ކޮންމެ ދުވަހަކުވެސް ޓެލްކަމް ޕައުޑަރު ދަޅެއް ކެއުމަށް ދެވި ހިފާފައިވާ އަންހެނަކު އޭގެ ފުށްދަޅު ގަތުމަށް މިހާތަނަށް 8000 ޕައުންޑް ޚަރަދު ކޮށްފި އެވެ. ލިސާ އެންޑަސަން ނަމަކަށް ކިޔާ 44 އަހަރު އަހަރުގެ މި އަންހެންމީހާ ޓެލްކަމް ޕައުޑަރު ކާން ފެށީ މީގެ 15 ވަރަކަށް އަހަރު ކުރިންނެވެ. އެއީ އޭނާގެ ދަރިފުޅު ފެންވަރުވާފައި ގައިގައި ފުށް ޖައްސަން އުޅުމުގެ ތެރޭގައި އެ ކާ ހިތްވެގެން ފެށި ކަމެކެވެ.
ޓެލްކަމް ޕައުޑަރުގެ އެކި ބްރޭންޑްތަކުގެ ތެރެއިން ލީސާ އަށް މީރު ވެގެން އޭނާ ކަނީ ޖޯންސަންސް ބޭބީ ޕައުޑަރެވެ. ކޮންމެ 30 މިނިޓަކުން އެއްފަހަރު ލީސާ އޭނާގެ އަތްމައްޗަށް ފުށްކޮޅެއް އަޅާލާފައި އަނގައިން އެތެރެއަށް ފޮނުވާލަން ޖެހެ އެވެ. މިކަން އޭނާ ކުރަނީ ގޭގެ ފާޚާނާ ތެރޭގައި ހުރެގެނެވެ.
ފަސް ކުދިންގެ މަންމައަށް 200 ގްރާމް ޓެލްކަމް ޕައުޑަރު ދަޅަކުން ވަނީ އެންމެ ދުވަހަކު އެވެ. ނިދާފައި އޮވެފައި ވެސް ކޮންމެ ރެއަކު ހަތަރު ވަރަކަށް ފަހަރު އޭނާ ފުށްކޮޅެއް ކާން ތެދުވެ އެވެ. ލީސާ ކާން ބޭނުންވާ މި އާދަޔާޚިލާފު ކެއުމަށް އޭނާ އަތުން ހަފުތާއަކު 10 ޕައުންޑް ޚަރަދުވާ ކަމަށް އޭނާ ބުންޏެވެ.
ލީސާ މިކަން ކުރާކަން އޭނާގެ ފިރިމީހާ އަށް ކުރިއަކުން ނާންގަ އެވެ. އޭނާއަށް މީގެ ފަސް އަހަރު ކުރިން އެކަން އެނގުނީ ލީސާ ޓެލްކަމް ޕައުޑަރު ކަނިކޮށް ފެނިގެނެވެ. މިހާރު އޭނާ ދަނީ ޕްރޮފެޝަނަލް އެހީތެރިކަން ހޯދައިގެން މިކަމުން ސަލާމަތް ވެވޭތޯ މަސައްކަތް ކުރަމުންނެވެ.
ލީސާ ދެއްކި ޑޮކްޓަރުން އޭނާ ކައިރީ ވިދާޅުވި ކަމަށް ވަނީ މިއީ ޕައިކާ ސިންޑްރޯމް ކިޔާ ބައްޔެއްގެ ސަބަބުން އޭނާއަށް ކުރިމަތިވެގެން އުޅޭ ކަމެއް ކަމަށެވެ. މި މައްސަލަ ޖެހިފައިވާ މީހުން ކާން ބޭނުންވާނީ އާންމު މީހުން ކައިބޮއި ނޫޅޭ ކޮންމެވެސް އެއްޗެކެވެ.
އިންގްލެންޑްގެ ޑެވޮންގެ ޕެއިންޓަންގައި ދިރިއުޅޭ ލީސާ ޓެލްކަމް ޕައުޑަރު ކާއިރު ފާޑެއްގެ ރަހައެއް ލައެވެ. ނަމަވެސް އޭގައި ލަނީ މީރުވަސް ދުވާ ސައިބޯންޏެއްގެ ރަހައެއް ކަމަށް ލީސާ ބުންޏެވެ.
ލީސާ ބުނި ގޮތުގައި ދުވާލަކު އޭނާއަށް 200 ގްރާމް ޓެލްކަމް ޕައުޑަރު ބޭނުންވެ އެވެ. ލިސާއަށް ޕައިކާ ސިންޑްރޯމް ޖެހުނީ ފަސް ވަނަ ކުއްޖާ ވިހޭތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ. ކުދިން ފެންވަރުވާފައި ރީތި ކުރާއިރު ފުށް ޖައްސާ ހަދާއިރު ވަރަށް މީރުވަސް ދުވާތީ އަބަދުވެސް އެއާ ދިމާލަށް ދަމާ ބާރެއް ހުންނަ ކަން ލީސާ އަށް ފާޙަގަ ކުރެވެ އެވެ. އަދި ފަހުން ރަހަ ބަލާލާ ހިތުން ރަހަ ބަލާލީމަ އެ ކެއުން އާދައަކަށް ވީއެވެ.
