައަށް އެހީވާށެވެ. އެގެއަކީ މަސައްކަތްކުރާނޭ މީހަކު ގެންގުޅޭ ގެއެއްނޫނެވެ. ކުރާކަމެއްކުރާނީ ސާއިރާއާއި ރިޒްވާނެވެ. ހޭޒަލްއަކީ ހަރަކާތްތެރި އަންހެނެކެވެ. އޭނާ ވެސް މީގެ ކުރީން އުޅުނީ ފިރިމީހާއާއެކު އެކަންޏެވެ. ގޭތެރޭ މަސައްކަތްތައް ކުރަނީ ހޭޒަލްގެ ދެއަތުންނެވެ. އާދަވެފައި ހުރީތީ ދެއަތްއުރާލައިގެން މަންމަ ތައްޔާރުކުރުމުން ކާލައިގެން ހުރުމަކީ ހޭޒަލްގެ ގޮތެއްނޫނެވެ.

"ޒެއްލު ތިއައީ ދޯ... ސެލެޑްކޮޅު މާމަދުވީ" ސަޓަނި ހެދުމަށް ބޭނުންވާ އެއްޗެހި އައިސްއަލަމާރިން ނަގާ ކައުންޓަރުމަތީ ބަހައްޓަމުން ދިޔަ ސާއިރާ ވާހަކަދެއްކިއެވެ.

"އަޅުގަނޑަށް ހީވިއޭ މެންދުރު ހެދުނުވަރު މަދުވާނެހެން، ގެނޭ އަޅުގަނޑު އެއްބައި ކޮށާލާނަން" ސާއިރާގެ ގާތަށް ހޭޒަލް ލެފިލިއެވެ. ކަބަޑުން ބޯތަށްޓަކާއި ތަރުކާރީ ގާނާ އެތި ނަގައި މަސައްކަތުގައި ވަގުތުން ހޭޒަލް މަސްޢޫލުވެލިއެވެ. މަސައްކަތުގައި އުޅެމުން ސާއިރާ އެކިއެކި ވާހަކަދެއްކިއެވެ. އޭނާގެ ގާތްކޮށް އުޅޭ ތިން ރަޚުމަތްތެރީންގެ ތެރެއިން އެކަކުގެ ދަޢުވަތެއް ލިބިފައި އޮތްކަން ހޭޒަލް ގާތު ބުނެލިއެވެ. އޭނާގެ ދަރިފުޅުގެ ކައިވެނި ހަފުލާކަން ސާއިރާ ބުންޏެވެ. ދާން ބޭނުންނުވާކަން ސާއިރާ ހާމަކުރިއެވެ.

"މަންމަ އަބަދު މާލޭގަ ހުންނަންވީމަ ވަރަށް ފޫހިވޭ ދޯ" ހޭޒަލް އަހާލިއެވެ.

"މިހާރު ނުވޭ..." ސާއިރާ ކުރަން ހުރި މަސައްކަތް ހުއްޓާނުލި ނަމަވެސް އޭނާގެ ނަޒަރު ހޭޒަލްއަށް ދަތުރުކޮށްލިއެވެ.

"ސޮރީ އިނގޭ މަންމާ..." ހޭޒަލް ބުނެލިއެވެ.

"ޒެއްލޫ!... ދަރިފުޅު ގާތު އަބަދު މިކިޔަނީ މަންމަމެންގެ ދިރިއުޅުމަށް އުނިކަމެއްނާދޭ މިގެއަށް ދަރިފުޅު އައުމަކުން، އަސްލުވާގޮތަކީ... ކުރިން ގޭގައި ހުރީމަ އެކަނިވަނީ، ތީގެ ދެބެން ވެސް އުޅެން ގަސްދުކުރީ މިގެއިން ބޭރުގަ، ކޮންމެވެސް އެއްކުއްޖަކު ގޭގައި މަޑުކުރިނަމަތާ... މަންމަ އެއްވެސް އިރަކު ބޭނުމެއްނުވޭ ޒެއްލުއާއި ދޮންބެގެ ނިންމުމަކަށް ފާޑުކިޔާކަށް، ތިކުދީންނަށް ކޮންމެ ނިންމުމެއް ނިންމުގެ ފުރިހަމަ އިޚްތިޔާރު އޮންނަންވާނޭކަން މަންމައަށް ވިސްނުނީ، އެހެންވެއޭ މިބުނަނީ މިހާރު ގޭގައި ހުންނަންވީމަ ފޫސެއްނުވެޔޭ، މިހާރު ޒެއްލުއަތުން ހަދާ އެއްޗެހި ވެސް ކާންލިބޭލެއް ގިނަ... އެވެސް ކިހާ ބޮޑު އުފަލެއް... މަންމައަށްވުރެ ކައްކަން ދަރިފުޅު މާމޮޅު، މަންމަ ދަސްކުރަން ބޭނުން އެ ހުރިހާ ރެސިޕީއެއް" ސާއިރާ ހީނލިއެވެ. އެ ހީނލުން ހޭޒަލްގެ ތުންފަތަށް ހިނިތުންވުން ގެނެސްދިނެވެ. އެކުވެރީންގެ ކަންކަމުގައި ބައިވެރިވުމަކީ މުހިންމުކަމެއްކަން ހޭޒަލް ބުންޏެވެ. އެއާއެކު ސާއިރާ ސުވާލުކޮށްލީ ހޭޒަލްގެ ތިބި ރަޙުމަތްތެރީން ކޮބާތޯއެވެ. އެތަނުން އެއްވެސް މީހަކާ ވާހަކަދައްކައިފިންތޯ އޭނާ އެއްސެވެ.

"ނަޝާއަށް ގުޅާލާނަން، އޭނާއަށް ވަގުތެއްވުމުން ބަދަލުކޮށްލަދާނީ... އިތުބާރުކުރެވޭ އެކުވެރިއަކު ހުންނަންވާނެތާ" ހޭޒަލް ބުނެލިއެވެ.

ހޭޒަލް ބުނި ފަދައިން އެރޭ އޭނާ ނަޝާއަށް ގުޅިއެވެ. އެ އެކުވެރިޔާއަށް ވެސް ވީ ދާރިއަންއަށް ވީފަދަ ގޮތެކެވެ. ހައިރާންކަމާއި އަޖައިބުކަމުގެ އިތުރުން ނަޝާ ވެސް ހުރީ ހޭޒަލްގެ ޚަބަރެއްނުވެގެން ހާސްވެފައެވެ. ބައްދަލުކުރަން ބޭނުންވެފައި ހުރިވަރުން ހަމަ އެރޭ ވަގުތު ހުސްކުރިއެވެ. ސާއިރާ ގޮވައިގެން އޭނާގެ ރަޙުމަތްތެރިޔާގެ ގެއަށް ލައިދޭން ރިޒްވާނު ދިޔައިރު އެ ކާރުގައި ހޭޒަލް ވެސް އިނެވެ. ފުރަތަމަ ކާރުން ފޭބީ ސާއިރާއެވެ. އެއަށްފަހު ނަޝާގެ ގެއަށް ހޭޒަލް ގޮވައިގެން ރިޒްވާނުއައެވެ.

"މީ ހޭޒަލް އިތުބާރުކުރާ ގެއެއްތަ؟... ކީއްވެ ގެއަށް އެކުވެރިޔާ ނުގެނައީ" ރިޒްވާނު ކަމަކާ ހާސްވެފައި އިން ކަހަލައެވެ.

"އިޓްސް އޯކޭ... ނަޝާމެންގެއަށް އަޅުގަނޑު އައިސްއުޅެން، މީހުންގެ ގޮތް އެނގޭނީ މީހުންނާ ކުރިމަތިލައިގެން، ބައްޕައެއްނު އެހެންބުނީ" ހޭޒަލް ބަދަލުކޮށްލީ މާނަވީ ހިނިތުންވުމެކެވެ. ބަހެއްނުބުނެ ރިޒްވާނު ބޯޖަހާލިއެވެ. ހިނިތުންވުމެއް ހޭޒަލްއަށް ދިނެވެ.

"ބަލައިގެން ފައިބާތި، ގެއަށްދާންވީމަ ގުލާތި، ފޯނު ގެނައިންތަ؟" ރިޒްވާނު އަހާލިއެވެ. ބައްޕަގެ ފުށުން ފާޅުވާ ހާސްކަން ރަމްޒުކޮށްދެނީ އެހިތުގައި އޮތް އޯގާތެރިކަމާއި ކުލުންވެރިކަން ހޭޒަލް ދެނެގަތެވެ. އޭނާއަށް ހީނލެވުނީ އެހެންވެއެވެ.

