ހަބަރު

ޖިންސީގޯނާގެ ދައުވާ އުފުލި ކާފަ އާއި މުނިކާފަގެ ޝަރީއަތް މާދަމާ

ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އާއި ގުޅިގެން އެ ކުއްޖާގެ ކާފައާއި މުނިކާފަގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފި އެވެ.

ކުޑަ އަންހެން ކުއްޖާގެ ކާފަ، އުމުރުން އުމުރުން 62 އަހަރުގެ އިބްރާހިމް ދީދީއާއި މުނިކާފަ އުމުރުން 82 އަަހަރުގެ ހަސަން މޫސާ ދީދީގެ މައްޗަށް އުފުލާފައިވަނީ އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު ގެ 15 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުން، އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ، އިބްރާހިމް ދީދީއާއި، ހަސަން މޫސާގެ މައްޗަށް އުފުލާ އެ މައްސަލަ ކޯޓަށް ފޮނުވާފައިވަނީ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ.

އެ ދައުވާގެ އަޑުއެހުމެއް ބޭއްވުމަށް ނިންމާފައިވަނީ މާދަމާ މެންދުރު އެކެއް ޖަހާއިރުއެވެ.

ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވީ ޖަނަވަރީ މަހުގެ ކުރީކޮޅެވެ. އެ ވާހަކަތައް މީޑިއާތަކުން އާންމުންގެ ސަމާލު ކަމަށް ގެނައުމުން މުޅި ގައުމަށް ސިހުން ލިބުނެވެ.

ކަނޑުހުޅުދޫ ކުޑަކުއްޖާގެ މައްސަލައާއި ގުޅިގެން އެކުއްޖާގެ ކާފައާއި މުނިކާފަ ހައްޔަރުކުރީ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އަދި އޭގެ ފަހުން އެ ކުއްޖާގެ ބައްޕަ ފިލައިގެން އުޅެނިކޮށް ވަނީ ހައްޔަރުކޮށްފައެވެ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖާ ރޭޕް ކުރި މައްސަލާގައި އެ ކުއްޖާގެ މަންމަ އާއި ބައްޕަގެ މައްޗަށްވެސް ފަހުން ވަނީ ދައުވާ އުފުލާފައެވެ.

ތުއްތު ކުއްޖާއަށް ބެލެނިވެރިން އަޅާނުލި މައްސަލައިގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން، ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓްނުކުރުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފައެވެ. އަދި ގާނޫނުލްއުގޫބާތުގެ 414 ވަނަ މާއްދާގެ ދަށުން މަންމައަކަށް ނުވަތަ ބައްޕައަކަށް ހުރެ، އެ ގާނޫނުގެ 130 ވަނަ ބާބުގައި އޮތްކުށެއް ކުއްޖާއާ މެދު ކުރުމަކީ، އެކަށީގެންވާ ކަމެއްކަން އެނގިހުރެ އެކަން ހިނގިޔަ ނުދިނުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވުމުގެ ކުށުގެ ދައުވާ ވެސް އެ ކުއްޖާގެ މަންމަ އާއި ބައްޕަގެ މައްޗަށް ވަނީ އުފުލާފައެވެ.