ޕީޕީއެމް

ޕީޕީއެމްގެ ޕްރައިމަރީ ބާއްވަނީ ފެބްރުއަރީ 7 ގައި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ބާއްވާ ގޮތަށް ނިންމައިފި އެވެ.

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޕީޕީއެމްގެ ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ ހަތްވަނަ ދުވަހު ކަމަށެވެ. އަދި ޕްރައިމަރީގައި ގިނަ ބަޔަކަށް އެއްވަރަކަށް ވޯޓު ލިބިއްޖެނަމަ އެ ގޮނޑިތަކުގެ ޕްރައިމަރީގެ އިތުރު ބުރެއް އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާނެ ކަމަށެވެ.

ޕީޕީއެމް އިން ބުނެފައިވާ ގޮތުގައި ކައުންސިލް އިންތިހާބަށް ވާދަކުރާ އެ ޕާޓީގެ ކެންޑިޑޭޓުން ކަނޑައަޅާ ޕްރައިމަރީގައި ވޯޓު ލެވޭނީ އަދި ކުރިމަތި ލެވޭނީ މިދިޔަ ހުކުރު ދުވަހާ ހަމައަށް އެ ޕާޓީއަށް ސޮއިކޮށްފައިވާ މެންބަރުންނަށެވެ. އެހެންކަމުން ދެން އެ ޕާޓީއަށް ސޮއިކުރާ މީހުނަށް ޕްރައިމަރީގައި ބައިވެރިއެއް ނުވެވޭނެ އެވެ.

ޕީޕީއެމްގެ ޕްރައިމަރީއަށް ކުރިމަތިލާން ބޭނުންވާ މީހުނަށް މި މަހުގެ 24 ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް އެ ޕާޓީން ވަނީ ފުރުސަތު ހުޅުވާލާފައިވެ އެވެ.

ޕީޕީއެމްގެ ޕްރައިމަރީ އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު، އެމްޑީޕީގެ ޕްރައިމަރީ ވަނީ މި މަހުގެ 31 ވަނަ ދުވަހު ބާއްވަން ނިންމާފަ އެވެ. އަދި ޖުމްހޫރީ ޕާޓީގެ ޕްރައިމަރީ އަންނަ މަހުގެ 15 ވަނަ ދުވަހު ބާއްވަން ނިންމައިފަ އެވެ. ކެންޑިޑޭޓުން ކަނޑައަޅަން އެތެރޭގެ ޕްރައިމަރީއެއް ބާއްވާނެ ކަމަށް މިހާތަނަށް އިއުލާން ކޮށްފައި ވަނީ މި ތިން ޕާޓީންނެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި 983 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. އޭގެ ތެރެއިން 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރަން ގާނޫނުން ލާޒިމުކޮށްފައިވާތީ 370 ގޮނޑިއަށް އިންތިހާބު ކުރާނީ އަންހެނުންނެވެ. އަދި ކައުންސިލްތަކުގެ އަންހެނުންގެ ކޮމިޓީތަކަށް 930 މެންބަރުން އިންތިހާބު ކުރާނެ އެވެ.