"ޑޯންޓްވޮރީ... ފޯނު އެބައޮތޭ..." ހޭޒަލް އަތްދަބަހުން ފޯނު ނަގާ ދައްކާލިއެވެ. އަދި ކާރުގެ ދޮރުފަތް ހުޅުވާލައި ހޭޒަލް ފައިބައިފިއެވެ. ނަޝާމެންގޭ ދޮރުން ހޭޒަލް ވަނުމުން ވެސް ކާރު ދުއްވާލަން ނުކެރިފައި ރިޒްވާނު އިރުކޮޅަކު މަޑުކުރިއެވެ.

* * * * *

"ޒެއްލޫ!..." ސިޓިންރޫމު ސޯފާއިން ތެދުވެގެން ހަލުވިކޮށް އައިސް ދޮރުމަތީ ހުރި ހޭޒަލްގެ ގައިގާ ނަޝާ އޮޅުލައިގަނެއްޖެއެވެ.

"މާޝާﷲ... މިހާރު ހީވަނީ އެހެންމީހެއްހެން، ވަރަށް ރީތި، ޒެއްލުއާ ވަރަށް ގުޅޭ... އަޅެ މީނަ ހާދަ ގޯހޭ!... ކޮންދުނިޔެއެއްގަތަ އުޅުނީ، ތި ދެ މީހުން ރަނގަޅުތަ؟... ޔޫ އޯކޭތަ؟" ނަޝާ ވަގުތުން އަނގަތަޅުވަން ފެށިއެވެ.

"އިހަށް އިށީންނަމާ..." ނަޝާގެ ދެއަތުގައި ހިފަހައްޓާލަމުން ހޭޒަލް ހިނިތުންވެލިއެވެ. ކަމެއް ހަނދާންވިހެން ނަޝާ ނިތްކުރީގައި ޖަހާލިއެވެ. އަދި ހިނިއައިސްފައި ހުރެ ހޭޒަލްގެ އަތުގައި އޭނާ ހިފިއެވެ. އެކުވެރިޔާ ގޮވައިގެން އައިސް ސޯފާގައި ދެ މީހުން އިށީނެވެ.

"ކޮބާ ކުދީންކޮޅު، އައިމަން އެބައުޅޭތަ؟" ހޭޒަލް އަހާލިއެވެ.

"ކުދީން ނިދާފަ، އައިމަންގެ ކޮއްކޮއާއި އޭނާގެ ފިރިމީހާ އައިސްގެން އުޅެނީ، އެމީހުން ތިބޭ ގެއަށް ގޮސް އޭނާވީ... ތިއެއްނޫނޭ، ޒެއްލުގެ ޚަބަރު އަހަންނަށް ކިޔާދީބަލަ، ފޯނަކަށް ނުވެސް ގުޅޭ، ތިގޭ ދޮށަށް ހަތަރުފަހަރަށް ދެވުނު... އެއްފަހަރު ގޭގެ ގޭޓުން ވަދެވުނު، ލިއަމް ނުބުނޭތަ އަހަރެން އައިވާހަކަ... ޒެއްލު ގޭގަ ނޫޅޭވަގުތެއްގައި އަހަންނަށް ދެވުނީ، އެހެންތާވާނީ... ޒެއްލުގެ ފޯނަކަށް ގުޅެނީއެއްނު، އަހަރެން މެސެޖު ވެސް ކުރީން.... ތި ދެ މީހުން އޯކޭތަ؟... އަހަރެންގެ ހިތްބިރުގަނެފަ މިހުންނަނީ، މަގެއްގެ މައްޗަކުން ވެސް ޒެއްލު ނުފެނޭ... އިހަށްދުވަހު ލިއަމް ސައިކަލުމަތީ އިންދާ ފެނިގެން ގޮވާލިން" ނަޝާގެ ވާހަކަ އަވަހެވެ. ދޫހެލޭ ވާހަކަދެއްކުންތެރިއެކޭ އޭނާއެކޭ ތަފާތެއްނެތެވެ.

"އޭނާ ކީކޭ ބުނީ" ލިއަމް ކަންތައްކުރި ގޮތެއް އެނގެން ބޭނުންވެފައި ހުރީތީ އެ ގަސްދުގައި ހޭޒަލް އެއްސެވެ.

