ކުލަބު ގްރީން ސްޓްރީޓްސްގެ މައްޗަށް 5-1 ގެ ނަތީޖާ އަކުން މޮޅުވެ، ދިވެހި ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން މާޒިޔާއިން ހޯދައިފި އެވެ.
މާޒިޔާ ލީގް ޗެމްޕިއަންކަން ހޯދީ އެ ޓީމަށް އިތުރު ތިން މެޗު ކުޅެން އޮއްވަ އެވެ. ގްރީން ސްޓްރީޓް އަތުން މޮޅުވުމުން މާޒިޔާއަށް ލީގް ކަށަވަރުވި ސަބަބަބަކީ، ތާވަލުގެ ދެ ވަނައިގައި އޮތް ކުލަބު އީގަލްސް މިދިޔަ ބުރާސްފަތި ދުވަހު ޓީސީ އަތުން ބަލިވުމުން މާޒިޔާއާ ފަރަގް ކުޑަ ކުރަން ފުރުސަތު ގެއްލުމުންނެވެ.
މާޒިޔާއިން ލީގް ކަށަވަރު ކުރުމުން އެ ޓީމު ވަނީ 2021 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުން ރާއްޖޭގެ ޓީމަށް ލިބޭ ޖާގަ ކަށަވަރު ކޮށްފަ އެވެ. މިއީ މާޒިޔާއިން ދިވެހި ޕްރިމިއާ ލީގް ޗެމްޕިއަންކަން ހޯދި ދެ ވަނަ ފަހަރެވެ. އެ ޓީމުން ފުރަތަމަ ލީގް ޗެމްޕިއަންކަން ހޯދީ 2016 ވަނަ އަހަރު ގްރީންގެ މިހާރުގެ ކޯޗް އަލީ ސުޒޭންގެ ކޯޗް ކަމުގަ އެވެ.
މާޒިޔާގެ ފަސް ލަނޑުގެ ތެރެއިން ހަތަރު ލަނޑަކީ އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) އާއި ހަމްޒާ މުހައްމަދު (ހަމްޕް) ޖެހި ލަނޑުތެކެވެ. އެ ދެ ކުޅުންތެރިންގެ ތެރެއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ.
މެޗު ފަށައިގެން ގްރީން ސްޓްރީޓުން ވަނީ ވަރަށް ރަނގަޅަށް ޑިފެންސް ކޮށްގެން ކުޅެން މަސައްކަތް ކޮށްފަ އެވެ. މާޒިޔާގެ ފުރަތަމަ ލަނޑު މެޗުގެ 27 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ހަބޭސް އިއްބެ އެވެ. ގްރީންސް ޓްރީޓްގެ އޭރިއާގެ ބޭރުން މާޒިޔާއިން ފޮނުވާލި ހަމަލާ ގްރީންގެ ޒުވާން ކީޕަރު ހުސައިން އަލީފް އިބްރާހިމް ދިފާއު ކުރުމުން ރީބައުންސަށް ނުކުތް ބޯޅަ އިއްބެ ވަނީ ގޯލްގެ އަރިމައްޗަށް ވާގޮތަށް ހުރެފައި ގޯލްގެ ތެރެއަށް ބޯޅަ ވައްދާލާފަ އެވެ. މާޒިޔާގެ ދެ ވަނަ ލަނޑު އިއްބެ ކާމިޔާބު ކުރީ ދެ ވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓްގަ އެވެ.
މެޗުގައި ގްރީން ސްޓްރީޓްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު މިސްރުގެ ޑިފެންޑަރު މަހްމޫދުލް އަލް ސައީދު ވަނީ މެޗުގެ 49 ވަނަ މިނެޓްގައި ގްރީންގެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ކުލަބު ގްރީން ސްޓްރީޓްސްގެ ކޯޗް އަލީ ސުޒޭން ބުނީ، ބައެއް ކަންކަން ހަމަނުޖެހޭތީ އެ ޓީމަށް ގަވައިދުން ޕްރެކްޓިސް ނުކުރެވޭ ކަމަށެވެ. އަދި ކަންކަން ހަމަނުޖެހި ހުރުމުން މެޗުގައި ކުޅުންތެރިން މޯޓިވޭޝަން ވަރަށް ބޮޑަށް ދަށް ވެފައި ހުރިކަން ސުޒޭން ފާހަގަ ކުރި އެވެ.