ލީސާ ބުނި ގޮތުގައި ފުށްކޮޅެއް ކައި ނުލާ ހިތްވަރު ކޮށްފައި އެންމެ ގިނައިން ވެސް އޭނާއަށް ހުރެވުނީ ދެ ދުވަސް ވަންދެނެވެ. އަދި އެ ދުވަސް ވަނީ އޭނާގެ ހަޔާތުގެ ވެސް އެންމެ ސަކަރާތް ދެ ދުވަހަށެވެ.
ފުށްތައް ކައިފައި ލީސާ އަށް ކޮންމެ ފަހަރަކުވެސް ރަނގަޅަށް ފެން ބޯން ޖެހެ އެވެ. އަދި އެއްވެސް ކަހަލަ އިތުރު ރަހައެއް ހުންނަ ފުށެއް އޭނާއަކަށް ނުކެވެ އެވެ. ކާން ޖެހެނީ ޖޯންސަންސް ބޭބީ ޕައުޑަރުގެ ހުދު ކުލަ އެކަންޏެވެ.
މިއީ ބައްޔެއް ކަމަކަށް ލީސާ ކުރިން ގަބޫލެއް ނުކުރެ އެވެ. ނަމަވެސް ޑޮކްޓަރަށް ދެއްކުން އޭނާގެ ޕައިކާ ސިންޑްރޯމް އާއި އޯސީޑީ އަދި އަޔަން ޑެފިޝަންސީ ހުރިކަން ޔަގީންވި އެވެ. މިހާރު އޭނާއަށް ޑޮކްޓަރީ ފަރުވާގެ އިތުރުން ކައުންސެލިން ވެސް ދޭން ޖެހޭނެކަމަށް ޑޮކްޓަރުން ވަނީ ލަފާ ދީފަ އެވެ.
ލީސާއަށް ހިފިފައިވާ މި އާދައަކީ ސިއްހަތަށް ވަރަށް ބޮޑެތި ގެއްލުން ލިބޭނެ އާދައެކެވެ. ޓެލްކަމް ޕައުޑަރަކީ ޓެލްކް ކިޔާ މިނަރަލް އަކުން އުފައްދާ އެއްޗެކެވެ. ކްލޭ މިނަރަލް އުފައްދަނީ ސިލިކަން، މެގްނީސިއަމް އަދި އޮކްސިޖަން އިންނެވެ.
ނޭފަތުން އެތެރެއަށް ދަމައިގެން ނުވަތަ އަނގައިގެ ޒަރިއްޔާއިން އެތެރެހައްޓަށް ފޯރުވުމުން މިނަރަލް ވިހައަކަށް ވެއެވެ. މީގެ ސައިޑް އިފެކްޓްސްގެ ތެރޭގައި ނޭވާ ލާން އުނދަގޫވުމާއި ކެއުން އަދި ލޯ ހިރުވުން ހިމެނެ އެވެ.
ބައެއް ފަހަރު މިކަމުގެ ސަބަބުން މޭގައި ރިއްސާ ފުއްޕާ މޭ ފޭލްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އަދި ލޭގެ ޕްރެޝާ ދަށްވުމާއި ފިޓްޖެހުން، ބޭރަށް ހިންގުމާއި ހޮޑުލުމަކީ ވެސް ޓެލްކަމް ޕައުޑަރު ބޭނުންކުރަންވާ ގޮތަށް ނޫން ގޮތްގޮތަށް ބޭނުންކުރުމުން ދިމާވެދާނެ ސިއްހީ ނުރައްކާ ތަކެވެ. އަދި ކެންސަރު ޖެހުމާއި އެ ނޫންވެސް ސިއްހީ އިތުރު ނުރައްކާތައް ވެސް ދިމާވުމުގެ ފުރުސަތު އޮވެ އެވެ.
ޓެލްކަމް ޕައުޑަރުން އިންސާނުންނަށް ކެންސަރު ޖެހުމުގެ ނުރައްކާ އޮތް ކަމަށް ވަރަށް ގިނަ ހޯދުންތަކުން ދައްކަ އެވެ. އަދި 2016 ގައި އެމެރިކާގައި ކޮށްފައިވާ ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ޖިންސީ ގުނަވަންތަކުގައި ޓެލްކަމް ޕައުޑަރު ބޭނުންކުރުމުން އޯވޭރިއަން ކެންސަރު ޖެހުމުގެ ފުރުސަތު 33 ޕަސެންޓް އިތުރުވެ އެވެ.