"އައި ޑޯންޓް ނޯ... އޭނާ ކަމަކާ ހިތްހަމަނުޖެހިފަ ކަންނޭނގެ ހުރީ، އޭނާ ބަލާލި ގޮތުން ހީވީ ނުދަންނަ މީހަކު ގޮވާލައިގެން ބަލާލިހެން، އެހާ އަވަހަށް މޫނު އަނބުރާލި، ދެން ފެންނަކަމަށް ވެސް ނުހެދި... އޭތި އޯކްވާޑްވެގެން އަހަންނަކަށް ވެސް ނުކެރުން ކައިރިއަށް ދާކަށް... އޭނާގެ ގޮތެއް ވެސް ނޫން ދޯ އެއީ، އަހަރެން ފެންނަންވާއިރަށް އެހެންޏާ އޭނާ ގޮވާލާނެ" ނަޝާ ބުނެލިއެވެ.

"ރީޝާގެ ޚަބަރެއްވިތަ؟" ހޭޒަލް އަހާލިއެވެ.

"އޭނާ އޭރު އަހަރެމެންނާ ގުޅުން ކަނޑާލިގޮތަށް އެއްކޮށް ދުރުވެއްޖެ، މަށެއް ވެސް އަޅައެއްނުލަން... ޒެއްލު ވެސް އަހަރެން ހީކުރީ ދެން ގުޅުން ކަނޑާލީއޭ، ނޭނގޭނެއެއްނު.... އޭތް! ކީއްވެތަ ތިހާ މަޑުން ތިއިންނަނީ؟ ހުރިހާކަމެއް ރަނގަޅުނޫނީތަ؟" ފޯރި ކުޑަވެ ހޭޒަލްގެ ހިމޭންކަން ނަޝާއަށް ފާހަގަވީ އަދިކިރިޔާއެވެ.

"އަހަރެން ޑިވޯސްޑް" ނަޝާއާ ހަތަރުކަޅި ހަމަކޮށްލައިގެން އިނދެ ހޭޒަލް ބުންޏެވެ.

"ވަޓް... ކޮންއިރަކު؟... ޒެއްލު!... އަހަންނަށް ހީވިއޭ ކޮންމެވެސްކަމެއް އޯފްއޭ... ކިހިނެއްވީކަމެއްތީ؟... ލިއަމް ބޭނުންވީތަ؟" ނަޝާއަށް ލިބުނީ ވަރަށް ބޮޑު ސިހުމެކެވެ. އޭނާއަށް ހޭޒަލްގެ ކަނާތު އަތްތިލަ ނަގައި އޭނާގެ ދެއަތުގެތެރެއަށްލާ ހިފަހައްޓާލިއެވެ.

"ނަޝާ... އަހަންނަށް މިހިސާބަށް އަންނަން ހިތްވަރުލިބުނީމަ މިއައީ، މިހާދުވަހު އަހަރެން ހުރީ މިކަމުގައި އެއްވެސް މީހަކާ ކުރިމަތިލާންނުކެރިފަ، އަހަންނަށް ވެސް ޤަބޫލުނުކުރެވިފަ... އަހަންނާއި ލިއަމް، އެހާ ލޯބިން އުޅުނު ދެ މީހުން، އެންމެން ނަމޫނާ ޖޯޑެއްގަ ގޮތުގައި އަހަރެމެން ދެ މީހުން ދުށް، ހޭޒަލްއާއި ލިއަމް ދުވަހަކުވެސް ވަތްކެއްނުވާނޭ އެންމެން ބުނަމުންއައީ... އެ ދެ ނަންވަނީ އަބަދުގެ އަބަދަށް ގުޅިފައިކަން، އެ ދެމީހުން ވަކިވެއްޖެނަމަ ޤިޔާމަތްވާނޭ ބުނި މީހުން ވެސް އެބަތިބި... އަހަރެމެން ދެ މީހުންނަށް އެކަކުއަނެކަކާ ނުލާ ނޭވާ ވެސް ނުލެވޭނޭ ނަޝާ ބުނީމެންނު، އެކަމަކު އެ ދެ މީހުން ވަކިވެއްޖެ، އެ ދެމެދުގައި އޮތް ލޯބި ފަނޑުވެއްޖެ... އިތުބާރު ގެއްލިއްޖެ، ދެން ދުވަހަކުވެސް އެ ދެ ނަން އެކުވުމެއްނުވޭ... އަހަރެން ލިއަމްގެ ގާތުން ވަރިވީ..." ހޭޒަލްގެ ލޯ ފެންކަޅިވާގޮތްވިއެވެ. އަޑުގައި ތުރުތުރެއް އުފެދެންފެށިއެވެ.

"އަޅެ ކީއްވެ؟... ތިހާބޮޑު ބަދަލެއް!... ހައު؟... ވީގޮތް ކިޔައިދީބަލަ؟" ނަޝާގެ މޫނުން ހީވީ ހޭޒަލްގެ ވާހަކަތަކުން އޭނާއަށް ވެސް ވޭން ލިބެމުންދިޔަ ހެންނެވެ.

"އެވާހަކަ ދެއްކުމަށްވުރެ ނުދެއްކުން ރަނގަޅުވާނީ" ހޭޒަލް މަޑުމަޑުން ބުނެލިއެވެ. ނަމަވެސް ނަޝާގެ ހަރަކާތްތަކުން އެގޮތް އޭނާ ޤަބޫލުނުކުރާނެކަން އެނގުނެވެ.

"ނޯވޭ... އަހަންނަކީ ދުރުމީހެއްނޫން، އަހަރެން ދުވަހަކުވެސް ޒެއްލުގެ ސިއްރުތައް މީހަކަށް ހާމަކޮށްފައެއްނޯންނާނެ، އަހަރެން ގާތު ނުބުނެވެންޏާ އަހަންނަށް ޒެއްލުއަށް އިތުބާރުނުކުރެވެނީކަމަށް ޤަބޫލުކުރާނީ... ތިހާ ބޮޑުކަމެއް ދިމާވީއިރު އަހަރެންނަށް އަދިކިރިޔާ މިއެނގުނީ... ޒެއްލު ޕްލީޒް... އަހަންނަށް އަހަރެންގެ ރަޚުމަތްތެރިޔާ އެނގޭ، އޭނާ ލިއަމް ގާތުން ވަރިއެއްނުވާނެ އެއްވެސް ގޮތެއް އޮތްނަމަ، ސޯ ޕްލީޒް... އަހަންނަށް ކިޔާދީބަލަ" ނަޝާ އާދޭސްކުރަންފެށިއެވެ.

ފިނިނޭވާއެއް ލުމާއެކު ނަފްސު ހަމައަކަށް އެޅުވުމަށް ވަގުތުކޮޅެއް ހޭޒަލްއަށް ބޭނުންވިއެވެ. ދައްކަން ބޭނުންނުވިޔަސް ނަޝާއަކީ ކަމެއް ސިއްރުކުރާވަރަށްވުރެ ގާތް ރަޙުމަތްތެރިއެއްކަން ހޭޒަލްއަށް އެނގެއެވެ. މިއަދު އޭނާ ނަޝާގެ ގާތަށް އައިސް އެއިނީ ނަޝާއަކީ އިތުބާރު ހިފޭ މީހަކަށްވާތީއެވެ. އެކުވެރިޔާގެ އަތުން ނަޝާ އެންމެ ހިނދުކޮޅަކަށް ވެސް ދޫކޮށްނުލައެވެ. ހޭޒަލްގެ ނިންމުން އެކުވެރިޔާއަށް އޭނާ ސާފުކޮށްދިނެވެ. ހޭޒަލްއާއި ލިއަމްއާ ދެމެދު ހިނގި ކަންތައްތައް ނަޝާއާ ޚިއްޞާކުރި ހިސާބުން އެ އެކުވެރިޔާގެ މޫނުން ފާޅުވީ ބިރުވެރިކަމުގެ ސިހުމެކެވެ. ބުދެއްފަދައިން އޭނާ ގަޑުވެފައި އިނީ ބަސްހުއްޓިގެންނެވެ. ހަދާނޭ ގޮތެއް ނޭނގުމުން އޭނާއަށް ހޭޒަލްގެ ގައިގާ އޮޅުލައިގަނެވުނީއެވެ. ނަޝާގެ އެ ހަރަކާތުން ހޭޒަލްއަށް އެކުވެރިޔާގެ ހިތުގައިވާ އެއްޗެއް ސާފުވިއެވެ. އޭނާއަށް ހިތްވަރު ލިބުނެވެ. މިފަހަރު ލިއަމް ރައްކާތެރިކުރުމަށް އޭނާއާ އެއްކޮޅަށް ނަޝާ އެންމެ ލަފުޒެއް ވެސް ނުބުނެއެވެ.