ދެ ވަނަ ހާފުގައި ކާމިޔާބު ކުރި ލަނޑާއެކު ގްރީންގެ ކުޅުންތެރިން ހިތްވަރެއްލައިގެން ކުޅެން މަސައްކަތް ކުރި އެވެ. އެހެންނަމަވެސް އެ ޓީމުގެ ކުޅުމަށް އަސަރު ކުރީ ޑިފެންސުން ހެދުނު މިސްޓޭކުތަކުން ބައިކޮޅަށް ވަން ލަނޑުންނެވެ.
މާޒިޔާގެ ތިން ވަނަ ލަނޑު 73 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އިބްރާހިމް އައިސަމް (ޓޯނީ) އެވެ. އޭނާ ލަނޑު ޖެހީ ހަމްޕް ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ގްރީންގެ އޭރިއާގެ ރޮނގު މަތީގައި ހުރެފައި ގޯލްގެ ތިރީ ކަނަށް ވައްދާލައިގެންނެވެ. މިއީ ޖަނަވަރީ ޓްރާންސްފާގައި ޓީސީ ދޫކޮށް މާޒިޔާއަށް ބަދަލުވި ޓޯނީ މާޒިޔާގެ ޖޯޒީގައި ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ.
ހަމްޕްގެ ފުރަތަމަ ލަނޑު އޭނާ ކާމިޔާބު ކުރީ މެޗުގެ 73 ވަނަ މިނެޓްގަ އެވެ. މާޒިޔާގެ ބިދޭސީ ފޯވަޑް ކޯނޭލިއަސް ސްޓްވާޓް (ކޯނޭ) އޭރިއާ ތެރެއަށް ވަދެ ބޯޅަ ދިނީ އޭރިއާގެ ތެރޭގައި ހުރި ހަސަން ޝިފާޒު (ޑުންގާ) އަށެވެ. ގުރީންގެ ޑިފެންޑަރުން ޑުންގާ މާކު ކޮށްފައި ހުރުމުން އޭނާ އެބޯޅަ ދިނީ އޭރިއާ ތެރެއަށް ވަން ހަމްޕް އަށެވެ. ގޯލްގެ އަރިމައްޗަށް ވާގޮތަށް ހުރެފައި ހަމްޕް ވަނީ އެ ބޯޅަ ގޯލްގެ ތެރެއަށް ވައްދާލާފަ އެވެ. މާޒިޔާގެ ފަސް ވަނަ ލަނޑު ހަމްޕް ކާމިޔާބު ކުރީ އޭރިއާގެ އަރިމަތިން އަރައި ކޯނޭ ދިން ބޯޅަ ހަމްކޮންޓްރޯލް ކުރުމަށް ފަހު ގޯލްގެ ތެރެއަށް ވައްދާލި ލަނޑުންނެވެ.
މާޒިޔާގެ ކޯޗް، މަރުޔާން ސެކްލޮވްސްކީ ބުނީ، ލީގް ކަށަވަރު ކުރިނަމަވެސް ކުރިއަށް ހުރި މެޗުތައް ފަސޭހަ ނުކުރާނެ ކަމަށެވެ. އަދި އޭނާގެ ޓީމުން ވިސްނާނީ ފެއާޕްލޭއަށް ކަމަށާއި އެހެންވެ ކުރިއަށް ހުރި މެޗުތަކަށްވެސް ބަދަލުތަކާއެކު ވަރުގަދައަށް ނުކުންނާނެ ކަމަށެވެ.