ހަބަރު

ކަނޑުހުޅުދޫ ކުއްޖާގެ މަންމައާ ބައްޕައަށް ދައުވާކޮށްފި

Feb 27, 2020
1

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖާ ރޭޕް ކުރި މައްސަލާގައި އެ ކުއްޖާގެ މަންމަ އާއި ބައްޕަގެ މައްޗަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ދައުވާ އުފުލައިފި އެވެ.

އެ އޮފީހުން މިއަދު ބުނި ގޮތުގައި ކަނޑުހުޅުދޫގައި ތުއްތު ކުއްޖާއަށް ބެލެނިވެރިން އަޅާނުލި މައްސަލައިގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން، ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓްނުކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކަމަށެވެ.

އޭގެއިތުރުން ގާނޫނުލްއުގޫބާތުގެ 414 ވަނަ މާއްދާގެ ދަށުން މަންމައަކަށް ނުވަތަ ބައްޕައަކަށް ހުރެ، އެ ގާނޫނުގެ 130 ވަނަ ބާބުގައި އޮތްކުށެއް ކުއްޖާއާ މެދު ކުރުމަކީ، އެކަށީގެންވާ ކަމެއްކަން އެނގިހުރެ އެކަން ހިނގިޔަ ނުދިނުމަށްޓަކައި އެކަށީގެންވާ ފިޔަވަޅުއަޅާފައިނުވުމުގެ ކުށުގެ ދައުވާ ވެސް މަންމަ އާއި ބައްޕަގެ މައްޗަށް އުފުލާފައިވާ ކަމަށް ބުންޏެވެ.

ކުޑަ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ އެ ކުއްޖާގެ ކާފަ އާއި މުނިކާފަ އެވެ. އެ ދެ މީހުން ވެސް ވަނީ ހައްޔަރުކޮށް ދައުވާ އުފުލާފަ އެވެ. ޝަރީއަތް އަދި ނުފަށަ އެވެ.

މުޅި ރާއްޖެ ސިއްސުވާލި މި ހާދިސާއާ ގުޅިގެން ކުއްޖާގެ ބައްޕަ ވެސް ހައްޔަރުކުރި އެވެ. ނަމަވެސް މިހާރު ވަނީ ދޫކޮށްލާފަ އެވެ. ކުއްޖާގެ މަންމަ އާއި ބައްޕައަކީ ވެސް މަސްތުވާތަކެތި ބޭނުން ކުރާ ކަމުގެ ތުހުމަތުވާ ދެ މީހުންނެވެ.