"ﷲ ޒެއްލުގެ ހިތާމަތައް ފިލައްވާދޭން... އާމީން..." ހޭޒަލްގެ ބުރަކަށީގައި ފިރުމަމުން ނަޝާއަށް ބުނެލެވުނެވެ. އޭނާ ހޭޒަލްއާ ދުރަށް ޖެހިލުމާއެކު އެކުވެރިޔާއަށް ބަލާލިއެވެ.

"ދިރިއުޅުންދެކެ ފޫހިނުވައްޗޭ... މީ މިއަދު ހުރިގޮތް، މި އިމްތިހާނުގެ ވަގުތު ފާއިތުވުމަށްފަހު ދެން އަންނަން އޮތީ އުފާވެރިކަމަށް ވެސް ވެދާނެ، ޒެއްލު ހިތްވަރުދޫނުކުރާނެކަން އަހަންނަށް އެނގޭ، މީ އެއްވެސް އަންހެނަކަށް ކުރިމަތިލާން ފަސޭހަވާނެ ކަމެއްނޫން، އެކުވެރިވީކަމުގައި ހީނުކުރައްޗޭ، ގެއްލިގެންދިޔަ ބައިވެރިޔާގެ ބަދަލު ﷲ ދެއްވާނީ އެންމެ ފުރިހަމައަށްކަން ޔަގީން، އެފަދަ އުފާވެރިކަމެއް ޒެއްލުއަށް ދެއްވުން އެދި އަހަރެން ދުޢާކުރާނަން" ހޭޒަލްގެ ދެއަތްތިލައިގަ ހިފާލުމާއެކު ނަޝާ މަޑުމަޑުން ބާރުކޮށްލިއެވެ.

"އަލުން ދިރިއުޅުމެއް ފަށާނެ ހިތްވަރެއްނެތް... އެކަމަށް އުންމީދެއް ވެސް ނުކުރަން، މީހެއްގެ އަނތްބަކަށް ވެގެން އަހަރެން އުޅޭނީ ކިހިނެއްކަމެއްނޭނގެ، ދެވަނަ މީހަކަށް އަހަރެން އެފަދަ އިތުބާރެއްކުރާނީ ކިހިނެއް؟..." ހޭޒަލްގެ ހިތުގައިވީ ގޮތް ހާމަކުރިއެވެ.

ހޭޒަލްގެ ފޯނު ރިންގުވީ އެވަގުތެވެ. ހޭޒަލް އަވަސް އަވަހަށް އަތްދަބަސް ހުޅުވާލުމާއެކު ފޯނު ނެގިއެވެ. ދާރިއަންގެ ނަން އިސްކުރީނުގައި ވިއެވެ. އެ ކޯލު ހޭޒަލް ބިޒީކޮށްލިއެވެ. އެއާއެކު ވަގުތުން ދާރިއަން މަސެޖުކޮށްފިއެވެ. ބިޒީނޫނިއްޔާ ވާހަކަދައްކާލަން އޭނާ ބޭނުންވާކަން ބުނެފައެވެ.

"މިވަގުތު ކަމެއްގައި މީނީ... ފަހުން ގުޅާލާނަން" ދާރިއަންގެ މެސެޖަށް ހޭޒަލް ރައްދުދިނެވެ. އެވަރުން ދާރިއަން ޤަބޫލެއްނުކުރިއެވެ. އޭނާ އަނެއްކާ ވެސް މެސެޖު ކުރީ ހޭޒަލް ގުޅާނަންތޯ ޔަގީންކުރަމުންނެވެ. ޔަގީންކަން ހޭޒަލް ދިނުމަށްފަހު އިރުކޮޅަކު މަޑުކޮށްލިއެވެ. ދާރިއަންގެ ޚަބަރެއް ނުވުމުން ފޯނު އަތްދަބަހަށް ލުމަށްފަހު ނަޝާއާ ހޭޒަލް ކުރިމަތިލިއެވެ.

"ދާރިއަންއަކީ ކާކު؟" ނަޝާ އަހާލިއެވެ.

(ނުނިމޭ)