ދިވެހި ޕްރެމިއާ ލީގް

ގްރީންގެ މައްޗަށް މާޒިޔާއަށް ބޮޑު މޮޅެއް

ގްރީން ސްޓްރީޓްގެ މައްޗަށް 7-1 ގެ ތަފާތު ބޮޑު ނަތީޖާ އަކުން މޮޅުވެ މާޒިޔާ މޮޅުވެ ތާވަލުގެ ކުރީގައި ހިފަހައްޓައިފި އެވެ.

މާޒިޔާގެ ހަތް ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ. މާޒިޔާގެ ފުރަތަމަ ލަނޑު މެޗުގެ 15 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ނާއިޒު ހަސަން (ދާދު) އެވެ. މުހައްމަދު އުމޭރު ނެގި ކޯނަރު ގްރީންގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އަމްދާން އަލީ (އެންޑީ) ބޮލުން ފޮނުވާލުމުން ގޯލް ކުރިމައްޗަށް ބޯޅަ ހުރަސް ވި އެވެ. ހުރަސްވި ބޯޅަ މެއިން ކޮންޓްރޯލް ކޮށްލައި ދާދު ވެއްޓިގެންފައި އެ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލި އެވެ.

މާޒިޔާގެ ދެ ވަނަ ލަނޑު، އަސަދުﷲ ކާމިޔާބު ކުރީ މެޗުގެ 35 ވަނަ މިނެޓްގަ އެވެ. މުހައްމަދު އުމޭރު ބޯޅަ ހިފައިގެން އޭރިއާގެ ވަނުމުން، އޭނާއަށް ހުރަސް އަޅަން ގުރީންގެ ކީޕަރު އިބްރާހިމް ލަބާން ނުކުތެވެ. ލަބާއަށް ފުރުސަތު ނުދީ އުމޭރު ގޯލް ކުރިމައްޗަށް ބޯޅަ ހުރަސް ކުރި އެވެ. އެ ބޯޅަ ދިފާއު ކުރަން ގުރީންގެ މިސްރުގެ ޑިފެންޑަރު މަހުމޫދު ސައިދު މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި އޭނާގެ ފައިގައި ޖެހުނު ބޯޅަ އަސަދުﷲ އަށް ލިބުނެވެ. އޭނާ ވަނީ ހުހަށް އޮތް ގޯލްގެ ތެރެއަށް ބޯޅަ ވައްދާލަފަ އެވެ.

މާޒިޔާގެ ތިން ވަނަ ލަނޑު ދެ ވަނަ ހާފު ފެށިގެން ހަތް ވަނަ މިނެޓްގައި ކާމިޔާބު ކުރީ އައިސަމް އިބްރާހިމް (ޓޯނީ) އެވެ. ގްރީގެ އޭރިއާގެ އަރިމަތިން އޭރިއާގެ ބޭރުގައި ހުރެފައި އުމޭރު ދިން ބޯޅަ ޓޯނީ ފޮނުވާލުމުން ލަބާންގެ އަތުގައި ޖެހިފައި އެބޯޅަ ވަނީ ގޯލްގެ ތެރެއަށެވެ.

މެޗުގައި ގުރީންގެ ހަމައެކަނި ލަނޑު މެޗުގެ 58 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އޭންހަލް ކަރެސްކޯ މުނޯޒް އެވެ. އެ ލަނޑު ޖެހުމުގައި ގްރީންގެ ހަސަން ނަޒީމް (ޗޯޓް) ގެ މަސައްކަތް ފާހަގަ ކުރެވެ އެވެ. އޭނާއަށް ލިބުނު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ މާޒިޔާގެ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓޭ) ކައިރިން ދެ ފަހަރު ކަޓުވާލި އެވެ. ޗޯޓް ދިން ބޯޅަ މުނޯޒު ވަނީ އެއްފަހަރުން ޖަހައި ގޯލްގެ ތެރެއަށް ބޯޅަ ވައްދާލާފަ އެވެ.

އޭގެ މިނެޓެއް ފަހުން މާޒިޔާގެ ހަތަރު ވަނަ ލަނޑު އަސަދުﷲ ކާމިޔާބު ކުރި އެވެ. ދާދު އޭރިއާގެ އަރިމަތިން ނެގި ހުރަސް އަސަދުﷲ ފޮނުވާލުމުން އެ ބޯޅަ ގޯލަށް ވަނީ ކީޕަރު ލަބާންގެ ގައިގައި ޖެހިފަ އެވެ. މާޒިޔާގެ ފަސް ވަނަ ލަނޑު ހަމްޒާ މުހައްމަދު (ހަމްޕް) ނަގައިދިން ހުރަސް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ލަނޑު ކާމިޔަބު ކުރީ މުހައްމަދު އިރުފާން އެވެ. ގޯލްގެ ކަނާ ދިމާލުގައި ހުރެފައި އިރޭ ބޮލުން ފޮނުވާލި ބޯޅަ ގޯލްގެ މަތީ ކަނަށް އަމާޒުވި އެވެ.

މާޒިޔާގެ ހަ ވަނަ ލަނޑަކީ، އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ކޯނޭލިއަސް ސްޓްވާޓް ކާމިޔާބު ކުރި ލަނޑެކެވެ. ގްރީންގެ އޭރިއާގެ ތެރެއިން އެ ޓީމުގެ ފަރުހާން (ފަރުއްކޮ) އަތުގައި ބޯޅައިން ޖެހުމުން ރެފްރީ އޭނާއަށް ރަތް ކާޑު ދެއްކި އެވެ. މާޒިޔާގެ ހަތް ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔަބު ކުރީ ހަމްޕް އެވެ. ގުރީންގެ ހާފުގެ ތެރެއިން އެ ޓީމުގެ ޑިފެންޑަރު ސައީދު ކުރިއަށް ފޮނުވާލަން އުޅުނު ބޯޅަ ހޯދައި ދާދު ބޯޅަ ދިނީ ހަމްޕް އަށެވެ. އޭރިއާ ތެރެއަށް ވަދެ ހަމްޕް ވަނީ ގޯލްގެ ތެރެއަށް ބޯޅަ ވައްދާލާފަ އެވެ.