ގއ. ކަނޑުހުޅުދޫގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ ގުޅޭގޮތުން ރަށުތެރޭގައި ދެެކެވޭ ހުރިހާ ވާހަކަތަކަށް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިނުވަނީ ރަސްމީ ސިފައެއްގައި މައްސަލަ ހުށައަޅާފައިނުވާތީ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް އަހްމަދު ޝަހީމް ވިދާޅުވެފައިވާތީ، ހެރިޓޭޖް މިނިސްޓަރު އަދި އެމްއާރްއެމްގެ ފައުންޑަރު ޔުމްނާ މައުމޫން ސުވާލެއް ކުރިމަތި ކުރައްވައިފި އެވެ.
ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ރޭ ބޭއްވި ބައްދަލްވުމަށް އޯޑިއޯ ކޮންފަރެސް މެދުވެރިކޮށް ވާހަކަދައްކަމުން ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް އަހްމަދު ޝަހީމް ވިދާޅުވީ ރަށުތެރޭގައި ދެކެވޭ ކޮންމެ ވާހަކައެއް ރަސްމީ ހައިސިއްޔަތުން ކަމާބެހޭ އިދާރާތަކަށް ހުށައެޅޭނެ ކަމަށް ގަބޫލުނުުކުރައްވާ ކަމަށެވެ.
ނަމަވެސް އުމުރުން ދެ އަހަރު ނުފުރޭ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލަ އާންމު ފަރާތަކުން ހުށައެޅުމާއެކު ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނެސްފައިވާނެ ކަމަށެވެ. އަދި ކައުންސިލުންވެސް އެ މައްސަލައާއި ގުޅިގެން އާއިލާއާއި ވާހަކަ ދައްކާފައިވާނެ ކަމަށެވެ.
ޝަހީމްގެ މި ވާހަކަތަކާއި ގުޅިގެން މިނިސްޓަރު ޔުމްނާ ވަނީ ދެ އަހަރު ނުވާ ތުއްތު ކުއްޖަކު ރަސްމީ ހައިިސިއްޔަތުން ޝަކުވާ ހުށައަޅާނީ ކިހިނެތްތޯ ސުވާލު ކުރައްވާފައެވެ.
"ދެ އަހަރު ނުވާ ތުއްތު ކުއްޖަކު ރަސްމީ ހައިިސިއްޔަތުން ޝަކުވާ ހުށައަޅާނީ ކިހިނެތްތޯ؟." ޔުމްނާ ކުރެއްވި ޓްވީޓެއްގައި ސުވާލު ކުރައްވާފައިވެއެވެ.
ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ހިމެނޭ ހުރިހާ އެންމެނަށް އިސްލާމް ދީނުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ކަނޑުހުޅުދޫ ކައުންސިލުން ވަނީ ގޮވާލާފައެވެ.
އެ ކައުންސިލުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ޖިންސީ ގޯނާގެ އެ މައްސަލަ ކައުންސިލްގެ ސަމާލު ކަމަށް ގެންދިޔައީ މި މަހުގެ 16 ވަނަ ދުވަހު އާންމުންގެ ފަރާތުން ކަމަށާ އެ މައުލޫމާތު ލިބުމާއެކު އަނިޔާ ލިބުނު ކުއްޖާގެ އާއިލާއާއި ބައްދަލުކޮށް މައުލޫމާތު އޮޅުން ފިލުވުމަށްފަހު ކަނޑުހުޅުދޫ ޕޮލިސް ޑެސްކާއި އެ މައްސަލަ ހިއްސާ ކޮށްފައިވާ ކަމަށެވެ.
"... މި އަނިޔާވެރި އަމަލު ހިންގި ފަރާތްތައް ހޯދުމަށްޓަކައި ކަމާބެހޭ އިދާރާތަކަށް ފޯރުކޮށްދޭންޖެހޭ އެންމެހާ އެހީތެރިކަން މި ކައުންސިލުން ފޯރުކޮށްދީފައިވާނެ ކަމުގައި ދަންނަވަން. އަދި މި މައްސަލައާއި ގުޅިގެން ކައުންސިލުން ވަނީ ފުލުހުންގެ އިސްފަރާތްތަކާއި ބައްދަލުކޮށް މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް ކުރެވެން ހުރި މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާކޮށްފައި." އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލްގެ ތިން މެންބަރުން ސޮއި ކުރައްވާ ނެރެފައިވާ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އަނިޔާވެރި އެ އަމަލަކީ ލާއިންސާނީ ދަށުދަރަޖައިގެ އަމަލެއް ކަމުން އެކަމުގައި ބައިވެރިވި ފަރާތްތަކަށް ދީނުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލާ ކަމަށެވެ.
".. އަދި މިރަށު [ކަނޑުހުޅުދޫ] ގައި މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ އެފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށް މި ކައުންސިލުން ފަސްނުޖެހި ދެމިތިބޭނެ ވާހަކަ ދަންނަވަން."
ކުޑަ ކުއްޖާއަށް ޖިންސީ އަނިޔާކުރި މައްސަލާގައި ކުއްޖާގެ ކާފަ އިތުރުން މުނި ކާފަ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެ ކުއްޖާއަށް އިހުމާލުވި ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ބައްޕަ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެ ތިން މީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ.